ޔޯކްގެ އަސަރުގަދަ މެސެޖެއް ދިވެހި ކުޑަކުދިންނަށް

މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ފޯވާޑް، ޑްވައިކް ޔޯކް ދިވެހި ކުޑަކުދިންނާ އެކު: ދިރިއުޅުމުގައި ދިމާވި ހާދިސާތަކުގެ ވާހަކަތަކެއް ކުޑަކުދިންނާ ހިއްސާކުރި--- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މިއީ އާދައިގެ ކުޅުންތެރިއެއް ނޫނެވެ. ފުޓްބޯޅައިގެ ކެރިއަރުގައި އޭނާ ކާމިޔާބު ކުޅުންތެރިޔަކަށްވީ އާދަޔާ ހިލާފު ހިތްވަރުގެ ސަބަބުންނެވެ. ފަހު ވަގުތުގައި ވެސް "ކަށިން ހިތްވަރު" ނެރޭ ކުޅުންތެރިއެއްގެ ގޮތުގަ އެވެ. އެކަން ސާބިތުކޮށްދެނީ އޭނާގެ އުފަން ގައުމު ޓްރިނާޑް އެންޑް ޓޮބޭގޯ ފުރަތަމަ ފަހަރަށް ވޯލްޑްކަޕަށް ކޮލިފައި ކޮށްދިނުމުގައި 2006 ކުރި ބުރަ މަސައްކަތެވެ. ޓްރިނާޑް އެންޑް ޓޮބޭގޯ ގައުމީ ޓީމަށް 1989 ވަނަ އަހަރުން ފެށިގެން 20 އަހަރު ކުޅެދީފައިވާ ޑްވައިޓް ޔޯކް އިއްޔެ ވަނީ ގައުމީ ފުޓްބޯޅަ ދަނޑުގައި ދިވެހި ކުޑަކުދިންނާ ބައްދަލުކޮށް، ހިތްވަރުގެ މެސެޖެއް ރައްދުކޮށްދީފަ އެވެ.

އަހަންނަކީ ވެސް ކުޑަ ގައުމަކުން އައި މީހެއް. އެހެންވީމަ ގައުމު ކުޑަވެގެން ކުރި އެރުން ނުލިބޭނެ ކަމަށް ހީކޮށް އުންމީދު ކަނޑާލައިގެން ނުވާނެ ޑްވައިޓް ޔޯކް

"އަހަންނަކީ ވެސް ކުޑަ ގައުމަކުން އައި މީހެއް. އެހެންވީމާ ގައުމު ކުޑަވެގެން ކުރި އެރުން ނުލިބޭނެ ކަމަށް ހީކޮށް އުންމީދު ކަނޑާލައިގެން ނުވާނެ،" މިލިއަނެއްހާ މީހުން ދިރިއުޅޭ ގައުމަކުން އުފެދުނު ކުޅަދާނަ ކުޅުންތެރިޔާ ޔޯކް ބުންޏެވެ.

ޔޯކްއަކީ ފަގީރު އާއިލަކުން ފުޓްބޯޅައިގެ ހަޔާތް ފެށި ކުޅުންތެރިއެކެވެ. ބައްޕަގެ އަނިޔާވެރިކަމުގައި ނުވަ ދަރިން ގޮވައިގެން މަންމަ ތަހަންމަލް ކުރި ވޭނުން ސަލާމަތްކޮށްދިނުމުގައި ޔޯކް ވަނީ "ނަމޫނާ ދަރިއެއްކަން" ސާބިތުކޮށްދީފަ އެވެ.

މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ފޯވާޑް ޔޯކް ކައިރީގައި އެފްއޭއެމްގެ ރައީސް ބައްސާމް: ފުޓްބޯޅައިގެ ހަޔާތުގައި ދިމާވި އެކިއެކި ހާދިސާތަކާއި ހިތާމަވެރި ދަނޑިވަޅުތަކުގައި އަމަލު ކުރި ގޮތުގެ ވާހަކަތައް ޔޯކް ކިޔައިދިން ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ޖާޒީރާ ގައުމެއް ކަމަށްވާ ޓްރިނާޑް އެންޑް ޓޮބޭގޯގެ ކުޑަ އަވަށެއް ކަމަށްވާ، "ކެނާން"އަށް އުފަން ޔޯކް ދިވެހި ކުޑަކުދިންނަށް ބައްދަލުކޮށް އިއްޔެ ބުނީ އަބަދުވެސް އަމާޒެއް ކަނޑައަޅައިގެން މަސައްކަތް ކުރުމަށެވެ. ކޮންމެ ކަމެއް ކުރާއިރު ވެސް އެ އަމާޒު ހަނދާން ކުރުމަށާއި ބޭނުންވާ ލަނޑުދަނޑިއާ ހިސާބަށް ދެވެންދެން ހިތްވަރާ އެކު މަސައްކަތް ކުރުމަށެވެ.

ދިވެހި ފުޓްބޯޅަގެ މުސްތަގުބަލަކީ ކުޑަކުދިން ކަމަށާއި އެކުދިން ފުޓްބޯޅައިން ކުރިއަށް ދިޔުމަށް ޔޯކް ވަނީ ހިތްވަރު ދީފަ އެވެ.

އިނގިރޭސި ޕްރިމިއާ ލީގު މެންޗެސްޓާ ޔުނައިޓެޑަށް ތިން ފަހަރަށް ހޯދައި ދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްދިން ފޯވާޑް، ޔޯކް ވަނީ އޭނާގެ ފުޓްބޯޅައިގެ ހަޔާތުގައި ދިމާވި އެކިއެކި ހާދިސާތަކާއި ހިތާމަވެރި ދަނޑިވަޅުތަކުގައި އަމަލު ކުރި ގޮތުގެ ވާހަކަތައް ދިވެހި ކުޑަކުދިންނަށް ކިޔައި ދީފަ އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ފޯވާޑް، ޔޯކް ދިވެހި ކުޑަކުދިންނާ ބައްދަލުކޮށް ވާހަކަ ދައްކަނީ: ބޭނުން ސުވާލެއް ކުރުމުގެ ފުރުސަތު ކުޑަކުދިންނަށް ހުޅުވާލި --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ބޭނުން ސުވާލެއް ކުރަން ކުޑަކުދިންނަށް ފުރުސަތު ހުޅުވާލުން، އެންމެ ފުރަތަމަ ޔޯކަށް އަމާޒު ކުރި ސުވާލަކީ އޭނާގެ ގައުމީ ޓީމަށް ވޯލްޑްކަޕް އެއްވެސް އިރެއްގައި ކާމިޔާބު ކުރެވިފައިވޭތޯ އެވެ؟

"ނޫން. ކާމިޔާބެއް ނުކުރެވޭ. ބައިވަރު ޓްރޮފީތަކެއް ހޯދިފައިވާނެ،" އަބަދުވެސް ހެވިފައި ހުންނަ ޔޯކް ކުޑަކުދިންނާ ރައްޓެހި ގޮތަކަށް ޖަވާބު ދެމުން ބުންޏެވެ.

ޔޯކްއާ ބައްދަލު ކުރި ކުޑަކުދިންނަކީ އެފްއޭއެމްގެ އެކަޑަމީ "ގްރާސް ރޫޓް"ގައި އުޅޭ ކުދިންނެވެ. އެފްއޭއެމްގެ ގްރާސް ރޫޓަކީ ކުޑަކުދިން ފުޓްބޯލައަށް އަހުލުވެރިކޮށް، ތަމްރީނުތައް ހޯދައިދޭ އެކަޑަމީއެކެވެ. އެ އެކަޑަމީގައި ގިނައީ މާލޭގެ ސްކޫލުތަކަށް ނިސްބަތްވާ ކުޑަކުދިންނެވެ.

ޔޯކްގެ ވާހަކަތަކުން ކުޑަކުދިން އުފާވެ، ހެވިފައި: ޔޯކް ބައްދަލު ކުރި ކުޑަކުދިންނަކީ އެފްއޭއެމްގެ އެކަޑަމީ "ގްރާސް ރޫޓް"ގައި އުޅޭ ކުދިން---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އިއްޔެ ހަވީރު ބޭއްވި ކުޑަކުދިންގެ ހަވީރުގައި އެފްއޭއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ އިތުރުން އޭނާގެ ނައިބު ރައީސާ އައިޝަތު ނާޒިމާ ބައިވެރިވެވަޑައިގެންނެވި އެވެ.

ކުޑަކުދިންނާ ޔޯކް ބައްދަލު ކުރި ހަވީރުގައި، އެ ކުދިންގެ ބެލެނެވެރިން ވެސް ބައިވެރިވި އެވެ. އަދި ބައެއް ދިވެހިން ޔޯކްއާއެކު ފޮޓޯ ނަގައި، އޮޓޯގްރާފް ހޯދި އެވެ.

comment ކޮމެންޓް