ކުއްތާއެއް ދިން ހަަމަލާއެއްގައި ގެމްބިއާގެ ރައީސުލްމުންތަޚަބުގެ ދަރިކަލުން އަވަހާރަވެއްޖެ

ގެމްބިއާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އެޑަމާ ބަރޯ -- ފޮޓޯ: އޭއެފްޕީ

ބަންޖުލް (ޖެނުއަރީ 17): ކުއްތާއެއް ދިން ހަމަލާއެއްގައި ގެމްބިއާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އެޑަމާ ބަރޯގެ އަށް އަހަރުގެ ދަރިކަލުން އަވަހާރަވެއްޖެ އެވެ.

އިއްޔެގެ ވަގުތެއްގައި ހަބީބު ބަރޯ އަވަހާރަވީ ކުއްތާއެއް ދަތް އެޅުމުގެ ސަބަބުން ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައި ކަމަށް ރިޕޯޓުތަކުގައިވެ އެވެ. އޭރު ބައްޕާފުޅު ހުންނެވީ ސެނެގާލްގަ އެވެ.

މިދިޔަ މަހު ގެމްބިއާގައި ބޭއްވި ރިޔާސީ އިންތިހާބު ބަރޯ ކާމިޔާބު ކުރެއްވުމާ ގުޅިގެން އެ ގައުމުގެ ވެރިކަމުގައި ހުންނެވި ޔަހުޔާ ޖަމޭހް ވަނީ އިންތިހާބުގެ ނަތީޖާ ގަބޫލު ނުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

އޭގެ ސަބަބުން އަންނަ ބުރާސްފަތި ދުވަހު ވެރިކަމުގެ ހުވާ ކުރަންދެން ބަރޯއަށް އެންމެ ރައްކާތެރި ގޮތަކީ ސެނެގާލްގައި ހުންނެވުން ކަމަށް އެފްރިކާގެ އެހެން ގައުމުތަކުން ވަނީ ލަފާ ދީފަ އެވެ. އެހެންކަމުން ބަރޯއަށް ވަނީ ދަރިކަލުންގެ ޖަނާޒާއަށް ވެސް ދެވޭ ގޮތް ނުވެފަ އެވެ.

ހުޅަނގު އެފްރިކާގެ ގައުމުތަކުގެ ސަރަހައްދީ ޖަމްޢިއްޔާ (އިކޯވޯސް) އިންވަނީ ރައީސް ޖަމޭހް މަގާމުން ދުރުކުރުމަށް ޓަކައި އެ ޖަމްއިއްޔާގެ ގައުމުތަކުގެ ސިފައިން ހިމެނޭ ބޮޑު ލަޝްކަރެއް ގެންބިޔާއަށް ވަނުމަށް ތައްޔާރުވަމުންދާ ކަމުގެ އިންޒާރު ދީފަ އެވެ.

ގެމްބިއާގެ ނޫހެއްގައިވާ ގޮތުން ދީންވެރި މުސްލިމެއް ކަމަށްވާ ބަރޯގެ ދެ އަނބިކަނބަލުންނާއި، ފަސް ދަރިކަލުން ތިއްބަވަ އެވެ. (ބީބީސީ)

ގުޅޭ ޓެގު
comment ކޮމެންޓް