ޑޮލަރު ގަންނަން ދޫކުރި 17 މިލިއަން ރުފިޔާ "ގެއްލުނު" މައްސަލައިގެ ތަހުގީގު ނިމިއްޖެ: ފެނަކަ

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ޝަރީފް --- ސަން ފައިލް ފޮޓޯ

ފެނަކަ ކޯޕަރޭޝަނަށް އެއް މިލިއަން ޑޮލަރު ގަތުމަށް ޝަރޫ ލޯންޗް ސާވިސްއަށް ދޫކުރި 17 މިލިއަން ރުފިޔާއަށް ޑޮލަރު ނުލިބި، އެ ރުފިޔާ "ގެއްލުނު" މައްސަލާގައި އެތެރޭގެ ތަހުގީގެއް ކޮށްފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.

އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް "ސަން" އަށް ވިދާޅުވީ، ފެނަކައިގެ ބޯޑު މެންބަރުންނާއި ގާނޫނީ ވަކީލެއް ހިމެނޭ ގޮތުން އެތެރޭގެ ތަހުގީގެއްކޮށް ނިންމާފައިވާ ކަމަށެވެ.

"ކުންފުނީގެ ބޯޑުން ނިންމީ ބޯޑު މެންބަރުންގެ ތެރެއިން އޮޑިޓް ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ދެބޭފުޅުންނާއި އަޅުގަނޑުމެން ނަގާފަ ހުރި ލޯޔަރާ ތިންބޭފުޅުން ހިމެނޭގޮތުގަ އިންވެސްޓިގޭޝަން ޓީމެއް ހައްދަވާފަ އެ މައްސަލަ ހިނގާފަ އޮތީ ކިހިނެއްތޯ ބެލުމަށް،" ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާރު އިންވެސްޓިގޭޝަން ނިމި، ބޯޑަށް ހުށަހަޅަން ތައްޔާރުވެފައިވާ ކަމަށެވެ. އަދި ބޯޑުން މައްސަލައާ މެދު ގޮތެއް ނިންމެވުމުން އިތުރު ފިޔަވަޅެއް އަޅާނެ ކަމަށެވެ.

ޝަރީފް ވިދާޅުވީ މައްސަލާގައި އިހުމާލުވާ ފަރާތްތަކެއް ވާނަމަ އެ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.

އޭގެ އިތުރުން ކުންފުންޏަށް ލިބުނު ގެއްލުން އިތުރަށް ދިރާސާ ކުރުމަށް ފައިނޭންޝަލް ލޮސް އެސެސްމެންޓެއް ހެދުމަށް ބޯޑުން ނިންމަވާފައިވާ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.

"17 މިލިއަން އަޅުގަނޑުމެންގެ ކޭޝްފްލޯއިން ދިއުމުގެ ސަބަބުން އަޅުގަނޑުމެންނަށް ލިބިފަހުރި އެކި ފައިނޭންޝަލް ގެއްލުންތައް ބެލުމަށް އަޅުގަނޑުމެން ވާނީ ފައިނޭންޝަލް ލޮސް އެސެސްމަންޓެއް ވެސް ހެދުމަށް ނިންމާފައި،" ޝަރީފް ވިދާޅުވި އެވެ.

އެގޮތުން ކުރިއަށް އޮތް ހަފްތާއެއްހާ ދުވަސް ތެރޭގައި ފައިނޭންޝަލް ލޮސް އެސެސްމެންޓެއް ހަދަން ބަޔަކާ ހަވާލުކުރާނެ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.

ޝަރޫ ލޯންޗް ސާވިސްއަށް ޑޮލަރު ގަންނަން ދިން 17 މިލިއަން ރުފިޔާ ގެއްލިފައިވާތީ، ފެނަކައިން މިހާރު ވަނީ އެ ކުންފުންޏާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާކޮށްފަ އެވެ. އެ މައްސަލަ މިހާރު ވަނީ ޝަރީއަތަށް ފޮނުވާފަ އެވެ.

comment ކޮމެންޓް