ނޭޓޯއަކީ ބޭކާރު އަދި ޒަމާނާ ނުގުޅޭ ބޯދާ ޖަމިއްޔާއެއްކަމަށް ޓްރަމްޕް ސިފަކުރައްވައިފި

ޓްރަމްޕް

ވޮޝިންޓަން (ޖަނަވަރީ 16): ހުޅަނގުގެ އަސްކަރީ ޖަމާއަތް ކަމަށްވާ ނޭޓޯއަކީ ޒަމާނާ ނުގުޅޭ ބޯދާ ޖަމިއްޔާއެއްކަމަށް އެމެރިކާގެ ރައީސް ކަމަށް އިންތިޚާބުވެފައިވާ ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށް އެންމެ ފަސްދުވަހަށް ވެފައި ވަނިކޮށް، އެމެރިކާގެ ދެ ނޫހެއްކަމަށްވާ ޓައިމްޒް އަދި ބީލްޑްއަށް ދެއްވި ބަސްދީގަތުމެއްގައި ޓްރަމްޕް ވިދާޅުވީ ނޭޓޯއަކީ ބޭކާރު ޖަމާއަތެއްކަމަށާއި ނޭޓޯގެ ސަބަބުން ޔޫރަޕްގެ އެތަށް ގައުމެއް އަސްކަރީ ކަންކަމާއި އެގައުމުތަކުގެ އަމިއްލަ ދިފާއީ ކަންކަމުގައި ބަރޯސާ ކުރަނީ އެމެރިކާއަށްކަމުން ނޭޓޯއަކީ އެމެރިކާއަށް ބޮޑު ޚަރަދު ގަނޑެއްކަމުގައެވެ. އަދުގެ ވިޔަފާރީގެ ދުނިޔޭގައި ހަނގުރާމައާއި ތަޅާފޮޅުމާއި އަސްކަރީ ކަންކަމަށް އެހާ ބޮޑު ޚަރަދެއް އެމެރިކާ ކުރުމުގެ ބޭނުމެއްނެތްކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.

އިނގިރޭސިވިލާތް ޔޫރަޕްގެ އިއްތިޙާދުން ވަކިވި ވަކިވުމަށްވެސް ޓްރަމްޕް ވަނީ މަރްހަބާ ވިދާޅުވެފައެވެ. ޓްރަމްޕް ވިދާޅުވީ އެއީ އިނގިރޭސިވިލާތަށް ލިބުނު ބޮޑު ކާމިޔާބީއެއްކަމަށާއި ބްރެކްސިޓްގެ ސަބަބުން އިނގިރޭސިވިލާތަށް ގެއްލޭ ވިޔަފާރީގެ މުއާމަލާތްތައް ފޫބެއްދުމަށްޓަކައި އެމެރިކާއިން އިނގިރޭސިވިލާތާއެކު ވިޔަފާރީގެ އެއްބަސްވުންތަކެއްގައި ސޮއިކުރާނެ ކަމުގައެވެ.

ރަޝިޔާއާއި އެމެރިކާއާ ދެމެދުގައިވާ ނުތަނަވަސްކަމާބެހޭގޮތުންނާއި ރަޝިޔާއާދެކޮޅަށް އޮބާމާގެ ވެރިކަމުގައި އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާބެހޭގޮތުން ޓްރަމްޕް ވިދާޅުވީ ނިއުކްލިޔަރ ހަތިޔާރު ދުނިޔޭން މަދުކުރުމުގެ އެއްބަސްވުމެއްގައި ރަޝިޔާއިން އެމެރިކާއާއެކު ސޮއިކޮށް ނިއުކްލިޔަރ ހަތިޔާރު ދުނިޔޭން މަދުކުރުމަށް ރަޝިޔާ އެހީތެރިވާނަމަ ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލާނެކަމުގައެވެ. އަދި ރަޝިޔާފަދަ އިގްތިސާދީގޮތުން ބޮޑު ފައިދާއެއް ނެގެންއޮތް ގައުމަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަކީ އެމެރިކާއިން ހަދާފައިވާ ބޮޑު ގޯހެއްކަމަށާއި ރަޝިޔާއާއެކު ވިޔަފާރީގެ ގުޅުންތައް ބަދަހިކުރައްވާނެ ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.

މެދުއިރުމަތީގެ އަރަބި ގައުމުތަކުގައި ހިނގަމުންދާ ހަނގުރާމަތަކާބެހޭގޮތުން ޓްރަމްޕް ވިދާޅުވީ އޭނާގެ ސިޔާސަތުތަކަކީ ހަނގުރާމަތަކާ ދުރުވެ އިގްތިސާދާއި ވިޔަފާރިއަށް އިސްކަން ދިނުންކަމަށާއި ދުނިޔެ މިހާރަށްވުރެ އަމާންތަނަކަށް ހެދުމަށް ހުރިހާ ގައުމުތަކާއެކު މަސައްކަތް ކުރައްވާނެކަމުގައެވެ.

އޮބާމާގެ ސިޔާސަތުތަކަށް ފާޑު ވިދާޅުވަމުން ޓްރަމްޕް ވިދާޅުވީ ލީބިޔާއާއި ސޫރިޔާއާއި ޔަމަންފަދަ ގައުމުތަކަކީ އޮބާމާ ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން ހަމަޖެހުންއޮތް ގައުމުތައް ކަމަށާއި އެގައުމުތައް ހަމަނުޖެހުންތަކުގެ ތެރެއަށްވެއްޓި ހަނގުރާމަތަކުގެ ޝިކާރައަކަށްވީ އޮބާމާގެ ވެރިކަމުގައި ކަމުގައެވެ. ސޫރިޔާ ފަދަ ދާޚިލީ ހަނގުރާމަ ހިނގާ ގައުމުތަކުން ޔޫރަޕަށް ހިޖްރަކުރާ ރެފިއުޖީންނާބެހޭގޮތުން ޓްރަމްޕް ވިދާޅުވީ ރެފިއުޖީންނަށް އޭނާގެ ސަރުކާރުން މަރްހަބާ ނުކިޔާ ކަމަށާއި ޖަރުމަނުގެ ޗާންސެލަރ އެންގެލާ މާކަލް ޖަރުމަނުގެ ބޯޑަރުތައް ރެފިއުޖީންނަށް ހުޅުވާލި ހުޅުވާލުމަކީ ވަރަށް ބޮޑު ގޯހެއްކަމުގައެވެ.

ޔޫރަޕަށް ވަންނަ ރެފިއުޖީންނަކީ ޣައިރު ގާނޫނީ މުހާޖިރުން ކަމަށް ސިފަކުރައްވަމުން ޓްރަމްޕް ވިދާޅުވީ، ރެފިއުޖީން ބަލައިގަތުމުގެ ހިތި ރަހަ ޔޫރަޕްގެ ގައުމުތަކުގެ ކަރުބުޑުގައި ލާނެކަމަށާއި އެއީ ޔޫރަޕުން ހެދި ވަރަށް ބޮޑުގޯހެއް ކަމުގައެވެ.

ޓްރަމްޕަކީ ދުނިޔޭގެ ކަންކަމުގެ ތެރެއަށް އަތްބާނައިގެން ހަނގުރާމައާއި ތަޅާފޮޅުންތައް އުފައްދައި ދުނިޔޭގައި ފުލުހެއްގެ ބައި އަދާކުރުމަށް އެމެރިކާ ގެންގުޅޭ ހަރުކަށި އިންޕީރިއަލިސްޓް ސިޔާސަތުތަކަކީ ބޭކާރު އަދި ގެއްލުން ބޮޑު ސިޔާސަތުތަކެއް ކަމަށް ދެކެވަޑައިގަންނަވާ ބޭފުޅެކެވެ.

އެހެންކަމުން ޓްރަމްޕްގެ ފިކުރު ހުރީ އެމެރިކާގެ އެތެރެއާއި ބޭރުގެ ކަންކަމަށް އިސްކަންދިނުމަށާއި ދުނިޔޭގައި ހަންފެތުރުމުގެ ކަންކަން ކުޑަކޮށްލުމުގެ މައްޗަށެވެ. މިއީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު އެމެރިކާ ގެންގުޅެންފެށި ސިޔާސަތުތަކާ އަދި މިހާރު އެމެރިކާގެ ރަސްމީ މުއައްސަސާތަކުގެ ފިކުރާ ވަރަށް ތަފާތު ސިޔާސަތެކެވެ.

ދުނިޔޭގެ ގައުމުތަކަށް ހަންފެތުރުމަށްޓަކައި އެކިގައުމުތަކުގައި އެމެރިކާ އަސްކަރީ ބޭސްތައް ބިނާކޮށް އެމެރިކާ ސިފައިންގެ އެތަށް ހާސްބަޔަކު އެގައުމު ތަކުގައި ބޭތިއްބުމަށް އެމެރިކާ ގެންގުޅޭ ސިޔާސަތުތަކަކީ އިގްތިސާދީގޮތުން ގެއްލުން ބޮޑު ސިޔާސަތުތަކެއް ކަމަށް ޓްރަމްޕް ދެކެވަޑައިގަންނަވައެވެ.

މިގޮތުން އެމެރިކާއިން ދުނިޔޭގައި ފުލުހެއްގެ ދައުރު އަދާކުރާނީ އަދި ޖަޕާނާއި ދެކުނު ކޮރެޔާއާއި ޖަރުމަނުފަދަ ގައުމުތަކުގެ ހިމާޔަތުގައި އެމެރިކާގެ ސިފައިން ބޭތިއްބޭނީ ފައިސާދިނުމުންކަމަށްވެސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

ރިޔާސީ ކޭންޕޭންގައި ޓްރަމްޕް ވިދާޅުވެފައިވަނީ އޭނާގެ ސިޔާސަތުތައް ބައްޓަންކުރާނީ މައިގަނޑު ގޮތެއްގައި އެމެރިކާގެ އެތެރެ ބިނާކުރުމަށް ކަމުގައެވެ. މިގޮތުން ޒަމާންވެ ބައުވެފައިވާ އެމެރިކާގެ އިންފްރާސްޓްރަކްޗަރ އަލުން އައުކޮށް އެމެރިކާގެ އިގްތިސާދު އިތުރަށް ވަރުގަދަކޮށް އެމެރިކާގެ ފަގީރުންނާއި ޒުވާނުންނާއި މެދުފަންތީގެ މީހުންނަށް ވަޒީފާގެ ފުރްސަތުތައް އިތުރު ކުރުމަށްކަމަށް ޓްރަމްޕްވަނީ ވިދާޅުވެފައެވެ.

ޓްރަމްޕްގެ މިސިޔާސަތުތަކަކީ އެމެރިކާގެ މުއްސަނދިންނާއި މިކަންކަމުން ފައިދާ ލިބޭ ކުންފުނިތައް ރުހޭނެ ކަމެއްނޫނެވެ. އަދި މިއީ އެމެރިކާގެ ބައިވެރިންގެ ގޮތުގައި ހަރަކާތްތެރިވާ ޔޫރަޕްގެ ގައުމުތައްވެސް ރުހޭ ސިޔާސަތުތަކެއް ނޫނެނެވެ. އެހެންކަމުން ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާގެ އެތެރޭގައި ގަޑުބަޑުތައް އުފެދުމާއި ހުޅަނގުގެ ނިޒާމޭ މިކިޔާ ނިޒާމު ރޫޅިގެން ދިޔުން އެކަށީގެންވާކަމަށް މުރާސިލުން ބުނެއެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް