ސަލްމާން ޚާނަށް 64 އަހަރު؟!

ސަލްމާން ޚާން --

ސުޕަސްޓަރ ސަލްމާން ޚާން އޭނާގެ 51 ވަނަ އުފަންދުވަސް ފާހަގަ ކުރީ މީގެ ދެ ހަފްތާ ކުރިންނެވެ. ނަމަވެސް، ސަލްމާނަށް ފުރުނީ 51 އަހަރު ނޫން ކަމަށް ބުނެ މިހާރު އަންނަނީ ވާހަކަ ދެކެވެމުންނެވެ.

ސަލްމާންގެ އުމުރާ މެދު ސުވާލު އުފެދުނީ އިންޓަނެޓުގައި ދައުރުވަމުން އަންނަ ފޮޓޯ އެއްގެ ސަބަބުންނެވެ. އެ ފޮޓޯގައިވާ ގޮތުން ސަލްމާންގެ އުމުރަކީ 64 އަހަރެވެ.

އިންޓަނެޓުގައި ދައުރުވަމުން އަންނަނީ ގްރޭޓަރ ހައިދުރައާބާދު މުނިސިޕަލް ކޯޕަރޭޝަންގެ ކުރިއަށް އޮތް އިންތިޚާބުގައި ވޯޓު ލާން ރަޖިސްޓްރީ ވެފައިވާ އައިޑީ އެކެވެ. އެ އައިޑީގައި ވަނީ ސަލްމާންގެ ފޮޓޯ އާއި އޭނާގެ މައުލޫމާތެވެ. ސަލްމާން ޚާންގެ ނަމުގައިވާ އެ އައިޑީގައި އޭނާގެ ބައްޕަގެ ނަމަކަށް ޖަހާފައިވަނީ ވެސް ސަލީމް ޚާން އެވެ. އަދި އުމުރަކަށް ޖަހާފައި ވަނީ 64 އަހަރެވެ.

ދައުރުވަމުން އަންނަ ފޭކް ވޯޓަރ އައިޑީ ސްލިޕްގެ ފޮޓޯ: އެއީ ފޭކް އައިޑީ އެއް ---

ނަމަވެސް އެއީ އަސްލު އައިޑީއެއް ނޫނެވެ. މިއީ މިދިޔަ އަހަރު ވެސް އެ އިންތިޚާބުގައި ފެންމަތިވި މައްސަލައެކެވެ.

އެއީ މިދިޔަ އަހަރު އިންތިޚާބުގައި ވޯޓު ލާން ރަޖިސްޓްރީ ކުރި މީހެއްގެ އައިޑީ އެކެވެ. އޭގައި ސަލްމާންގެ ފޮޓޯ ޖެހިފައި ވަނީ އޮޅުމަކުންނެވެ. އެ ފޮޓޯ އަކީ އިންޓަނެޓުން ޑައުންލޯޑް ކޮށްފައިވާ ފޮޓޯ އެއްކަން ވެސް ރީތިކޮށް އެނގެ އެވެ.

މިދިޔަ އަހަރު އެ އައިޑީ ހިފައިގެން ދިޔަ މީހާއަށް ވޯޓު ނުލެވުނު ނަމަވެސް، މުނިސިޕަލިޓީގެ ސަމާލުކަމަށް އެކަން ވަނީ އައިސްފައެވެ. އަދި މައްސަލަ ހައްލު ކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.

ނަމަވެސް އަނެއްކާ ވެސް އެ ފޮޓޯ އަންނަނީ އިންޓަނެޓުގައި ދައުރުވަމުންނެވެ. އެކަމާ ގުޅިގެން ސަލްމާން ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.

comment ކޮމެންޓް