މަސްތުވާތަކެތީގެ މައްސަލަ ގޯސްވެއްޖެ ނަމަ އަސްކަރީ ގާނޫނު ހިންގަންޖެހިދާނެ: ޑުޓާޓޭ

ފިލިޕީންސުގެ ރައީސް ރޮޑްރީގޯ ޑުޓާޓޭ -- ފޮޓޯ: އީޕީއޭ

މެނީލާ (ޖެނުއަރީ 16): ފިލިޕީންސުގައި މަސްތުވާތަކެތީގެ މައްސަލަ އިތުރަށް ގޯސްވެއްޖެ ނަމަ އަސްކަރީ ގާނޫނު ހިންގަން ޖެހިދާނެ ކަމަށް އެ ގައުމުގެ ރައީސް ރޮޑްރީގޯ ޑުޓާޓޭ ވިދާޅުވެއްޖެ އެވެ.

ރައީސް ޑުޓާޓޭގެ އުފަން ރަށް ދަވާއޯގެ ވިޔަފާރިވެރިންނާ ވާހަކަފުޅު ދައްކަވަމުން އޭނާ ވަނީ ފިލިޕީންސްގެ ރައްޔިތުން ރައްކާތެރިކުރުމަށް ޓަކައި އަސްކަރީ ގާނޫނު ހިންގަފާނެ ކަމަށާއި އެފަދަ ފިޔަވަޅެއް އެޅުމުން އެއްވެސް މީހަކަށް އެނާ ނުހުއްޓުވޭނެ ކަމަށް ވިދާޅުވެފަ އެވެ.

އަސްކަރީ ގާނޫނު ހިންގައިފި ނަމަ، އަސްކަރިއްޔާ ލައްވައި މަދަނީ ގާނޫނުތައް ތަންފީޒު ކުރުމަށާއި އެއްވެސް ދައުވާއަކާ ނުލައި ދިގު މުއްދަތަކަށް މީހުން ހައްޔަރު ކޮށްފައި ބޭތިއްބުމުގެ ބާރު ރައީސަށް ލިބިގެންދާނެ އެވެ.

ފިލިޕީންސުގެ ގާނޫނު އަސާސީގައިވާ ގޮތުން އެ ގައުމުގެ ރައީސަކަށް އަސްކަރީ ގާނޫނު ހިންގޭނީ ގިނަ ވެގެން 60 ދުވަހަށެވެ. އެއީ ގައުމު އިސްތިއުމާރު ކުރުމަށް ބޭރުގެ ބާރެއް އަރައިގެންފި ހިނދެއްގައި އާއި ބަޣާވާތެއްގެ ހާލަތުގަ އެވެ. އަދި އަސްކަރީ ގާނުނު ހިންގަން ފެށިތާ 48 ގަޑިއިރު ތެރޭގައި އާއްމު ހާލަތަށް ގައުމު ބަދަލު ކުރުމުގެ ބާރު ގާނޫނު ހަދާ މަޖިލީހަށް ލިބިގެންވާ އިރު، އެނިންމުމުގެ ސައްހަކަން ސުޕްރީމް ކޯޓަށް މުރާޖައާ ކުރެވޭނެ އެވެ.

ނަމަވެސް ރައީސް ޑުޓާޓޭ ވަނީ އޭނާގެ އަމުރަށް އަސްކަރީ ގާނޫނު ހިންގާ ހާލަތެއްގައި އެގަވާއިދުތަކަށް ނުބައްލަވާނެ ކަމަށް ވިދާޅުވެފަ އެވެ.

"އަސްކަރީ ގާނޫނު ހިންގަން ޖެހޭ ނަމަ އެކަން ކުރާނަން. އިސްތިއުމާރެއް، ނުވަތަ ބަޣާވާތެއް ނުވަތަ އެފަދަ ނުރައްކަލަކާ ގުޅިގެނެއް ނޫން. އަޅުގަނޑު އަސްކަރީ ގާނޫނު ހިންގާނީ ގައުމު ރައްކާތެރި ކުރުމަށް،" ޑުޓާޓޭ ވިދާޅުވި އެެވެ.

ނަމަވެސް މީގެ ކުރިން ޑުޓާޓޭ ވަނީ އަސްކަރީ ގާނޫނަކީ ފައިދާ ހުރި އެއްޗެއް ނޫން ކަމަށް ވިދާޅުވެ އެފަދަ ފިޔަވަޅެއް ނާޅާނެ ކަމަށް ވިދާޅުވެފަ އެވެ.

ފިލިޕީންސުގައި އެންމެ ފަހުން އަސްކަރީ ގާނޫނު ހިންގާފައި ވަނީ 1972 ވަނަ އަހަރެވެ. އޭރު ވެރިކަމުގައި ހުންނެވި ޑިކްޓޭޓަރު ފާޑިނެންޑް މާކޯސް ވިދާޅުވި ގޮތުގައި އެފިޔަވަޅު އަޅަން ޖެހުނީ އެގައުމުގައި ކުށާއި ކޮމިއުނިސްޓު ހަނގުރާމަވެރިން އިތުރުވުމުގެ ސަބަބުންނެވެ. އަސްކަރީ ގާނޫނު އެފަހަރު އުވާލީ 1981 ވަނަ އަހަރެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ރައީސް ޑުޓާޓޭ ކުރިއަށް ގެންދާވާ ހަނގުރާމައިގައި 6000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އަދި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މިލިއަނެއްހާ މީހުން ވަނީ އަމިއްލައަށް ފުލުހުންނާ ހަވާލުވެފަ އެވެ. (ބީބީސީ)

comment ކޮމެންޓް