ހަނދުގައި އެންމެ ފަހުން ހިނގި މީހާ މަރުވެއްޖެ

ހަނދުގައި އެންމެ ފަހުން ހިނގި މީހާ ކަމަށްވާ އެމެރިކާގެ އެސްޓްރޮނޯޓު، ޔޫޖީން އެންޑްރޫ ސާނަން -- ފޮޓޯ: ނާސާ

ވޮޝިންޓަން (ޖެނުއަރީ 17): ހަނދުގައި އެންމެ ފަހުން ހިނގި މީހާ ކަމަށްވާ އެމެރިކާގެ އެސްޓްރޮނޯޓު، ޔޫޖީން އެންޑްރޫ ސާނަން މަރުވެއްޖެ އެވެ.

ސާނަން އަކީ ދެ ފަހަރެއްގެ މަތިން ހަނދަށް ދިޔަ މީހުންގެ ތެރެއިން އެކަކެވެ. އަދި ހަނދަށް އެންމެ ފަހުން އިންސާނުން ކުރި ދަތުރުގައި 1972 ވަނަ އަހަރު ހަނދުގައި އެންމެ ފަހު ފިޔަވަޅުތައް އެޅި މީހަކީ ސާނަން ކަމަށްވާ އިރު އެ ދަތުރުގެ ކޮމާންޑަރަކަށް ހުރީ ވެސް އޭނާ އެވެ.

ސާނަންގެ އާއިލާއިން ނެރުނު ބަޔާނެއްގައިވާ ގޮތުން އޭނާ މަރުވީ ސިއްހީ މައްސަލަތަކަކަށް ފަހުގަ އެވެ. އޭގެ ތަފްސީލު އާއިލާއިން ދީފައި ނުވެ އެވެ.

އެބަޔާނުގައިވާ ގޮތުން އުމުރުން 82 އަހަރުގައި ވެސް ސާނަން ވަނީ ޖައްވީ ހޯދުންތަކަށް ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. އަދި ހަނދުގައި އެންމެ ފަހުން ހިނގި މީހާގެ ލަގަބު އޭނާ އަށް ދީފައި ބެހެއްޓުމުގެ ބަދަލުގައި ޖައްވީ ދިރާސާތައް ކުރަމުން ދިޔުމަށް ގައުމުގެ ލީޑަރުންނާއި ޒުވާނުންނަށް ހިތްވަރު ދިން ކަމަށް އާއިލާގެ ބަޔާނުގައިވެ އެވެ.

ސާދަ މާޗް 1934ގައި އުފަންވި ސާނަން ނާސާގެ އެސްޓްރޮނޯޓަކަށްވީ 1963 ވަނަ އަހަރެވެ. އަދި އެޕޯލޯ 17 މިޝަންގައި ހަނދަށް ދިޔުމުގެ ކުރިން ސާނަން ވަނީ 1966 އާއި 1969ގައި ޖައްވަަށް ދަތުރުކޮށްފަ އެވެ.

އޭގެ ފަހުން 1976ގައި ރިޓަޔާ ކުރުމަށް ފަހު ސާނަން ވަނީ އޭނާގެ ހަޔާތާ ބެހޭ ޑޮކިއުމެންޓްރީއެއް ޕްރޮޑިއުސްކޮށްފަ އެވެ.

ހަނދުގައި ހިނގި ބާރަ މީހުންގެ ތެރެއިން މިހާރު ދުނިޔޭގައި ތިބީ ހަ މީހުންނެވެ. (ބީބީސީ)

comment ކޮމެންޓް