ގޮތް ނޭނގޭ ސޫތްޕެއް ލަންކާގައި ފެތުރެނީ

ލަންކާގައި ފެތުރެމުންދާ ގޮތްނޭނގޭ ސޫފި، ކުޑަކުއްޖެއްގެ ފައިގައި ހަފާފައި -- ފޮޓޯ/ ޑެއިލީމިރާ

ސްރީލަންކާގެ ކޮލޮމްބޯގެ ދެކުނަށް އޮންނަ ދެހިވަލަ ސިޓީގައި ގޮތްނޭނގޭ ސޫތްޕެއް ފެތުރެމުންދާތީ، އެކަމަށް ސަމާލުވުމަށް އެސިޓީގެ މުނިސިޕަލް ކައުންސިލުން އަންގައިފި އެވެ.

ދެހިވަލަ-މައުންޓް ލެވީނިއާ ސިޓީއަކީ، ސްރީލަންކާގައި ދިވެހީން އެންމެ ގިނަ އަދަދަކަށް ދިރިއުޅޭ ތަނެވެ.

ދެހިވަލަ ސިޓީގައި ހިމެނޭ ރަތުމަލާނަ ކިޔާ ސަރަހައްދުގައި، މީގެ ކުރިން ފެނިފައި ނުވާ، ގޮތް ނޭނގޭ ސޫތްޕެއް ފެންނަމުންދާ ކަމުގެ ރިޕޯޓުތައް އެސަރަހައްދުގައި ދިރިއުޅޭ މީހުން ދަނީ ރިޕޯޓުކުރަމުންނެވެ.

ދެހިވަލަ-މައުންޓް ލެވީނިއާ މުނިސިޕަލް ކައުންސިލްގެ ޗީފް މެޑިކަލް އޮފިސަރު އޮފް ހެލްތު ޑރ. އިންދިކަ އެލްލާވަލަ ވިދާޅުވީ، މި ސޫތްޕަކީ އާންމު ސިއްހަތަށް ހުރި ނުރައްކަލެއް ކަމަށާއި މި ސޫތްޕަށް ސަމާލުވެ އުޅެން ޖެހޭ ކަމަށެވެ.

ޕަބްލިކް ހެލްތު އިންސްޕެކްޓަރުން ބުނާ ގޮތުގައި، އުދުހޭ މި ސޫފިތައް، ގޭގެއާއި ފާރުތަކާއި ފަރުނީޗަރުތަކުން ފެންނަމުންދެ އެވެ. އަދި އެ ސަރަހައްދުގެ ގޮނޑުދޮށުގައި ހުރި ވިނަތަކުގެ ތެރެއިން ވެސް އެ ސޫފިތައް ފެންނަމުންދާ ކަމަށް ދެހިވަލަ މުނިސިޕަލް ކައުންސިލުން ބުނެ އެވެ.

އެ ސޫފި ގައިގައި ހަފައިގެން، ކުޑަކުދިން ހިމެނޭ ގޮތުން ގިނަ އަދަދެއްގެ ރައްޔިތުން ހޮސްޕިޓަލުތަކުން ފަރުވާ ހޯދަމުންދާ ކަމަށް މުނިސިޕަލް ކައުންސިލްގެ ޗީފް މެޑިކަލް އޮފިސަރު ވިދާޅުވި އެވެ.

ދެހިވަލަ މުނިސިޕަލް ކައުންސިލުން ވަނީ، އެ ސޫފި ފެތުރުން ކޮންޓްރޯލްކޮށް، އާންމުންނަށް މި ސޫތްޕާ ބެހޭ ގޮތުން ހޭލުންތެރިކުރުވުމަށް ޚާއްސަ ޕްރޮގްރާމެއް ފަށައިފަ އެވެ.

comment ކޮމެންޓް