ގައްދޫ ކައުންސިލާއި ވާދޫ ކައުންސިލުން ވަނީ ބައްދަލުވުންތައް ބޭއްވުމުގައި އިހުމާލުވެފައި: އޮޑިޓް

އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު -- ސަން ފައިލް ފޮޓޯ

ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމާ ބެހޭ ގާނޫނު ދަށުން ކޮންމެ ރަށެއްގެ ކައުންސިލަކުން ވެސް އަހަރެއްގެ މައްޗަށް 52 ބައްދަލުވުން ބާއްވަން ޖެހޭ އިރު ގދ. ގައްދޫ ކައުންސިލުންނާއި، ގދ. ވާދޫ ކައުންސިލުން އެ ގޮތަށް އަމަލުކޮށްފައި ނުވާކަން އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފި އެވެ.

ވަކި ވަކިން މިއަދު ނެރުނު އެ ދެ ކައުންސިލް އިދާރާގެ އޮޑިޓް ރިޕޯޓުގައި ވެސް ބުނެފައި ވަނީ ދެ ކައުންސިލުން ވެސް ބާއްވަން ޖެހޭ ވަރަށް ކައުންސިލުގެ ބައްދަލުވުންތައް ބާއްވާފައިނުވާ ކަމަށެވެ. އެގޮތުން 2015 ވަނަ އަހަރު ގައްދޫ ކައުންސިލުން ބާއްވާފައި ވަނީ 19 ބައްދަލުވުން ކަމަށާއި ވާދޫ ކައުންސިލުން ބާއްވާފައި ވަނީ އެންމެ 23 ބައްދަލުވުން ކަމަށް އެ ދެ ރިޕޯޓުގައި ބުނެފައިވެ އެވެ.

އެ މައްސަލަ ފާހަގަކޮށް ދެ ކައުންސިލަށް ވެސް އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ވަނީ ލާމަރުކަޒީ ގާނޫނުގައިވާ ގޮތުގެ މަތިން ކޮންމެ ހަފްތާ އަކު އެއް ފަހަރު ކައުންސިލްގެ އާންމު ބައްދަލުވުމެއް ބޭއްވުމަށާއި ކޮންމެ ބައްދަލުވުމެއްގެ ޔައުމިއްޔާ ދެން ބާއްވާ ބައްދަލުވުމުގައި ފާސްކޮށް ސޮއި ކުރަމުން ގެންދިއުމަށް އިލްތިމާސްކޮށަފަ އެވެ.

މީގެ އިތުރުން، ވާދޫ ކައުންސިލްގެ މެމްބަރުން އެ މެމްބަރުންނަށް ފައިސާ އާއި ވިޔަފާރީގެ މުއާމަލާތު އަދި އާމްދަނީއާއި އާމްދަނީ ލިބޭ ގޮތްތަކާއި ވިޔަފާރީގެ ގުޅުންތަކާ ބެހޭ މައުލޫމާތު ކައުންސިލަށް ހުށަހަޅާފައި ނުވާ ކަން ވެސް ޒިޔަތު ވަނީ ފާހަގަކުރައްވާފަ އެވެ. އެއީ ލާމަރުކަޒީ ގާނޫނުގެ ދަށުން ކުރަން ޖެހޭ ކަމެކެވެ.

ވާދޫ ކައުންސިލްގެ އޮޑިޓް ރިޕޯޓުގައި މާލިއްޔަތު ގާނޫނާ ޚިލާފުވެފައިވާ މައްސަލަތަކެއް ވެސް ފާހަގަކޮށްފައިވެ އެވެ. އެގޮތުން ޚިދުމަތާއި ތަކެއްޗަށް އެދޭ ފޯމު ފުރިހަމަ ނުކޮށް 27،716 ރުފިޔާގެ ތަކެތި ހޯދާފައިވާ މައްސަލަ އާއި ޕާޗޭސް އޯޑާ ތައްޔާރުުނުކޮށް ކައުންސިލްގެ ބަޖެޓުން 13،570 ރުފިޔާ ޚަރަދުކޮށްފައިވުން ފާހަގަކޮށްފައިވެ އެވެ.

އޭގެ އިތުރުން ވެސް ކައުންސިލަށް ފައިސާ ދައްކަން ޖެހޭ ފަރާތްތަކުގެ ތެރެއިން އެއް މަހަށް ވުރެ ގިނަ ދުވަސް ވަންދެން ފައިސާ ނުދައްކާ ފަރާތްތަކުގެ އަތުން ފައިސާ ހޯދަން ކޯޓުގައި ދައުވާ ކުރަން މާލިއްޔަތު ގާނޫނުގައި ބުނެފައިވީ ނަމަވެސް އެކަން އެގޮތަށް ކޮށްފައި ނުވުމާއި، އެގޮތަށް ލިބެން ޖެހޭ 42،891 ރުފިޔާ ލިބިފިވައި ނެތް ކަންވެސް އޮޑިޓާ ޖެނެރަލްވަނީ ފާހަގަކޮށްފަ އެވެ.

އަދި އެކައުންސިލުން، ދައުލަތުގެ މުއައްސަސާތަކުގެ ފައިސާގެ ގޮތުގައި ބަލައިގެންފައިވާ ފައިސާގެ ތެރެއިން 2015 ވަނަ އަހަރުގެ ނިޔަލަށް 69،267 ރުފިޔާ މާލިއްޔަތު ގާނޫނުގައިވާ ގޮތުގެ މަތިން އެ މުއައްސަސާތަކުގެ އާމްދަނީގެ ގޮތުގައި ޖަމާ ކުރުމަށް ޓަކައި ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާނުކޮށް މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ނިޔަލަށް ބަހައްޓާފައިވުން ވެސް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

comment ކޮމެންޓް