ފިނޭންސްގެ އެންގުމާ ހިލާފަށް ގައްދޫ ކައުންސިލުން ފޯން އެލަވަންސް ދީފައިވޭ: އޮޑިޓް

ގދ. ގައްދޫ: -- ފައިލް ފޮޓޯ

ފިނޭންސް މިނިސްޓްރީގެ އެންގުމާ ޚިލާފަށް، 2015 ވަނަ އަހަރުގެ ޖެނުއަރީން ފެށިގެން ޑިސެމްބަރުމަހުގެ ނިޔަލަށް ގދ. ގައްދޫ ކައުންިސިލުގެ ހުރިހާ މުއައްޒަފުންނަށް ފޯން އެލަވެންސް ދީފައިވާ މައްސަލަ އޮޑިޓް ރިޕޯޓުގައި ފެންމަތިކޮށްފިއެވެ.

އޮޑިޓް އޮފީހުން ނެރެފައިވާ އެކައުންސިލުގެ 2015 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ޖުމްލަ 11 ކަމެއް ފާހަގަކޮށްފައިވެއެވެ. އޭގެ ތެރޭގައި ފާހަގަކޮށްފައިވާ އެއް ކަމަކީ 2015 ވަނަ އަހަރު އެ ކައުންސިލްގެ މެމްބަރުން ފިޔަވައި އެހެން ހުރިހާ މުވައްޒަފުންނަށް ފޯން އެލަވަންސްގެ ގޮތުގައި 41،276 ރުފިޔާ ޚަރަދުކޮށްފައިވާ މައްސަލައެވެ.

އެ ރިޕޯޓުގައިވާ ގޮތުގައި ކައުންސިލް މެމްބަރުން ފިޔަވައި އެހެން ހުރިހާ މުވައްޒަފުންނަށް ފޯން އެލަވަންސް ދިނުމަށް އެ ކައުންސިލުން ނިންމާފައިވަނީ އެކައުންސިލުން ބޭއްވި ކައުންސިލްގެ ނުވަ ވަނަ ކުއްލި ބައްދަލުވުމުގައެވެ. އެގޮތަށް ނިންމި ނަމަވެސް، ފިނޭންސް މިނިސްޓްރީން 25 ޖެނުއަރީ 2015 ގައި ނެރުނު ސާކިއުލާގައި ފޯން އެލަންސަކީ ވަކި ޚާއްސަ މުވައްޒަފުންތަކަކަށް ދެވޭ އިނާޔަތެއް ކަން ބަޔާންކޮށްފައި އޮންނަ ކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އަދި ގައްދޫ ކައުންސިލުން އަމަލުކޮށްފައިވަނީ އެ މިނިސްޓްރީގެ ސާކިއުލާއާ ޚިލާފަށް ކަންވެސް އޮޑިޓާ ޖެނެރަލް ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި، ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ކައުންސިލްތަކުގެ އާންމު ބައްދަލުވުމެއް ކޮންމެ ހަފްތާއެއްގައި ބޭއްވުމަށް ލާޒިމްކޮށްފައި އޮތް ނަމަވެސް އެކައުންސިލުން އެ ގާނޫނަށް އަމަލުކޮށްފައި ނުވާ ކަންވެސް ހިމަނާފައިވެއެވެ.

އަހަރެއްގެ މައްޗަށް ޖުމްލަ 52 އާންމު ބައްދަލުވުން ބާއްވަން ޖެހޭ އިރު 2015 ވަނަ އަހަރު ގައްދޫ ކައުންސިލުން ބާއްވާފައިވަނީ އެންމެ 19 ބައްދަލުވުން ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮަށްފައިވެއެވެ.

އެ ރިޕޯޓުގައި އިތުރަށް ފާހަގަކޮށްފައިވަނީ، 2015 ވަނަ އަހަރު އެ ކައުންސިލަށް ލިބިފައިވާ އާމްދަނީއާއި ކޮށްފައިވާ ޚަރަދުގެ ތަފްސީލު އަތޮޅު ކައުންސިލަށް ފޮނުވާފައިނުވާ މައްސަލައެވެ.

comment ކޮމެންޓް