ރިޝްވަތާ ވައްކަމުގެ ތުހުމަތުގައި ސެމްސަންގްގެ ވެރިޔާ ހައްޔަރުކުރަން އަމުރަކަށް އެދިއްޖެ

ސެމްސަންގް ކުންފުނީގެ ވައިސް ޗެއާމަން ލީ ޖައެ ޔޮންގް --

ރިޝްވަތާއި ވައްކަމުގެ ތުހުމަތުކޮށް، ސެމްސަންގްގެ އިސްވެރިއެއްގެ ގޮތުގައި މިވަގުތު ހުންނެވި އެކުންފުނީގެ ވައިސް ޗެއާމަން ލީ ޖައެ ޔޮންގް (ޖޭ ލީ) ހައްޔަރުކުރުމަށް ކޯޓު އަމުރަކަށް، ދެކުނު ކޮރެއާގެ ޕްރޮސެކިއުޓަރުން އެދިއްޖެއެވެ.

ދެކުނު ކޮރެއާގެ ރައީސާ ޕާކް ގުން ހޭގެ ރުހުން ހޯދުމަށް ސެމްސަންގްގެ ވައިސް ޗެއާމަން ޖޭ ލީ، އެކަމަނާއަށާއި ގާތް އެކުވެރިޔާ ޗޮއި ސޫން ސިލްއަށް ރިޝްވަތު ދިންކަމުގެ މައްސަލައެއް ދެކުނު ކޮރެއާގެ ސަރުކާރުން ބަލަމުން އާދެއެވެ.

އެހެން ނަމަވެސް ރިޝްވަތާއި ވައްކަމުގެ މައްސަލައެއްގައި ތުހުމަތުކޮށް، ޖޭ ލީ ހައްޔަރުކުރުމުގެ ކޯޓު އަމުރަކަށް އެދިފައިވަނީ، އެމައްސަލައިގެ މިނިވަން ތަހުގީގެއް ކުރަމުންދާ ޕްރޮސެކިއުޓަރުންތަކެކެވެ.

އެ ތަހުގީގީ ކައުންސެލްގެ ތަރުޖަމާނު ލީ ކްޔޫ ޗުލް ވިދާޅުވި ގޮތުގައި، ގައުމީ އިގްތިސާދު މުހިންމުވި ނަމަވެސް، އަދާލަތު ގާއިމުކުރުމަކީ މާ މުހިންމު ކަމެކެވެ. ސެމްސަންގްގެ ވެރިޔާ ހައްޔަރުކުރުމަށް ކޯޓު އަމުރަކަށް މިއަދު އެދިފައިވާ އިރު، ކޯޓުން މާދަމާ އެ އެދުން ރިވިއުކުރާނެ ކަމަށް ބެލެވޭ އިރު، ކޯޓުގެ ފަނޑިޔާރުން އެފަދަ އަމުރެއް ނެރުއްވައިފި ނަމަ، މި މައްސަލައިގެ ތަހުގީގު ނިމެންދެން ސެމްސަންގްގެ ވައިސް ޗެއާމަން ޖޭ ލީ ހައްޔަރުގައި ބަހައްޓާނެއެވެ.

ޕްރޮސިކިއުޓަރުން ބުނި ގޮތުގައި ހިޔާލު ތަފާތުވުންތައް އުފެދިފައިވާ މައްސަލައެއްގައި ރައީސާ ޕާކުގެ ތާއިދު ހޯދުމަށް ސެމްސަންގުން ވަނީ ޕާކްގެ ގާތް އެކުވެރިޔާ ޗޮއި ސޫން ސިލްގެ ފައުންޑޭޝަންތަކަކަށް 18 މިލިޔަނަށް ވުރެ ގިނަ ޑޮލަރު ހަދިޔާކޮށްފައެވެ.

މިދިޔަ މަހު ދެކުނު ކޮރެއާގެ ގާނޫނު ހަދާ މަޖިލީހުގައި ކުރިޔަށް ގެންދިޔަ ތަހުގީގެއްގައި، ސެމްސަންގްގެ ވައިސް ޗެއާމަން ވަނީ، ރިޝްވަތުގެ އެއްވެސް މައްސަލައެއްގައި ބައިވެރިވެވަޑައިގެންފައި ނުވާނެކަމަށް ވިދާޅުވެފައެވެ. އެހެން ނަމަވެސް، ރައީސާ ޕާކް ގުން ހޭގެ އެކުވެެރިޔާ ޗޮއި ސޫން ސިލްގެ ދަރިކަނބަލުން، ޖަރުމަނުގައި އެކެސްޓްރިއަން (އަސް ދުއްވުމުގެ) ތަމްރީނުތައް ހެދުމަށްޓަކައި، ސެމްސަންގްގެ ފަރާތުން އޭނާއަށް 900،000 ޑޮލަރުގެ އަގުބޮޑު އަހެއް ގަނެދީފައިވާކަމަށް ޖޭ ލީ އިއުތިރާފުވެވަޑައިގަތެވެ.

އުމުރުން 48 އަހަރުގެ ޖޭ ލީއަކީ ސެމްސަންގްގެ ވައިސް ޗެއާމަން ނަމަވެސް، އެކުންފުނީގެ ޗެއާމަންގެ ރޯލުވެސް އަދާކުރަމުން ދަނީ އޭނާއެވެ. ސަބަބަކީ، މީގެ ތިން އަހަރު ކުރިން، އޭނާގެ ބައްޕަ އަދި ޗެއާމަން ލީ ކުން ހީއަށް ހާޓް އެޓޭކެއް ޖެހިވަޑައިގެން، ހޮސްޕިޓަލުގައި އޮންނަވަން ޖެހިވަޑައިގަތުމުންނެވެ. ޗެއާމަން ލީ ކުން ހީ އަދިވެސް އޮންނެވީ ހޮސްޕިޓަލުގައި، ހޭ ނާރައެވެ.

comment ކޮމެންޓް