އިސްތަންބޫލުގެ ނައިޓް ކްލަބަށް ހަމަލާދިން މީހާ ހައްޔަރުކޮށްފި

އިސްތަންބޫލުގެ ނައިޓްކްލަބަށް ހަމަލާ ދިން ކަމަށް ތުހުމަތު ކުރެވޭ މީހާ -- ފޮޓޯ: އޭޕީ

އިސްތަންބޫލު (ޖެނުއަރީ 17): ތުރުކީގެ އިސްތަންބޫލުގައި އާ އަހަރު ފާހަގަ ކުރަމުން ދިޔަ ނައިޓްކްލަބަށް ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ މީހާ އެގައުމުގެ ފުލުހުން ހައްޔަރުކޮށްފި އެވެ.

ތުރުކީގެ އަންދަލޫ ނޫސް އޭޖެންސީގައިވާ ގޮތުން އެގައުމުގެ ފުލުހުން އަބްދުލްގާދިރު މަޝަރިޕޮވް ނަމަކަށް ކިޔާ މީހާ ހައްޔަރު ކުރީ އޭނާ ހޯދަން އިސްތަންބޫލުގައި ބޮޑު އޮޕަރޭޝަނެއް ކުރިއަށް ގެންދިޔުމަށް ފަހުގައި އެވެ.

ރިޕޯޓުތަކުގައިވާ ގޮތުން ފުލުހުންނަށް މަޝަރިޕޮވް ފެނުނީ އޭނާގެ ހަތަރު އަހަރުގެ ދަރިފުޅާ އެކު، ކިރިގިސްތާނަށް ނިސްބަތްވާ އޭނާގެ އެކުވެރިއެއްގެ ގޭގައި ހުއްޓަ އެވެ. ފުލުހުން ވަނީ އެ އެކުވެރިޔާ އާއި އިތުރު ތިން އަންހެނަކު ހައްޔަރުކޮށްފައި ކަމަށް ތުރުކީގެ ނޫސްތަކުން ބުނެ އެވެ.

ތުރުކީގެ ނޫހެއްގައިވާ ގޮތުން އުޒްބަކިސްތާނުގެ ރައްޔިތެއް ކަމަށްވާ މަޝަރިޕޮވް އިސްތަންބޫލަށް ދިޔައީ މިދިޔަ މަހުގެ 15ގައި އެވެ. އަދި މީގެ ކުރިން އޭނާ ވަނީ އެނާގެ އަނބިމީހާ އާއި ދެ ދަރިފުޅާ އެކު ދިރިއުޅުމަށް އިސްތަންބޫލުން ފްލެޓެއް ކުއްޔަށް ނަގައިފަ އެވެ.

މިއަހަރު ފެށުނު ރޭ އިސްތަންބޫލުގެ ރެއިނާ ނައިޓްކްލަބަށް ދިން ހަމަލާގައި 39 މީހަކު މަރުވި އެވެ. އޭގެ ތެރޭގައި އިސްރާއީލް، ފްރާންސް، ތޫނިސް، ލުބުނާން، އިންޑިއާ، ބެލްޖިއަމް، އުރުދުން އަދި ސައުދީ އަރަބިއާ އަށް ނިސްބަތްވާ މީހުން ހިމެނެ އެވެ. އޭގެ އިތުރުން އެ ހާދިސާގައި 42 މީހަކު ޒަހަމްވި އެވެ.

އިސްލާމިކް ސްޓޭޓް (އައިއެސް) އިން ވަނީ ހަމަލާގެ ޒިންމާ ނަގައި، އެއީ ތުރުކީން ސީރިއާގައި ދެމުންދާ ހަމަލާތަކަށް ބަދަލު ހިފުމުގެ ގޮތުން ދިން ހަމަލާއެއް ކަމަށް ބުނެފަ އެވެ. (ބީބީސީ)

ގުޅޭ ޓެގު
comment ކޮމެންޓް