ކަރަން ޖޯހަރުގެ ބަޔޮގްރަފީ ލޯންޗުކޮށްފި، ނޭނގޭ ގިނަ ވާހަކަތަކެއް!

ގިނަ ބަޔަކު އިންތިޒާރު ކުރަމުން ދިޔަ، ބޮލީވުޑްގެ ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ކަރަން ޖޯހަރުގެ ބަޔޮގްރަފީ ރަސްމީކޮށް ލޯންޗްކޮށްފި އެވެ.

ކަރަންގެ ހަޔާތުގެ މައްޗަށް ލިޔެފައިވާ ފޮތް، 'އޭން އަންސުއިޓަބަލް ބޯއި' ލޯންޗް ކޮށްދިނީ އޭނާގެ އެންމެ ގާތް އެކުވެރިޔާ އަދި ބޮލީވުޑްގެ ރަސްގެފާނު ޝާހް ރުކް ޚާން އެވެ.

ފޮތް ލޯންޗް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، އާލިއާ ބަޓް، ސިދާރްތު މަލޯތުރާ، ޝަކުން ބަޓްރާ، ޕުނީތު މަލޯތުރާ އަދި ގޯރީ ޚާން ފަދަ ފަންނާނުން ވަނީ ބައިވެރިވެފައެވެ.

އެ ފޮތުގައި ވަނީ ކަރަން އެންމެ ކުޑަ އިރުން ފެށިގެން، ފިލްމު އިންޑަސްޓްރީ އަށް ނުކުމެވުނު ގޮތުގެ ވާހަކަތަކާއި، އޭނާގެ ހަޔާތާ ގުޅޭ އެހެނިހެން ވެސް މުހިންމު ވާހަކަތަކެވެ.

ކަރަންގެ ބަޔޮގްރަފީ ރިލީޒްކޮށްފައި ވަނީ އިންޑިއާގެ މަޝްހޫރު ކޮލަމްނިސްޓް އަދި ލިޔުންތެރިޔާ ޝޯބާ ދޭގެ، 'ޝޯބާ ދޭ ބުކްސް' ބެނާ ގެ ދަށުންނެވެ.

ބަޔޮގްރަފީ ލޯންޗް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ކަރަން ބުނެފައި ވަނީ އެ ފޮތުގައި އޭނާ ހާމަކުރަން ބޭނުން ހުރިހާ ވާހަކަތަކެއް ހިމަނާފައި ވާނެ ކަމަށެވެ.

ކަރަންގެ ބަޔޮގްރަފީގައި، ކަރަން އަދި ޝާހްރުކް ޚާންގެ ގާތް އެކުވެރިކަމާ، ދެމީހުންގެ ދޭތެރޭ ޖެހުނު މައްސަލަ އާއި މައްސަލަ ހައްލު ކުރި ގޮތުގެ ވާހަކަތައް ހިމަނާފައިވެ އެވެ.

ހަމަ އެއާއެކު، ބަތަލާ ކާޖޮލް އާ ދެމީހުންގެ 25 އަހަރުވީ ގާތް ގުޅުން ހީނަރުވެގެން ދިޔަ ސަބަބާއި، ބަތަލާ ކަރީނާ ކަޕޫރު އާ ދޭތެރޭ މައްސަލަ ޖެހުނު ސަބަބު ވެސް ކަރަން ވަނީ ހާމަކޮށްފައެވެ.

އޭގެ އިތުރުން ކުޑަކުދިން ދެކެ އޭނާ ލޯބިވާ މިންވަރާއި، ކުއްޖަކު އެޑޮޕްޓު ކުރުމުގެ ވިސްނުން ހުރި ކަމަށް ވެސް ބުނެފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

comment ކޮމެންޓް