ސަންޖޭ ދަތުގެ ބަޔޮޕިކްގެ ޝޫޓިން ފަށައިފި

ބޮލީވުޑްގެ ކާމިޔާބު އެކްޓަރު ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް ރާޖްކުމާރު ހިރާނީ ޑައިރެކްޓުކޮށް އުފައްދާ ފިލްމުގެ ޝޫޓިން ފަށައިފި އެވެ.

ފިލްމުގައި ސަންޖޭގެ ރޯލު އަދާކުރާނީ މިވަގުތު ބޮލީވުޑުގައި އެންމެ ފާހަގަކޮށްލެވޭ ބަތަލު، ރަންބީރު ކަޕޫރެވެ. ރަންބީރުގެ އިތުރުން ދެން ފިލްމުން ފެނިގެން ދާނީ ސޯނަމް ކަޕޫރު، ވިކީ ކޯޝަލް އަދި ޕަރޭޝް ރާވަލް އެވެ.

އޭގެ އިތުރުން، އެކްޓްރެސް އަދި ޕްރޮޑިއުސަރު ދިއާ މިރްޒާ ވެސް މިހާރު ވަނީ ފިލްމަށް ސޮއިކޮށްފައެވެ. ދިއާ މިރްޒާ ވެސް ވަނީ ފިލްމުގެ ޝޫޓިން ގައި މިހާރު ބައިވެރިވާން ފަށައިފައެވެ.

ނަވާރަ ސަތޭކަ ނުވަދިހަ ތިން ވަނަ އަހަރު މުމްބާއީގައި ބޮން ގޮއްވި ހާދިސާއާ ގުޅިގެން ކުރި ތަހުގީގެއްގައި ހަތިޔާރު ގެންގުޅުނުކަން ސާބިތުވެ، ސަންޖޭގެ މައްޗަށް ކުރި ފަސް އަހަރު ދުވަހުގެ ޖަލު ހުކުމް ތަންފީޒުކޮށް އޭނާ ޖަލުން މިނިވަންވީ މިދިޔަ ފެބްރުއަރީގައެވެ.

ސަންޖޭގެ ބަޔޮޕިކްގައި ފެނިގެންދާނީ އޭނާ މަޝްހޫރުވި ގޮތާއި ބޮމުގެ ހާދިސާ އާއި ގުޅިގެން އޭނާގެ ކެރިއަރަށް އައި ބަދަލާއި އަދި ޖަލުގައި ހޭދަކުރި ދުވަސްތަކެވެ.

ސަންޖޭ ވަނީ ޖަލުގައި ހުރި އަހަރުތަކުގައި ވެސް ބައެއް ފިލްމުތަކުގެ މަސައްކަތް ކޮށްފައެވެ. އޭގެ ތެރޭގައި 'އުންގްލީ'، 'ޕޮލިސްގިރީ' އަދި 'ޕީކޭ' ހިމެނެ އެވެ. ސަންޖޭ މިހާރު އަންނަނީ ޑައިރެކްޓަރު އޮމަންގް ކުމާރުގެ ކުރިއަށް އޮތް ފިލްމު 'ބޫމީ' އާއި އެކު ފިލްމީ ދާއިރާއާ އަލުން ގުޅުމަށް ތައްޔާރުވަމުންނެވެ.

ސަންޖޭގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމުގެ ޝޫޓިން ފަށައިފައި ވާއިރު، ރަންބީރު ވަނީ އެ ފިލްމު އޭނާއަށް ހައްގު ނޫން ކަމަށް ބުނެފައެވެ.

comment ކޮމެންޓް