އަހަރެން މި އައީ ވަރަށް ބޮޑު މަސައްކަތެއްގައި: ނިއުގެ އާ ކޯޗު

ނިއު ރޭޑިއަންޓުގެ ކުޅުންތެރިންނަށް އިރުޝާދު ދިނުމުގައި އެ ކްލަބުގެ އާ ކޯޗު ބެނާޑޯ ޓަވަރެސް (ވ): ސީޒަނަށް ނިއުގެ ސްކޮޑު ވަނީ ވަރުގަދަކޮށްފައި-- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ނިއު ރޭޑިއަންޓާ ހަވާލުވާން ރާއްޖެ އައީ ފަތުރުވެރިއެއްގެ ގޮތުގައި މޫދަށް އެރި މަޖާކޮށްލުމަށް ނޫން ކަމަށާއި ނިއުއާ ހަވާލުވީ ވަރަށް ބޮޑު މަސައްކަތެއްގައި ކަމަށް އެ ޓީމުގެ އާ ކޯޗު ބެނާޑޯ ޓަވަރެސް ބުނެފި އެވެ.

ޕޯޗުގަލްއަށް ނިސްބަތްވާ ކޯޗު ބެނާޑޯ ޓަވަރެސް އެހެން ބުނީނިއުގެ ސީޒަން ރަސްމީކޮށް ފެށުމަށް މިއަދު ސޯލްޓް ކެފޭ ރެސްޓޯރެންޓްގައި ބޭއްވި ރަސްމިއްޔާތުގައި ކޯޗު ކަމުގެ ކޮންޓްރެކްޓްގައި ސޮއިކުރުމަށް ފަހު އެވެ.

ޓަވަރެސް ބުނީ ރާއްޖޭގެ އެންމެ ބޮޑް ކްލަބަކީ ނިއު ރޭޑިއަންޓް ކަމަށާއި މިދިޔަ ސީޒަނުގައި އެ ޓީމުން ނެރުނު ދަށް ނަތީޖާ އިޔާދަވާން ސަޕޯޓަރުން ބޭނުން ނުވާނެ ކަމަށެވެ.

"އަހަރެން މި ހުރީ ވަރަށް އުފަލުން ރާއްޖޭގެ އެންމެ ބޮޑު ކްލަބަށް އާދެވެމުން. އެންމެނަށް ވެސް އިނގޭ މިއީ ރާއްޖޭގެ އެންމެ ބޮޑު ކްލަބް ކަން،" ނިއުގެ ސަޕޯޓަރުންނަށް ހިތްވަރު ދެމުން ޓަވަރެސް ބުންޏެވެ.

އާ ސީޒަނަށް ތައްޔާރުމުގެ ގޮތުން ނިއުއިން މިއަދު ހަވީރު ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މިދިޔަ ސީޒަން ނިއު އިން ނިންމާލީ އެއްވެސް ތައްޓަކާ ނުލައި ހުސްއަތާ އެވެ. ލީގުގައި ނެރުނު ދަށް ނަތީޖާތަކުގެ ސަބަބުން އޭރު ކޯޗުގެ މަގާމުގައި ހުރި ބަލްގޭރިއާގެ ޔޮރްދާން ސްޓޮއިކޯފް ވެސް ވަނީ މަގާމުން ވަކިކޮށްފަ އެވެ. މިދިޔަ ސީޒަން ނިއު އިން ނިންމާލީ ތާވަލުގެ ފަސް ވަނާގައި އޮވެގެންނެވެ.

"އަހަރެން ބޭނުންމެއް ނޫން ނިއުގެ ތާރީހުގައި ވެސް މިދިޔަ ސީޒަން ރިޕީޓް ކުރާކަށް. ނިއުއާ ހަވާލުވާން ރާއްޖެ މިއައީ ޓުއަރިސްޓެއްގެ ގޮތުގައި މޫދަށް އެރި މަޖާކޮށްލާކަށް ނޫން. އަހަރެން މިއައި ވަރަށް ބޮޑު މަސަތްކަތަކު އެ މަސަތްކަތް ފުރިހަމަ ކުރުމަށް،" ޓަވަރެސް ބުންޏެވެ.

ނިއު އިން ވަނީ މިއަދު އެ ޓީމުގެ ފުރަތަމަ ފަރިތަކުރުންތަށް ޓާފު އެއް ނަންބަރު ސްޓޭޑިއަމުގައި ކުރިއަށް ގެންގޮސްފަ އެވެ. އެ ފަރިތަކުރުން ތަކުގައި މި ސީޒަނުގައި ނިއުއަށް ގެނައި ބިދޭސީ ހަތަރު ކުޅުންތެރިން ވެސް ބައިވެރިވި އެވެ.

comment ކޮމެންޓް