ޖެނެސިސް ޕްރޮގްރާމްގައި ބައިވެރިވުމަށް ގައުމީ ޔުނިވާސިޓީގެ 15 ދަރިވަރަކު ޓޯކިޔޯއަށް!

ޖެނެސިސް ޕްރޮގްރާމްގައި ބައިވެރިވުމަށް ޓޯކިޔޯއަށް ފުރި އެމްއެންޔޫގެ ޓީމް --- ފޮޓޯ/ އެމްއެންޔޫ

ޖަޕާނުގައި ބާއްވާ ސްޓޫޑަންޓް އެކްސްޗޭންޖް ޕްރޮގްރާމް، ޖަޕާން އީސްޓް އޭޝިއާ ނެޓްވޯކް އޮފް އެކްސްޗޭންޖް ފޮ ސްޓޫޑެންޓްސް އެންޑް ޔޫތްސް (ޖެނެސިސް)ގައި ބައިވެރިވުމަށް ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ 15 ދަރިވަރަކު ޓޯކިޔޯ އަށް ރޭ ފުރައިފި އެވެ.

އާސިއާން އަދި ސާކް ގައުމުތަކުގެ ޒުވާނުންނަށާއި ދަރިވަރުންނަށް އަމާޒުކޮށް ޖަޕާން ސަރުކާރުން ކޮންމެ އަހަރެއްގެ ޖަނަވަރީ މަހު ބާއްވާ ޖެނެސިސް ޕްރޮގްރާމަކީ އެ ގައުމުގެ ސަގާފަތާއި އާދަކާދަތައް ދެނެގަނެ ޕްރޮމޯޓްކުރުމަށާއި އެހެން ގައުމުތަކާއި ޖަޕާނުގެ ޒުވާނުންނާއި ރައްޔިތުންނާ އޮންނަ ގުޅުން ބަދަހިކުރުމުގެ މަގްސަދުގައި ބާއްވަމުން އަންނަ ޕްރޮގްރާމެކެވެ.

އެގޮތުން އެ ޕްރޮގްރާމްގައި އެކި ގައުމުތަކުން އަހަރަކު ގާތްގަނޑަކަށް 6000 ޒުވާނުން ބައިވެރިވާ ކަމަށް ޖެނެސިސް ޕްރޮގްރާމް އިން މައުލޫމާތުދެ އެވެ.

އިއްޔެ އިން ފެށިގެން 10 ދުވަހުގެ މުއްދަތަކަށް ޖަޕާނުގައި ކުރިއަށްދާ ޖެނެސިސް ޕްރޮގްރާމްގައި ބައިވެރިވުމަށް އެމްއެންޔޫގެ ފަރާތުން ޓޯކިޔޯއަށް ފުރާފައި ވަނީ ފެކަލްޓީ އޮފް އާޓްސްގައި ޖަޕާނު ބަސް ކިޔަވަމުންދާ 12 ދަރިވަރަކާއި ޖަޕާން ބަސް ކިޔަވައިގެން ހުރި އެއް ދަރިވަރަކެވެ.

އޭގެ އިތުރުން ފެކަލްޓީ އޮފް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީގައި ކިޔަވަމުންދާ ދެ ދަރިވަރަކާއި އެމްއެންޔޫގެ އެއް ސުޕަވައިޒަރަކު ވެސް ދަތުރުގައި ބައިވެރިވެ އެވެ.

ދެހާސް ހަތް ވަނަ އަހަރުން ފެށިގެން ޖަޕާނުގައި ބާއްވަމުން އަންނަ ޖެނެސިސް ޕްރޮގްރާމްގައި 2012 ވަނަ އަހަރުން ފެށިގެން އެމްއެންޔޫގެ ދަރިވަރުންދަނީ ބައިވެރިވަމުންނެވެ. އެގޮތުން މިދިޔަ އަހަރު ވެސް އެމްއެންޔޫގެ 14 ދަރިވަރަކު އެ ޕްރޮގްރާމްގައި ބައިވެރިވެފައިވެ އެވެ.

comment ކޮމެންޓް