ރެމިޓެންސް ޓެކުހަށް މަކަރު ނުހެދޭ ގޮތަށް ގަވާއިދު އިސްލާހުކޮށްފި

ބިދޭސީންތަކެއް: ބިދޭސީން ބޭރަށް ފޮނުވާ ފައިސާއިން ނަގާ ޓެކުހަށް މަކަރު ނުހެދޭ ގޮތަށް ގަވާއިދު ވަނީ އިސްލާހުކޮށްފައި -- ސަން ފައިލް ފޮޓޯ

ދިވެހިރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ އަތުން ނަގަން ނިންމާފައިވާ ރެމިޓެންސް ޓެކްސް ދެއްކުމުގައި މަކަރު ނުހެދޭ ގޮތަށް ގަވާއިދު އިސްލާހުކޮށްފި އެވެ.

ވަޒީފާއާ ބެހޭ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހެއްގެ ދަށުން، އޮކްޓޫބަރު އެއްވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ވަޒީފާ އަދާކުރާ ކޮންމެ ބިދޭސީއަކަށް އެމީހުންގެ މުސާރަ ދޭންޖެހޭނީ އެމީހުންގެ ނަމުގައި ރާއްޖޭގައި ހުޅުވާފައިވާ ބޭންކް އެކައުންޓަކަށް ޖަމާކޮށްގެންނެވެ. އަދި ބިދޭސީން ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާގެ ތިން ޕަސަންޓު، ރެމިޓެންސް ޓެކްސްގެ ގޮތުގައި ދައުލަތުން ނަގައެވެ.

މީރާއިން ބުނީ އަލަށް ގެނެސްފައިވާ އިސްލާހާއެކު ބިދޭސީއެއްގެ ޑިޕެންޑަންޓެއް ނުވަތަ ދިވެއްސެއް، ބިދޭސީއެއްގެ ފަރާތުން ރާއްޖެއިން ބޭރަށް ފައިސާ ފޮނުވައިދޭނަމަ ނުވަތަ ބިދޭސީ މުވައްޒަފު އެހެން ގައުމެއްގައި ހުޅުވައިފައިވާ ބޭންކު އެކައުންޓަކަށް ފައިސާ ފޮނުވާނަމަ، އެ ފޮނުވާ ފައިސާއިން ރެމިޓެންސް ޓެކްސް ދައްކަން ޖެހޭނެ ކަމަށް ކަނޑައަޅާފައި ވާ ކަމަށެވެ.

މީގެ އިތުރުންވެސް، ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީން، ދިވެހިރާއްޖޭގައި ހިންގާ ބޭންކަކުން ދޫކޮށްފައިވާ ޕްރީޕެއިޑް ކޭޝް ކާޑެއް ބޭނުންކޮށްގެން، ދިވެހިރާއްޖެއިން ބޭރުން ނަގާ ނަގުދު ފައިސާއިން ރެމިޓެންސް ޓެކްސް ނަގަންޖެހޭނެކަމަށް ރެމިޓެންސް ޓެކްސް ގަވާއިދަށް ގެނައި އިސްލާހުގައި ބުނެފައިވެ އެވެ.

އެއިސްލާހާއެކު، ގަވައިދާ ހިލާފަށް ފައިސާ ފޮނުވަން އުޅޭ ފަރާތްތަކާއި ދޭތެރޭ ފިޔަވަޅު އަޅަން ވަނީ ނިންމާފައެވެ. ވަޒީފާއާ ބެހޭ ޤާނޫނުގައި ވާ ގޮތުން، ރެމިޓެންސް ޓެކްސް ދެއްކުމުން ބަރީޢަވާން މަސައްކަތްކޮށްފިނަމަ ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާއާ އެއްވަރުގެ އަދަދަކުން ޖޫރިމަނާވާނެ އެވެ.

comment ކޮމެންޓް