ފުވައްމުލަކު މާދަޑު މިސްކިތުގެ މުވައްޒަފުންނަށް މުސާރަ ނުދޭތީ، ކައުންސިލް ރަތަށް

ފުވައްމުލައް

ޏ. ފުވައްމުލައް މާދަނޑު އަވަށުގެ މިސްކިތްތަކުގެ މުވައްޒަފުންގެ ކަންތައްތައް ބެލެއްޓުން ކައުންސިލުން ހުއްޓާލައިފިއެވެ.

މާދަނޑު ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ 2015 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން މިއަދާ ހަމައަށް އެ ކައުންސިލުން އައީ އިސްލާމިކް މިނިސްޓްރީއާ އެކު ސޮއިކުރި އެއްބަސްވުމާ އެއްގޮތަށް މިސްކިތްތަކުގެ މުވައްޒަފުންގެ މަސައްކަތް ބަލަހައްޓާފައި ކަމަށެވެ.

މިއަދު އެ މަސައްކަތް ހުއްޓާލަން ޖެހުނީ ވަގުތީ އިމާމުންނާއި މަސައްކަތު މީހުންނާއި ދާއިމީ މުވައްޒަފުންގެ މުސާރަ ގަވާއިދުން ނުދިނުމުގެ މައްސަލަ ތަކުރާރުވާތީ މުސާރަ ދޭންޖެހޭ ދުވަހު ބައެއް މުވައްޒަފުންނަށް މުސާރަ ނުދެވޭތީ ކަމަށެވެ.

ފަސް މަސް ދުވަސް ވީއިރުވެސް ވަގުތީ ގޮތުން ހުކުރު ކުރާ މުވައްޒަފުންގެ މުސާރަ ދެވިފައިނުވާ ކަމަށް ވެސް މާދަނޑު ކައުންސިލުން ބުންޏެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން އިސްލާމިކް މިނިސްޓްރީން ޖާމާކުރާ ފައިސާ އިން މުވައްޒަފުންގެ މުސާރަ ނުދެވޭތީ، މިނިސްޓްރީގެ އެދުމުގެ މަތިން ނޮވެމްބަރު މަހާ ހަމައަށް މުވައްޒަފުންގެ މުސާރަ ދީފައި ވަނީ ކައުންސިލްގެ ރެވެނިއު އިން މަދުވާ ބައިން ޚަރަދުކޮށްގެން ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

"....މިކަން ހައްލުކޮށް މުސާރަ ދެވޭނެގޮތް ހައްދަވައި ދެއްވުން އެދި ސިޓީ ފޮނުވުމުގެ އިތުރަށް ފޯނުން ގުޅައި އެކިފަހަރުމަތިން މިނިސްޓްރީގައި މިވާހަކަ ދައްކަމުން ދަނިކޮށް އިސްލާމިކް މިނިސްޓްރީން ކައުންސިލް ބަދުނާމުކޮށް، މީޑިއާތަކަށް ކަން އޮތްގޮތާ ޚިލާފަށް، ދީފައިވާ ދޮގު މައުލޫމާތަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ،" މާދަނޑު ކައުންސިލުން ބުންޏެވެ.

މިކަމާ ބެހޭ ގޮތުން އިސްލާމިކް މިނިސްޓްރީގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.

comment ކޮމެންޓް