ހުޅުމާލެއާ އެއްކޮށްލި ކްލަބްފަރުގައި ހަފްލާތަކަށް ހާއްސަ ސަރަހައްދެއް ހަދަނީ

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ދަށުން ހިއްކާފައިވާ ސަރަހައްދު --- ފޮޓޯ/ އެޗްޑީސީ

ހުޅުމާލޭގެ ދެ ވަނަ ފިޔަވައްސާ އެއްކޮށްލި ކްލަބްފަރު ރިސޯޓުގައި ހަފްލާތަކަށް ހާއްސަ ސަރަހައްދެއް ތަރައްގީ ކުރަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ނިންމައިފި އެވެ.

އެޗްޑީސީން މިއަދު ވަނީ އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފަ އެވެ. ކްލަބްފަރުގެ ބޮޑު ބައެއް ބޭނުން ކުރަން ނިންމާފައި ވަނީ، ހެރިޓޭޖް އައިލެންޑެއްގެ ގޮތުގަ އެވެ.

އެޗްޑީސީން މިއަދު އާންމުކުރި އިއުލާނެއްގައި ބުނީ، ކްލަބްފަރުގައި "އިވެންޓް ސްޕޭސް"ގެ މަސައްކަތްތައް ކޮށްދޭން ޝައުގުވެރިވާ ފަރާތްތައް އެކަމުގެ އަންދާސީ ހިސާބު ހުށަހަޅަން ހުޅުވާލާފައިވާ ކަމަށެވެ. އަންނަ ފެބްރުއަރީ މަހުގެ ހަތް ވަނަ ދުވަހާ ހަމައަށް އެ ފުރުސަތު އޮންނާނެ ކަމަށް އެ ކުންފުނިން މައުލޫމާތުދެ އެވެ.

އެޗްޑީސީން ބުނީ އަންދާސީ ހިސާބު ހުށަހަޅާ ނިމުމުން އެ މަޝްރޫއަކީ ކިހާ ފީސިބަލް މަޝްރޫއެއްތޯ އާއި މަސައްކަތް ކުރިއަށް ގެންދާނެ ގޮތާ ބެހޭ ގޮތުން މަޝްވަރާކޮށް ޕްރޮޖެކްޓާ ގުޅޭ އިތުރު ތަފްސީލު ފަހުން ހާމަކުރާނެ ކަމަށެވެ.

ކްލަބްފަރުގައި ހަފްލާތަކަށް ކުއްޔަށްދޭ ތަނެއް ހަދަން ނިންމާފައިވީ ނަމަވެސް އެތަނުގެ ސްޓްރަކްޗާ އަދި ފައިނަލެއް ނުކުރެ އެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ދަށުން ހިއްކާފައި ވަނީ، 245 ހެކްޓަރުގެ ބިމެވެ. އެ ބިން ތަރައްގީ ކުރަން އެޗްޑީސީން މަސައްކަތް ފަށާފައިވާއިރު މިދިޔަ އަހަރު އެޗްޑީސީން ވަނީ އެ ބިމުގައި 15،000 ހައުސިން ޔުނިޓް ތަރައްގީ ކުރުމަށް ނިންމައި އެކަން އިއުލާންކޮށްފަ އެވެ.

comment ކޮމެންޓް