ބްރެޒިލްގެ ޖަލެއްގައި ކުރިއަށް ދިޔަ އިހުތިޖާޖެއްގައި 26 މީހަކު މަރުވެއްޖެ

ބްރެޒިލްގެ ޖަލެއްގައި ކުރިއަށް ދިޔަ އިހުތިޖާޖުގައި ބައެއް ގައިދީން ފުރާޅު މަތީގައި -- ފޮޓޯ: އޭއެފްޕީ

ނަޓާލް (ޖެނުއަރީ 16): ބްރެޒިލްގެ ޖަލެއްގައި 14 ގަޑިއިރުވަންދެން ކުރިއަށް ދިޔަ އިހުތިޖާޖެއްގައި 26 މީހަކު މަރުވެއްޖެ އެވެ.

ބްރެޒިލްގެ އުތުރުގައި އޮންނަ ނަޓާލް ސިޓީގެ އަލްކަކޫޒް ޖަލުގެ ގައިދީން އިހުތިޖާޖު ކުރަން ފެށީ ހޮނިހިރު ދުވަހުގެ ހަވީރެވެ. ފުލުހުންގެ ފޮރެންސިކް ޓީމުން ބުނި ގޮތުގައި އެހާދިސާގައި މަރުވި ގިނަ މީހުންގެ ވަނީ ކަރު ބުރިކޮށްފައި ނުވަތަ ގުނަވަންތައް ވަކިކޮށްފައެވެ.

އެހާދިސާގައި ޖަލުގެ އެއްވެސް ގާޑަކަށް ނުވަތަ ފުލުހަކަށް އަނިޔާވިކަން ކަށަވަރު ނުވާ ކަމަށް ރިޕޯޓުތަކުގައިވެ އެވެ. އަދި އިހުތިޖާޖު ފެށުމުގެ ކުރިން ގައިދީންތަކެއް ވަނީ ޖަލުގެ ކަރަންޓު ކަނޑާލާފަ ކަމަށް ވެސް ރިޕޯޓުތަކުގައިވެ އެވެ.

ބްރެޒިލްގެ ނޫހެއްގައިވާ ގޮތުގައި އިހުތިޖާޖު ކުރިއަށް ދިޔަ ވަގުތު ޖަލުން ފިލި އެއް ގައިދީއަކު މިހާރު ވަނީ ހައްޔަރުކޮށްފައެވެ. އަދި އިތުރު ގައިދީންތަކެއް ފިލާފައިވާ ކަމަށް ގަބޫލު ނުކުރެވޭ ކަމަށްވެއެވެ.

އަލްކަކޫޒް ޖަލަކީ 620 ގައިދީންނަށް ތިބެވޭ ގޮތަށް ހަދާފައިވާ ޖަލަކަށްވީ ނަމަވެސް އެޖަލުގައި 1،000 ގައިދީން ތިބި ކަމަށް ރިޕޯޓުތަކުގައިވެ އެވެ. އެއީ މިއަހަރު ފެށުނު ފަހުން އެގައުމުގެ ޖަލެއްގައި ކުރިއަށް ދިޔަ ތިން ވަނަ، ބޮޑު އިހުތިޖާޖެވެ. މި މަހުގެ ކުރީކޮޅު ތަފާތު ދެ ޖަލެއްގައި ކުރިއަށް ދިޔަ ހަމަނުޖެހުންތަކުގައި ގާތްގަނޑަކަށް 100 ގައިދީން މަރުވެފައިވެ އެވެ.

ބާރުގަދަ ގޭންގުތަކުން ކޮންޓްރޯލް ކުރާ ބްރެޒިލްގެ ތޮއްޖެހިފައިވާ ޖަލުތަކުގައި އިހުތިޖާޖުކޮށް ހަމަނުޖެހުން ހިންގުމަކީ އާއްމު ކަމެކެވެ. (ބީބީސީ)

comment ކޮމެންޓް