ކަށަވަރު ޕްރޮމޯގެ އެއްލައްކަ ރުފިޔާގެ އައުޓްބޯޑު އިންޖީނު ލިބޭ ނަސީބުވެރިޔާ ހޮވައިފި

އެމްޓީސީސީ "ކަށަވަރު ޕްރޮމޯ" ގެ ލަކީޑްރޯ ނެގުމުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މިދިޔަ ޑިސެމްބަރު މަހު ކުރިއަށް ގެންދިޔަ "ކަށަވަރު ޕްރޮމޯ"ގެ ނަސީބު ވެރިޔާ ހޮވައިފި އެވެ.

އެ ޕްރޮމޯޝަންގެ ނަސީބުވެރިޔާ ހޮވާފައިވަނީ އެމްޓީސީސީ ކަށަވަރު ޝޯރޫމުގައި މިއަދު ބޭއްވި ހަފްލާ އެއްގައެވެ.

އެއްލައްކަ ރުފިޔާގެ އަގުހުރި ސުޒުކީ އައުޓްބޯޑު އިންޖީނުގެ ނަސީބުވެރި ފަރާތަކަށް ހޮވިފައިވަނީ، ކ. ގާފަރު، ނޯމަ، ޔައުގޫބު އަބްދުލް ކަރީމް އެވެ.

ކަށަވަރު ޕްރޮމޯގެ ނަސީބުވެރިޔާއަށް ލިބުނު ސުޒުކީ އައުޓްބޯޑު އިންޖީނު --- ސަން ފޮޓޯ/ ފަޔާޒް މޫސާ

މިދިޔަ ޑިސެމްބަރު މަހުގެ އެކަކުން އެ މަހުގެ ނިޔަލަށް އެ ޕްރޮމޯޝަން ކުރިއަށް ދިޔަ އިރު، ކަށަވަރު ޝޯރޫމުން ގަންނަ ތަކެތި ހާއްސަ އަގެއްގައި ވަނީ ވިއްކާފައެވެ.

ކަށަވަރު ޕްރޮމޯ އަކީ އެމްޓީސީސީގެ ކަށަވަރު ޝޯރޫމުން ވިއްކަމުން އަންނަ ސުޒުކީ އިންޖީނާއި ކާސްޓްރޯލް އަޑީތެލާއި ސިގްމާ މެރިން ޕެއިންޓުގެ އިތުރުން ސްކޮޓް ބެޑާ ފައިބަގްލާސް ރެސިން އާއި އިންޑަސްޓްރިއަލް ގޭސް އަދި ޔަންމާ އާއި ސުޒުކީ ސްޕެއާތަކަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ ޕްރޮމޯޝަނެކެވެ.

މިދިޔަ އަހަރުގެ އިތުރުން 2015 ވަނަ އަހަރުވެސް ކަށަވަރު ޕްރޮމޯގެ ނަމުގައި ވަނީ ޕްރޮމޯޝަނެއް ކުރިއަށް ގެންގޮސްފަ އެވެ. އެ އަހަރު ނަސީބުވެރިއަކަށް ހޮވުނު ފަރާތަށް ދީފައިވަނީ ކަށަވަރު ޝޯރޫމުން ވިޔަފާރި ކުރެވޭ ބައިލައްކަ ރުފިޔާގެ ވައުޗަރެކެވެ.

އެމްޓީސީސީ ކަށަވަރު ޕްރޮމޯޝަނަކީ ކޮންމެ އަހަރެއްގެ ވެސް ފަހުކޮޅު އެ ކުންފުނިން ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ.

comment ކޮމެންޓް