ގޮންޖެހުން ބޮޑަސް ސިޔާސީ ކަންކަމުގައި އަންހެނުންގެ ދައުރު ރާއްޖޭގައި ބޮޑު: ދުންޔާ

ސަވާގެ ބައްދަލުވުމުގައި ދުންޔާ މިއަދު ތަގުރީރު ކުރައްވަނީ -- ފޮޓޯ/ އާވާޒް

ގޮންޖެހުންތައް ބޮޑު ނަމަވެސް، ރާއްޖޭގެ ސިޔާސީ ދާއިރާގައި އަންހެނުންގެ ދައުރު ވަރަށް ބޮޑު ކަމަށް ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.

ޕާކިސްތާނުގެ އިސްލާމްއާބާދުގައި މިހާރު ކުރިޔަށްދާ، ސައުތު އޭޝިއަން ވިމެންސް އެލަޔަންސް (ސަވާ) އޮފް ކޮމިއުނިޓީ ލީޑާރސްގެ ސަރަހައްދީ ބައްދަލުވުމުގައި، ޝަރަފުވެރި މެހުމާނުގެ ގޮތުގައި ދުންޔާ ގެންދަވަނީ ބައިވެރިވެވަޑައިގަންނަވަމުންނެވެ.

އެ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ތަގުރީރުކުރައްވަމުން، ދުންޔާ ވަނީ ރާއްޖޭގައި އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމަށާއި، އަންހެނުން ބާރުވެރިކުރުވުމަށް ކޮށްފައިވާ ކަންކަން، ބައްދަލުވުމުގެ ބައިވެރިންނާ ހިއްސާ ކުރައްވައިފައެވެ. އޭގެ ތެރޭގައި، ސީޑޯ މުއާހަދާ ރާއްޖޭގައި ތަސްދީގުކުރުމާއި، އަންހެނުންނާ ދެކޮޅަށް ކުރާ އަނިޔާ ހުއްޓުވުމުގެ ގާނޫނާއި ޖެންޑާ އީކުއަލިޓީ ގާނޫނު ފަދަ ގާނޫނުތައް ފާސްކޮށްފައިވާކަން ދުންޔާ ފާހަގަކުރެއްވިއެވެ.

މި ކުރިއެރުންތަކާ އެކުގައިވެސް، ސިޔާސީ ދާއިރާގައި އަންހެނުންގެ ދައުރަށް ގިނަ ހުރަސްތަކެއް ކުރިމަތިވާ ކަމަށް ދުންޔާ ވިދާޅުވިއެވެ. ސަބަބެއް ކަމުގައި ދުންޔާ ފާހަގަކުރެއްވީ، މުޖުތަމައުގައި އަންހެނުންގެ ދައުރު ކަމަށް އާންމުކޮށް ގަބޫލުކުރެވިފައިވާ، ސަގާފީ ދައުރުތަކެއް ހުރުމުންނާއި، އެ ވިސްނުން އަދިވެސް މުޖުތަމައުގައި ހުރުމެވެ. ވަކިން ޚާއްސަކޮށް، ދައުލަތުގެ އިސް މަގާމުތަކާއި ސަރުކާރުގެ ސިޔާސަތުތައް ކަނޑައެޅުމުގެ ފަންތީގައި އަންހެނުންނަށް ހަރަކާތްތެރިވުމަށް ވެސް ގޮންޖެހުންތައް އެބަހުރި ކަމަށް ދުންޔާ ވިދާޅުވިއެވެ.

ދުންޔާ ވިދާޅުވީ އަންހެނުންނަށް ސިޔާސީ ދާއިރާގައި އޮތް އެންމެ ބޮޑު އެއް ހުރަހަކީ، ރާއްޖޭގެ ރަށްތައް ޖޯގްރަފީގެ ގޮތުން ބެހިފައިވާ ގޮތުން، ދަތުރުފަތުރު ކުރުމަށް އުނދަގޫވުން ކަމަށެވެ.

ސަވާ ބައްދަލުވުމުގެ ބައެއް ބައިވެރިން -- ފޮޓޯ/ އާވާޒް

"ޕާޓީގެ ބައްދަލުވުންތަކާއި ތަމްރީނުތަކުގައި ބައިވެރިވުމަށް އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމަކީ ރާއްޖޭގައި އުނދަގޫކަމެއް. ބޮޑަށް އެކަން ދިމާވަނީ، އާއިލާތަކުގައި އަންހެނުން އަދާކުރަންޖެހޭ ދައުރާ ހެދި،"

މިފަދަ ގޮންޖެހުންތައް ހުރި ނަމަވެސް، ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީއެއްގައިވެސް ގްރާސްރޫޓު ލެވެލްއާއި އެކި ފަންތިތަކުގައި އަންހެނުންގެ ދައުރު ބޮޑުކަމަށާއި، އަންހެނުންގެ ބައިވެރިވުން އިތުރަށް ދަނީ ބޮޑުވެ، އިތުރުވަމުން ކަމަށް ދުންޔާ ވިދާޅުވިއެވެ.

"އަޅުގަނޑު ގަބޫލުކުރަނީ މުޖުތަމައުއާއި ޕާޓީތަކުގެ ތެރޭގައި އަންހެނުންނަށް ހަރަކާތްތެރިވެވޭނެ، ރަނގަޅު މާހައުލެއް ގާއިމުކުރެވެން ޖެހޭނެ ކަމަށް،" ދުންޔާ ވިދާޅުވިއެވެ.

ދުންޔާ ވަނީ، އެކަމަނާ ފޮރިން މިނިސްޓަރުކަން ކުރެއްވި އިރު، އެ މިނިސްޓްރީގެ ޑިޕްލޮމެޓުންގެ މެޖޯރިޓީއަކީ އަންހެން ކަނބަލުންކަން ފާހަގަކުރައްވައިފައެވެ. އަދި 2015 ވަނަ އަހަރު ޖެނީވާގައި އޮތް ސީޑޯ މުއާހަދާގެ ރިވިއު ބައްދަލުވުމުގައި، އެކަމަނާއާ އެކު ބައިވެރިވި ވަދުފަކީ ހުސް އަންހެން ކަނބަލުންގެ ވަފުދެއް ކަންވެސް ދުންޔާ ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް