ރާއްޖޭގައި ހަދާ ފުރަތަމަ މޫދުއަޑީގެ ދާރުލްއާސާރު ހިމެނޭ ސަރަހައްދު ސާފުކުރަން ފަށައިފި

ކެޔޮދޫ ރައްޔިތުން ނިކުމެ އެރަށުގައި ހަދާ ފުރަތަމަ މޫދު އަޑީގެ މިއުޒިއަމް ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ކުރަނީ --- ފޮޓޯ/ މޯލްޑިވްސް ގެޓްއަވޭސް

ވ. ކެޔޮދޫގައި، ރާއްޖޭގެ ކަނޑު އަޑީގެ ފުރަތަމަ ދާރުލްއާސާރު ހަދާ ސަރަހައްދު ސާފު ކުރުމުގެ މަސައްކަތް ރައްޔިތުން ނުކުމެ ފަށައިފި އެވެ.

ކެޔޮދޫ ކައުންސިލްގެ ރައީސް އަހުމަދު ޔޫސުފް "ސަން" އަށް ވިދާޅުވީ، ކެޔޮދޫގައި ހަދާ ދާރުލްއާސާރު ހަދަނީ އެރަށު ހުޅަނގުފަރާތު ވިލުގައި ކަމަށެވެ.

ސާފު ކުރުމުގެ މަސައްކަތް މިހާރު ފޯރީގައި ފަށައިގެން ކުރިއަށްގެންދާ އިރު އަންނަ އޭޕްރީލް މަހުގެ ކުރީކޮޅު ދާރުލްއާސާރުގެ މަސައްކަތް އަމަލީގޮތުން ފެށޭވަރުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ރާއްޖެއިން ފެނިފައިވާ އާސާރީ ތަކެތި ވެސް އެތަނުގައި މޫދު އަޑީގައި ބަހައްޓަން ނިންމާފައިވާ އިރު ނޮވެމްބަރު މަހުގެ ނިޔަލަށް މަސައްކަތް ނިންމާލެވޭނެކަމަށް ބެލެވޭކަމަށް އޭނާ ވިދާޅުވި އެވެ.

ސާފު ކުރުމުގެ މަސައްކަތް ފަށާފައިވާ އިރު އެކަމާ ގުޅޭގޮތުން ކެޔޮދޫ ދާއިރާގެ މެންބަރު މޫސާ ނިޒާރު ވިދާޅުވީ، އެ މަސައްކަތަކީ ކެޔޮދުއަށް ވަރަށް މުހިންމު ކަމެއް ކަމަށާއި އެއީ ކޮންމެހެންވެސް ބޭނުންތެރި ކަމެއް ކަމަށެވެ. އަދި އެ ކަމަކީ ބޮޑު ޝަރަފެއް ލިބޭނެ ކަމެއް ކަމަށެވެ.

"މިކަމުގެ ސަބަބުން ކެޔޮދޫ ދުނިޔެއަށް މަޝްހޫރުވެ ދިއުމަށް ބާރަކަށް ވާނެ. މިއީ ކެޔޮދޫ ދުނިޔެއަށް އިޝްތިހާރު ކުރަން މުހިންމު ކަމެއް. އަޅުގަނޑުމެންގެ ވ. އަތޮޅަކީ ކުޑަ ނަމަވެސް މުއްސަނދި އަތޮޅެއް. މި އަތޮޅުގައި ދުނިޔޭގެ ފެންވަރުގައި 20 ޕޮއިންޓް އޮވޭ. އެހެންވެ މި ހުރިހާ ކަމަކުން ލިބޭ ޝަރަފެއް މިއީ،" ނިޒާރު ވިދާޅުވި އެވެ.

ކެޔޮދޫ ކައުންސިލުން އެ މަސައްކަތް ކުރަނީ ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކޮށް އިޝްތިހާރު ކުރުމުގައި ކުރިއަރާފައިވާ މޯލްޑިވްސް ގެޓްއަވޭސް އާއި ގުޅިގެންނެވެ.

މޯލްޑިވްސް ގެޓްއަވޭސްގެ ސީއޯއޯ ޑރ. ހުސެން ސަނީ ވިދާޅުވީ ކެޔޮދޫ އިސްތިހާރު ކުރަން ބޭނުންވަނީ ޑައިވް މަންޒިލެއްގެ ގޮތުގައި ކަމަށެވެ. އަދި ރާއްޖޭގައި އަހަރަކު ދެ މިލިއަން ޑައިވްކޮށް، އެ އިންޑަސްޓްރީގެ އަގު 250 މިލިއަން ޑޮލަރަށްވުރެ ބޮޑު ކަމަށާއި އަންދާޒާއަކީ 2020 ގައި އެ އިންޑަސްޓްރީގައި ހަތަރު މިލިއަން ޑައިވްކޮށް އެ ސިނާއަތުގެ އަގު 400 މިލިއަން ޑޮލަރަށް އެރުން ކަމަށެވެ.

"މީގެ ބޮޑު ހިއްސާއެއް ކެޔޮދޫން ކުރާނެ ކަމަށް މި ބަލަނީ އަންޑަ ވޯޓާ މިއުޒިއަމް ހެދުމުން. އަޅުގަނޑުމެން ވާނީ ކައުންސިލާއި ގެސްޓް ހައުސް ކޮމިއުނިޓީއަށް ހުށަހަޅާފައި އަންނަ އަހަރު ޑައިވް މެގަޒިންގައި ކެޔޮދޫ އިޝްތިހާރު ކުރާނަން. އެގޮތުން ޖަރުމަނާއި ޖަޕާނު އަދި އޮސްޓްރޭލިޔާ އަދި ބާމިންހަމް ފަދަ ގައުމުތަކުގައި ބާއްވާ ފެއާތަކުގައި މި މިއުޒިއަމް[ ކެޔޮދޫ] އިޝްތިހާރު ކުރާނެ،" ސަނީ ވިދާލުވި އެވެ.

އާބާދީގައި ގާތްގަނޑަކަށް 800 މީހުން ދިރިއުޅޭ، ކެޔޮދޫގައި ހަދާ ރާއްޖޭގެ ފުރަތަމަ މޫދު އަޑީގެ މިއުޒިއަމް ހަދާ ސަރަހައްދު ސާފުކުރަން ދާރުލް އާސާރުގެ ހިޔާލު ކެޔޮދޫއަށް ގެނެސްދިން މޯލްޑިވްސް ގެޓަވޭސްގެ އިސްވެރިންނާއި، ކެޔޮދޫ ދާއިރާގެ މެންބަރު މޫސާ ނިޒާރުގެ އިތުރުން ކެޔޮދޫގެ ގެސްޓްހައުސްތަކުގެ ވެރިން ވެސް ބައިވެރިވި އެވެ.

އޭގެ އިތުރުން އެރަށުގައި މިވަގުތު ތިބި 100 އެއްހާ ޓޫރިސްޓުން ވެސް އެ މަސައްކަތުގައި އަމަލީ ގޮތުން ހަރަކާތްތެރިވި އެވެ.

comment ކޮމެންޓް