ފެލިދުއަށް ދަތުރުކުރި މުދާ އުފުލާ ދޯންޏެއް ވާދޫ ފަރަށް އަރައިފި

މުދާ އުފުލާ ބޯޓެއް ފަރަކަށް އަރާފައި-- ސަން ފައިލް ފޮޓޯ

މާލެއިން ފުރައިގެން ވ. ފެލިދުއަށް ދަތުރުކުރި "ލޯކުރި" ނަމަކަށް ކިޔާ 75 ފޫޓުގެ މުދާ އުފުލާ ދޯންޏެއް މާލެ އަތޮޅު ވާދޫ ފަރަށް އަރައިފި އެވެ.

އެމްއެންޑީއެފުން ބުނީ އެ ހާދިސާ ހިނގިކަމުގެ މައުލޫމާތު ލިބިފައިވަނީ ރޭ ދަންވަރު 02:03 ގައި ކަމަށާއި، އެމްއެންޑީފުން އެ ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދެމުން ދާ ކަމަށެވެ.

ދޯނި ފަރަށް އެރި އިރު ފަޅުވެރިންނާ އެކު 12 މީހުން ތިބި ކަމަށާއި، ފަޅުވެރިން ފިޔަވައި ދެން ތިބި އަށް މީހުން މިއަދު ހެނދުނު 05:50 ހާއިރު މާލެ ގެނެސްފައިވާ ކަމަށެވެ.

އެ ދޯނިން ދަތުރުކުރި މީހުންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 11 މީހަކާއި، ދިވެއްސެކެވެ. އެމްއެންޑީއެފުން ބުނީ އެ ދޯނިން ދަތުުރު ކުރި އެއްވެސް މީހަކަށް ގެއްލުމެއް ވެފައި ނުވާ ކަމަށެވެ.

އެ ހާދިސާގައި ދޯނީގެ ބަނޑުފިލައިން މަޑޫގަނޑެއް ނެއްޓި ދޯނި ވަރަށް ބޮޑަށް ދިޔަ ވެފައިވާ ކަމަށާއި، އެ ދޯނި ފުންކުރުމަށް ދޯނީގެ ވެރިފަރާތާއި ގުޅިގެން މިހާރުވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

comment ކޮމެންޓް