އޮޔާދާ ބޮޑު މަހެއް ކައިރީގައި ގިނަ އަދަދެއްގެ ފެމުނު މިޔަރުތަކެއް

އދ. އަތޮޅު އެތެރެވަރިން އޮޔާދާ ބޮޑުމަސް --- ފޮޓޯ/ ބުޓިކް ބީޗް ހޮޓެލް

ދުނިޔޭގެ އެންމެ ބޮޑު މައްމަލި ޖަނަވާރު، ބޮޑުމަހަކީ ރާއްޖޭގެ ކަނޑުތަކުން މަދުން ނޫނީ ނުފެންނަ އެއްޗެކެވެ. ނަމަވެސް ދޭތެރެ ދޭތެރެއިން މަރުވެ ފެންމައްޗަށް އަރާ ބޮޑުމަސް ރާއްޖޭގެ ފަރުތަކަށް ލައްގައެވެ. ގިނަ ފަހަރު އެއެއްޗެހި ފެންނަނީ އެއީ ކޮން ވައްތަރެއްގެ ބޮޑުމަހެއްކަން ނޭނގޭހާ ކުނިވެފައި އޮތްވައެވެ.

އދ. އަތޮޅު އެތެރެވަރިން ސެންތާރާ ގްރޭންޑް ރިސޯޓް ކައިރިން ކުނިވެފައި އޮތް ބޮޑު މަހެއް އޮޔާ ދަނިކޮށްވެސް މިއަދު ވަނީ ފެނިފައެވެ. ގާތްގަނޑަކަށް 70 ވަރަކަށް ފޫޓު ހުރި އެ ބޮޑުމަސް ކުނިވެފައި އޮތްވަރުން އެއީ ކޮންވައްތަރެއްގެ ބޮޑު މަހެއް ކަމެއް ނޭނގެއެވެ.

އދ. އަތޮޅު އެތެރެވަރިން އޮޔާދާ ބޮޑުމަސް ކައިރީގައި ފެމުނު މިޔަރެއް --- ފޮޓޯ/ ބުޓިކް ބީޗް ހޮޓެލް

ނަމަވެސް އެ މަސް ކައިރިން ފެނުނީ ތަފާތު މަންޒަރެކެވެ. މިޔަރުގެ ބާވަތްތަކުގެ ތެރެއިން ރާއްޖޭގައި އުޅޭ އެންމެ ނުރައްކާތެރި ވައްތަރު ކަމަށްވާ ޓައިގާ ޝާކު ނުވަތަ ތެޔޮ މިޔަރުތަކެއް އޭތީގެ މަސް ކަމުންދިޔަ މަންޒަރެވެ.

އެ މަންޒަރުދުއް ޑައިވަރަކު ސަން އަށް ބުނީ، ފެމުނު މިޔަރަކީ އެ ސަރަހައްދުން އާއްމުކޮށް ފެންނަ ވައްތަރެއްގެ މިޔަރެއް ނޫނެވެ. ނަމަވެސް މިއަދު ކުނިވެފައި އޮތް ބޮޑު މަސް ކައިރީގައި ގާތްގަނޑަކަށް ހަތް ވަރަކަށް ފެމުނު މިޔަރު އުޅުނު ކަމަށް އޭނާ ބުންޏެވެ.

އދ. އަތޮޅު އެތެރެވަރިން އޮޔާދާ ބޮޑުމަސް ކައިރީގައި ފެމުނު މިޔަރެއް --- ފޮޓޯ/ ބުޓިކް ބީޗް ހޮޓެލް

ވަރުގަދަ ދަތްތަކެއް ލިބިފައިވާ އިންސާނުންނަށް ވެސް ހަމަލާ ދޭ ފެމުނު މިޔަރަކީ ރާއްޖޭގެ ކަނޑުތަކުގައި އުޅޭ އިސްކޮޅުން ބޮޑު މިޔަރެކެވެ. ގާތްގަނޑަކަށް 7.4 މީޓަރަށްވުރެ ބޮޑުވާ އެ މިޔަރަކީ ދިވެހި މަސްވެރިންގެ ތެރޭގައި އޭގެ ނުރައްކާތެރި ކަމުގެ ސަބަބުން މަޝްހޫރު މިޔަރެކެވެ.

އެތެރެވަރީގެ ކަނޑުތަކުގަޔާއި މާކަނޑުގައި އުޅޭ ފެމުނު މިޔަރު ރަށްރަށުގެ ފަޅުތެރެއަށް ވަންނަކަމަށް ވެސް ވެއެވެ. އަދި އޭގެ ކާނާގެ ތެރޭގައި އެކި ބާވަތްތަކުގެ މިޔަރާއި މަޑިއާއި ވެލައާއި ކަހަނބުގެ އިތުރުން ބޯވަދިލަމަހާއި ކަކުނި އަދި ޑިނގާގެ ބާތްވަތަކާއި ކަނޑުހަރުފަ ހިމެނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް