ދަގަނޑޭ ރިކަވަރވާން ވަގުތު ބޭނުންވޭ، ރާއްޖޭގެ ކްލަބަކަށް ކުޅޭ ނަމަ ފެންނާނީ ނިއުއިން

މިދިޔަ ސީޒަނުގެ އުރީދޫ ދިވެހި ޕްރިމިއާ ލީގު ފަހު މެޗުގައި މާޒިޔާ އާއި އީގަލްސް ބައްދަލުކުރި މެޗުގައި ދަގަނޑޭ -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

އަލީ އަޝްފާގު (ދަގަނޑޭ)އަށް ލިބިފައިވާ އަނިޔާއިން މުޅިން ރިކަވާ ވާން އޭނާއަށް ވަގުތު ބޭނުންވާ ކަމަށާއި ރާއްޖޭގެ ކްލަބަކުން ފެންނާނެނަމަ އޭނާ ފެނިގެންދާނީ ނިއު ރޭޑިއަންޓުން ކަމަށް އެޓީމްގެ ޗެއާމަން ކާނަލް މުހައްމަދު ޒިޔާދު ވިދާޅުވެއްޖެއެވެ.

ނިއުއިން ވަނީ ދަގަނޑޭއާ އެކު ގިނަ މަޝްވަރާތަކެއް ކުރިއަށް ގެންގޮސް ކުރިއަށްއޮތް ސީޒަނުގައި އެޓީމަށް ކުޅުމަށް އެއްބަސްވުމަކަށް އައިސްފައެވެ. އަދި ކުރިން ރޭވިފައޮތްގޮތުން ނަމަ މި ހަފްތާގައި ދަގަނޑޭ ސޮއި ކުރުމަށް ނިއު އިން ބޮޑު ހަފްލާއެއް ވެސް ބޭއްވުމަށް ވަނީ ނިންމާފައެވެ.

ނަމަވެސް ނިއުއިން ސީޒަން ފެށުމުގެ ކުރިން މިއަދު، ސޯލްޓް ކެފޭ ރެސްޓޯރެންޓްގައި އެޓީމް ކުޅުންތެރިންނާ އެކު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޒިޔާދު ވިދާޅުވީ ދަގަނޑޭ މިދިޔަ ސީޒަނުގައި ކުޅުނީ އަނިޔާއެއްގައި ހުރެ ވަރަށް ބޮޑު ގުރުބާނީއެއް ވެގެން ކަމަށާއި މިހާރު އޭނާ ބޭނުން ވަނީ ރަނގަޅަށް ރިކަވަވާން ކަމަށެވެ.

"އަޅުގަނޑުމެން އަޝްފާގުގެ ނިންމުމަށް ވަރަށް ބޮޑަށް އިޚްތިރާމްކުރަން. އަޅުގަނޑުމެން މިވަނީ އަޝަފާގާ އެކު އަންޑަސްޓޭންޑިންނަކަށް އާދެވި އޭނަ ބޭނުންވާ ގޮތަށް އެކަން ނިންމުމަށް ފުރުސަތު ދޭން،" ޒިޔާދު ވިދާޅުވިއެވެ.

ޒިޔާދު ވިދާޅުވީ، އޭނާ ބޭނުންވަނީ ދަގަނޑޭ ނިއުއަށް ކުޅުމަށް ވުރެން މީގެ ދެތިން އަހަރު ކުރިން އޭނާގެ ފަރާތުން ފެނުނު މޮޅު ކުޅުން އަނިޔާއިން މުޅިން ސަލާމަތްވެގެން އައިސް ދިވެހި ގައުމީ ޓީމުގައި ތަކުރާރުކޮށް ނިއުއަށް ވެސް ކުޅުމަށް ކަމަށެވެ.

"އަޝަފާގު އަޅުގަނޑަށް ޔަގީންކަން ދީފައިއޮތީ މި ސީޒަނުގައި ވެސް ދިވެހި އެެއްވެސް ޓީމަކަށް ކުޅެންޏާ ފެނުން އެންމެ ގާތީ ނިއު އިން ކަމަށް،" ޒިޔާދު ވިދާޅުވިއެވެ.

ދަގަނޑޭ މިދިޔަ ސީޒަން ފެށީ އެނާ ކުރިން ކުޅުނު މެލޭޝިއާގެ ޕީޑީއާރުއެމްއިންނެވެ. ނަމަވެސް ސީޒަނުގެ ކުރީ ކޮޅު ޕީޑީއާރުއެމްއާ އެކު ހަދާފައިވާ އެއްބަސްވުން ނިމުމަކަށް ގެނައީ ވެސް އަނިޔާއެއްގެ ސަބަބަބުން ގިނަ ދުވަސްތަކެއް ކުޅުމާއި ދުރުގަ ހުންނަން ޖެހުމުންނެވެ.

އޭގެ ފަހުން ސީޒަނުގެ މެދުތެރެއިން ދަގަނޑޭ ވަނީ ރާއްޖޭގެ މާޒިޔާއާ ގުޅި އެޓީމަށް ލީގް ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. ނަމަވެސް އަނިޔާގެ ސަބަބުން ދަގަނޑޭއަށް ވަނީ މާޒިޔާއާއި ގައުމީ ޓީމްގެ ވެސް މުހިންމު މެޗްތަކެއް ގެއްލިފައެވެ.

comment ކޮމެންޓް