ޝިއުނާގެ މަރާ ގުޅިގެން ކާރު ޑްރައިވަރަށް ދައުވާކޮށްފި

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި މަރުވި ފާތިމަތު ޝިއުނާ އިނީ މި ސައިކަލްގެ ފަހަތުގައި ---

ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި މަރުވި ރ. ރަސްގެތީމު، ފާތުމަތު ޝިއުނާ، 28ގެ މަރާ ގުޅިގެން ކާރު ޑްރައިވަރުގެ މައްޗަށް ދައުވާކޮށްފި އެވެ.

އިސްލާމިކް ޔުނިވާސިޓީގެ ލެކްޗަރާއެއް ކަމަށްވާ މުހައްމަދު ޝާހިދާއެކު ސައިކަލު ދުއްވަން ނުކުމެ އުޅެނިކޮށް އެ އެކްސިޑެންޓު ހިނގީ ހުޅުމާލެ ނިރޮޅު މަގުން ދުއްވާފައި ދަނިކޮށެވެ. ފަހަތުން އައި ކާރެއް ސައިކަލުގައި ޖެހި އެކްސިޑެންޓު ހިނގި އިރު، ޝިއުނާ އިނީ ސައިކަލުގެ ފަހަތުގަ އެވެ.

އެ މައްސަލާގައި ދައުލަތުން މީހަކު މަރުވެ ދިޔުމުގައި އިހުމާލުގެ އަމަލެއް ކުރި ކަމުގެ ދައުވާ އުފުލާފައި ވަނީ ގ. ސީވޭވް، އަހުމަދު މަލްދާން އަލީގެ މައްޗަށެވެ.

އޭނާގެ މައްޗަށް ދައުލަތުން ދައުވާ އުފުލާފައި ވަނީ އާގާނޫނުލް އުގޫބާތުގެ 112 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ށ) ގެ ދަށުންނެވެ.

އެ މާއްދާގައި ވާގޮތުން މީހަކު މަރުވެދިޔުމުގައި އިހުމާލުގެ އަމަލެއް ކުރުމަކީ ކުށެކެވެ. އަދި އެފަދަ މީހަކަށް ދެވޭނެ އެންމެ ބޮޑު އަދަބަކީ ހަތަރު އަހަރަށް ޖަލަށް ލުމެވެ.

އެ މައްސަލަ މާދަމާ ކްރިމިނަލް ކޯޓުގައި ވަނީ ތާވަލުކޮށްފަ އެވެ.

އެކްސިޑެންޓުގައި މަރުވި ޝިއުނާއަކީ މީގެ ކުރިން ކައިވެންޏެއްކޮށްފައިވާ މީހެކެވެ. ހަތް އަހަރުގެ ފިރިހެން ކުއްޖަކު ވެސް އޭނާގެ ހުރެ އެވެ. ޝިއުނާ މާލެ އައީ އޭނާގެ މަންމަ އާއި ދައްތަ ހައްޖަށް ފޮނުވާފައި ދައްތަގެ ދަރިފުޅު ބެލުމަށެވެ.

comment ކޮމެންޓް