ކުދި ދޯނިފަހަރަށް ހާއްސަ 35 ހޯސްޕަވަރުގެ އިންޖީނެއް ތައާރަފްކޮށްފި

އެމްޓީސީސީ އިން ތައާރަފް ކުރި 35 ހޯސްޕަވަރުގެ ޔަންމާ އިންޖީނު: އެ އިންޖީނަކީ ކުދި އުޅަނދުފަހަރަށް ހާއްސަ އިންޖީނެއް --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ކުދި ދޯނި ފަހަރުތަކަށް ހާއްސަކޮށްގެން 35 ހޯސް ޕަވަރުގެ ޔަންމާ އިންޖީނެއް މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ އިން) ރާއްޖޭގެ މާކެޓަށް ތައާރަފް ކޮށްފި އެވެ.

އެމްޓީސީސީ އިން މިދިޔަ ޑިސެމްބަރު މަހު ކުރިއަށް ގެންދިޔަ "ކަށަވަރު ޕްރޮމޯ"ގެ ނަސީބުވެރިޔާ ހޮވުމަށް ބޭއްވި ހަފްލާއަށް ފަހު، ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްޓީސީސީގެ އޮފިޝަލެއް ކަމަށްވާ ސާމިހް ޝެހެނާޒް ވިދާޅުވީ، އެ އިންޖީނަކީ ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަށް ކުރިއެރުންތަކެއް ގެނައުމަށް ގަސްތުކޮށްގެން ތައާރާފް ކުރި އިންޖީނެއް ކަމަށެވެ.

"މި އިންޖީނަކީ ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަށް ކުރިއެރުންތަކެއް ގެންނަން ގަސްތުކޮށްގެން އެމްޓީސީސީގެ ޓްރޭޑިން ޑިޕާޓުމެންޓުން ތައާރަފް ކުރެވިފައިވާ އިންޖީނެއް. މި އިންޖީނުގެ ބޭނުން ކުދި ދޯނިފަހަރުތަކަށް، މައިގަނޑު ގޮތެއްގައި ކުދި އަދި މެދު ފަންތީގެ ނޫނީ. ފަރުމަސްވެރި ކަމަށް ހާއްސަކޮށްގެން މި ދުއްވާ ދޯނިތަކަށް ކޮމްޕެޓެބަލް ވެގެންދާނެ ކަމަށް ގަބޫލު ކުރަން،" ސާމިހް ވިދާޅުވި އެވެ.

އެމްޓީސީސީ އިން ތައާރަފް ކުރި 35 ހޯސްޕަރުގެ ޔަންމާ އިންޖީނާ ބެހޭ ގޮތުން ސާމިހް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ --- ސަން ފޮޓޯ/ ފަޔާޒް މޫސާ

އޭނާ ވިދާޅުވީ، އެ އިންޖީނުގެ ޓެސްޓު ފޭސްތަކެއް ކުރިއަށް ގެންދާނެ ކަމަށާއި ޓެސްޓު ފޭސްތަކަށް ފަހު އެ އިންޖީނު ރީޓެއިލް މާކެޓުގައި ކަސްޓަމަރުންނަށް ލިބޭނެ ގޮތް ހަމަޖައްސާނެ ކަމަށެވެ.

އެ އިންޖީނަށް ޕްރީ އޯޑާ ކުރުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ އިރު، ޕްރީ އޯޑާކޮށްގެން އިންޖީނު ގަންނަ ފަރާތްތަކަށާއި ފުރަތަމަ ގަންނަ ފަރާތްތަކަށް ހާއްސަ އަގެއްގައި ލިބޭނެ ކަމަށް ސާމިހް ވިދާޅުވި އެވެ.

އެމްޓީސީސީން ތައާރަފް ކުރި 3.5ގެ ގިޔަރު ބޮކްސް ހިމެނޭ އެ އިންޖީނަކީ 35 ފޫޓަށްވުރެ ކުދި އުޅަނދުތަކަށް ތައާރަފް ކުރި އިންޖީނެކެވެ. އެ އިންޖީނު ވިއްކާނެ އަގު އަދި ފައިނަލް ކުރެވިފައި ނުވި ނަމަވެސް އެމްޓީސީސީން މައުލޫމާތު ދެނީ އެ އިންޖީނުގެ އަގު ދެލައްކަ ރުފިޔާއަށް އަރާނެ ކަމަށެވެ.

އެ އިންޖީނާ ބެހޭ މައުލޫމާތު އެމްޓީސީސީ ޝޯރޫމުންނާއި، އެކުންފުނީގެ ހޮޓްލައިން 3318080 އަށް ގުޅާލުމުން ލިބޭނެ ކަމަށް އެމްޓީސީސީން ބުނެ އެވެ.

comment ކޮމެންޓް