ސާކްސަމިޓަށް ވެހިކަލް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

އޭސީސީގެ ރައީސް ހަސަން ލުތުފީ ---

ސަތާރަ ވަނަ ސާކް ސަމިޓަށް އައްޑޫ ސިޓީއިން 21 ވެހިކަލެއް ކުއްޔަށް ހިފުމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިނުވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.

ސާކްސަމިޓަށް ވެހިކަލް ކުއްޔަށް ހިފުމާ ގުޅޭގޮތުން އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންތައްތައް ތަހުގީގު ކުރުމަށްފަހު މިއަދު އޭސީސީ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ 2011 ވަނަ އަހަރު އައްޑޫ ސިޓީގައި ބޭއްވި 17 ވަނަ ސާކް ސަމިޓަށް އައްޑޫ ސިޓީއިން ކުއްޔަށްހިފި 21 ވެހިކަލް ކުއްޔަށް ހިފުމަށް އިއުލާންކޮށް ބިޑް ހުށަހަޅާފައިވާކަން ތަހުގީގަށް ލިބިފައިވާ ލިޔެކިޔުންތަކުންނާއި ބަޔާންދިން ފަރާތްތަކުގެ ބަހުން އެނގޭ ކަމަށެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ އުޅަނދުތައް ކުއްޔަށް ނަގާފައިވާ ރޭޓްތަކަކީ އާންމުކޮށް އުޅަނދުތައް ކުއްޔަށް ހިފާ ރޭޓްތަކަށްވުރެ ބޮޑު ރޭޓްތަކެއް ކަމަށް އޮޑިޓް ރިޕޯޓްގައި ބަޔާންކޮށްފައިވީނަމަވެސް އުޅަނދުތައް ކުއްޔަށް ނެގުމަށް އައްޑޫ ސިޓީ ކައުންސިލުން ވަކި ރޭޓެއް ހަމަޖައްސާފައިނުވާކަން ތަހުގީގަށް ފާހަގަކުރެވޭ ކަމަށެވެ.

ތަހުގީގަށް ފާހަގަކުރެވުނު ގޮތުގައި ޚިދުމަތާއި ތަކެތީގެ އަގު ޚިދުމަތް ދިން ފަރާތްތަކުންނާއި ތަކެތި ކުއްޔަށްދިން ފަރާތްތަކުން އޭރު ބޮޑުކޮށްފައި ވަނީ އެދުވަސްވަރުގެ ޑިމާންޑަށް ބެލުމަށްފަހު ކަމަށް ވެސް އޭސީސީން ބުންޏެވެ.

ކުއްޔަށްހިފި އުޅަނދުތަކަށް ފުރަތަމަ ދޫކުރި ފައިސާ ދޫކުރުމަށް ތައްޔާރުކުރި ޕޭމަންޓް ވައުޗާ ތަކުގައި އެޑްވާންސްގެ ގޮތުގައި ފައިސާ ދޫކުރި ކަމަށް ބަޔާންކޮށްފައިވީނަމަވެސް، އެ ފައިސާ ދޫކޮށްފައިވަނީ ސާކް ސަމިޓް ނިމުނުފަހުން ކަމާއި ވެހިކަލްތައް ކުއްޔަށްހިފާފައިވަނީ އެގްރިމެންޓްކޮށް ވަކި މުއްދަތަކަށް ކަމަށްވާތީ ކުއްޔަށްހިފި ވެހިކަލްތަކަށް ފައިސާ ދީފައިވަނީ އެގްރިމެންޓް ކުރި މުއްދަތްތަކަށްކަމަށް ލިބިފައިވާ ލިޔެކިޔުންތަކުން އެނގޭ ކަމަށް ވެސް އޭސީސީން ބުންޏެވެ.

އޭސީސީން ބުނީ ސާކް ސަމިޓަށް އައްޑޫ ސިޓީއިން ކުއްޔަށްހިފި ވެހިކަލް ތަކުން ކޮށްފައިވާ ދަތުރުތަކުގެ ތަފްސީލް ބަލަހައްޓާފައިނުވާތީ އެ އުޅަނދުތަކުން ކޮށްފައިވާ ދަތުރުތަކުގެ ތަފްޞީލް އެނގެން ނެތްކަމަށެވެ. ސިޓީ ކައުންސިލުން ބިލްކޮށް ފައިސާ ދީފައިވަނީ ވެހިކަލްތަކުން ކޮށްފައިވާ ދަތުރުތަކަށްކަން ޔަގީންނުކޮށް އައްޑޫ ސިޓީ ކައުންސިލުން އެ ފަރާތްތަކަށް ފައިސާ ދޫކޮށްފައިވާތީ އެއީ ކޮރަޕްޝަނަށް މަގުފަހިވާ ކަމެއްކަމަށް ތަހްޤީޤަށް ފާހަގަކުރެވިފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލާގައި ޖިނާއީ ކުށެއްގެ ދައުވާ ސާބިތުވާ މިންވަރަށް ހެއްކާއި ގަރީނާ ލިބިފައިނުވާ ކަމަށް ވެސް އޭސީސީން ބުންޏެވެ.

"ޖިނާއީ ކުށެއްގެ ދަޢުވާ ސާބިތުވާ މިންވަރަށް ހެއްކާއި ގަރީނާ ލިބިފައިނުވާތީ، މިމައްސަލައިގައި ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނު ގައި ބުނާފަދަ ކޮރަޕްޝަންގެ ޢަމަލެއް ހިންގާފައިވާކަމަށް މިކޮމިޝަންގެ ތަހުގީގަށް ބެލެވެން ނެތުމުން، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ގާނޫނު ގެ 25 ވަނަ މާއްދާގެ (ހ)ގެ 1 ވަނަ ނަންބަރުގައިވާ ފަދައިން މިމައްސަލައަކީ ކޮރަޕްޝަންގެ ކުށެއް އެކުލެވިގެން ނުވާ މައްސަލައެއް ކަމަށް ކަނޑައަޅައި މި މައްސަލަ ވަނީ ނިންމާފައެވެ،" އޭސީސީން ނެރުނު ބަޔާނުގައި ވެއެވެ.

comment ކޮމެންޓް