އުރީދޫގެ ބޮޑު ހަދިޔާ، މުޅި ރާއްޖެއަށް 4ޖީ ޕްލަސް

އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ، މިއަދު އޮތް ރަސްމިއްޔާތުގައި ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އުރީދޫ މޯލްޑިވްސްއިން މުޅި ރާއްޖެއަށް، އެ ކުންފުނީގެ 4ޖީ ޕްލަސް ނެޓްވޯކް ފުޅާކޮށްފި އެވެ. މިހާރު ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް އުރީދޫ މެދުވެރިކޮށް 4ޖީ ޕްލަސް ނެޓްވޯކުގެ ބޭނުން ކުރެވޭނެ އެވެ.

މިކަން ފާހަގަކުރުމަށް މިއަދު ހޮޓެލް ޖެންގައި ބޭއްވި ޚާއްސަ ހަފްލާގައި، އުރީދޫ މޯލްޑިވްސްގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވީ، މުޅި ރާއްޖެއަށް އުރީދޫގެ 4ޖީ ޕްލަސް ނެޓްވޯކް ފުޅާކުރީ، އުރީދޫ ގްރޫޕުގެ ޗެއާމަންގެ ޚާއްސަ އެދިވަޑައިގަތުމެއްގެ މަތިން ކަމަށެވެ.

އުރީދޫ މޯލްޑިވްސް، ރާއްޖޭގެ ހިއްސާގެ ބާޒާރުގައި ރަސްމީކޮށް ލިސްޓުކުރުމުގެ ހަފްލާގައި ބައިވެރިވެވަޑައިގަތުމަށް އުރީދޫ ގްރޫޕުގެ ޗެއާމަން ޝައިޚް އަބްދުﷲ ބިން މުހައްމަދު ބިން ސައުދު އަލް ޘާނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ރާއްޖެ ވަޑައިގެންނެވި އިރު، ވިކްރަމް ވިދާޅުވި ގޮތުގައި، ރާއްޖޭގެ ހުރިހާ ހިސާބަކަށް 4ޖީ ޕްލަސް ނެޓްވޯކުގެ ޚިދުމަތް ނުލިބޭކަން ޗެއާމަނަށް އެނގިވަޑައިގަތީ، އެބޭފުޅާ ހުންނެވި ރިސޯޓުގައި މަސައްކަތް ކުރާ، އައްޑޫ ސިޓީގެ ޒުވާނެއްގެ ފަރާތުންނެވެ.

13އޮކްޓޯބަރ 2016: އުރީދޫ މޯލްޑިވްސް، ރާއްޖޭގެ ހިއްސާގެ ބާޒާރުގައި ލިސްޓުކުރުމުގެ ރަސްމިއްޔާތުގައި އުރީދޫ ގްރޫޕުގެ ޗެއާމަން ޝައިޚް އަބްދުﷲ ބިން މުހައްމަދު ބިން ސައުދު އަލް ޘާނީ ---ސަން ފޮޓޯ: މުހައްމަދު އަފްރާހް

ވިކްރަމް ވިދާޅުވީ، މުޅި ރާއްޖެއަށް އެ ކަވަރޭޖު ދިނުމުގައި ހުރި ގޮންޖެހުންތަކާ ގުޅޭ މައުލޫމާތު، އުރީދޫގެ ޗެއާމަނަށް އުރީދޫ މޯލްޑިވްސްއިން ދެއްވި ކަމަށެވެ.

"ޗެއާމަން ރާއްޖެއަށް ފުރާވަޑައިގަތްތާ ތިންވަނައަށް ވީ ދުވަހު އަޅުގަނޑަށް ގުޅާފައި ވިދާޅުވި، މުޅި ރާއްޖެއަށް 4ޖީ ޕްލަސް ނެޓްވޯކް ލިބޭނެ ގޮތް ހަދައިދީ، އެޚިދުމަތް ކަސްޓަމަރުންނަށް ކަށަވަރު ކޮށްދެއްވާށޭ. ޗެއާމަން ވިދާޅުވީ، ރާއްޖޭގައި އެކަހެރިކޮށް ހުންނަ ރަށްރަށުގެ ރައްޔިތުންނަށް އިންޓަނެޓު މާ މުހިންމުވާނެ ކަމަށް،" ވިކްރަމް ވިދާޅުވިއެވެ.

ވިކްރަމް ވިދާޅުވީ އެ ވަގުތުން ފެށިގެން، މުޅި ރާއްޖެއަށް 4ޖީ ޕްލަސް ފުޅާކުރުމުގެ މަސައްކަތް ފެށި ކަމަށާއި، ޗައިނާގެ ވާވޭއާ ގުޅިގެން އެންމެ ތިން މަސް ތެރޭގައި މިކަން ކާމިޔާބުކަމާއެކު ކޮށް ނިންމާލެވުމަކީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

"މިއަދު އަޅުގަނޑު ވާހަކަދައްކަމުންދާ އިރު، މުޅި ރާއްޖެއަށް އުރީދޫގެ 4ޖީ ޕްލަސް ކަވަރޭޖު ލިބޭނެ. ކޮންމެ ރަށަކާއި ކޮންމެ ރިސޯޓަކަށް ވެސް އެ ޚިދުމަތް ލިބޭނެ،"

އުރީދޫ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ރޯލްއައުޓު ކުރުމުގައި ހަރަކާތްތެރިވި ޓީމެއްގެ އަގު ވަޒަންކުރަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވިކްރަމް ވިދާޅުވީ ރާއްޖޭގައި އޮތް އުރީދޫ ޓީމަކީ، މިދިޔަ 15 އަހަރުގެ ތެރޭގައިވެސް އޭނާއަށް ތަޖުރިބާކުރެވިފައި ނުވާ ވަރުގެ ޚާއްސަ، އާދަޔާ ޚިލާފު، މަސައްކަތްތެރި ޓީމެއް ކަމަށެވެ. އަދި އުރީދޫ މޯލްޑިވްސް ޓީމުގެ ބުރަ މަސައްކަތާ އެކު، މިވަގުތު އުރީދޫ މޯލްޑިވްސްގެ ނެޓްވޯކަކީ، މި ސަރަހައްދުގެ އެހެނިހެން ނެޓްވޯކުތަކަށް ވުރެ މާ ބޮޑަށް ވެސް ކުރިއަރާފައިވާ ނެޓްވޯކެއް ކަމަށް ވިކްރަމް ވިދާޅުވިއެވެ.

"މިއީ އުރީދޫ މޯލްޑިވްސްއިން މުޅި ރާއްޖެއަށް ދޭ ބޮޑު ހަދިޔާއެއް. މިކަމުން އެތައް ކުރިއެރުމަކަށް މަގުފަހިވާނެކަން ޔަގީން. އަދި ސަރުކާރުން ގެންގުޅޭ، ޑިޖިޓަލް ދިވެހިރާއްޖެއެއް އުފެއްދުމުގެ ތަސައްވަރަށް މިއީ ލިބޭ ވަރަށް ބޮޑު އެއްބާރުލުމެއް،" ވިކްރަމް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި، އުރީދޫ 4ޖީ ޕްލަސް ނެޓްވޯކު ރާއްޖެއަށް ފުޅާކުރުމުގައި އަމަލީގޮތުން ބައިވެރިވި މުވައްޒަފުންގެ ޓީމުތަކުގެ އަގު ވަޒަން ކުރެވުނެވެ.

comment ކޮމެންޓް