ރާއްޖޭގެ ކުޅުންތެރީންނަށް ވެސް ދުނިޔޭގެ ބޮޑެތި ކްލަބުތަކަށް ކުޅުމުގެ ފުރުސަތު ލިބޭނެ: ޔޯކް

މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ފޯވަޑް ރާއްޖެ އައުން: ކިތަންމެ ކުޑަ ގައުމެއްގެ ކުޅުންތެރިޔަކަށް ވިޔަސް، ބޮޑެތި ކްލަބުތަކަށް ކުޅުމުގެ ފުރުސަތު ގެއްލިގެން ނުދާނެ ކަމަށް އޭނާ ބުނޭ --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ރާއްޖޭގެ ކުޅުންތެރީންނަށް ވެސް ދުނިޔޭގެ ބޮޑެތި ކްލަބުތަކަށް ކުޅުމުގެ ފުރުސަތު ލިބިގެންދާނެ ވެސް މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ފޯވަޑް ޑްވައިކް ޔޯކް ބުނެފިއެވެ.

މިރޭ ބާއްވާ މޯލްޑިވްސް ފުޓްބޯލް އެވޯޑް ނައިޓްގެ ހާއްސަ މެހެމާނެއްގެ ގޮތުގައި ބައިވެރިވުމަށް ރާއްޖެ އައިސް އިއްޔެ ނޫސްވެރިންނަށް މައުލޫމާތުދެމުން ޔޯކް ބުނީ، އޭނާއަކީ ވެސް ކުޑަ ގައުމަކަށް ނިސްބަތްވާ ކުޅުންތެރިއެއް ކަމަށްވިޔަސް، އޭނާއަށް ވެސް ދުނިޔޭގެ ބޮޑެތި ކްލަބުތަކަށް ކުޅުމުގެ ފުރުސަތު ލިބިގެންދިޔަ ކަމަށެވެ.

"އަހަރެންގެ ގައުމު ޓްރިނިޑާޑް އެންޑް ޓޮބޭގޯއަކީ ވެސް ވަރަށް ކުޑަ ގައުމެއް. އަހަރެންގެ ވަށައިގެން ވެސް ރީތި މާހައުލެއް އޮތް. އެކަމަކު އަހަރެންގެ އަމާޒަކަށްވީ ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުންތެރިޔަކަށްވުމަށް. ކުދި ގައުމުތަކަށް ވެސް ބޮޑެތި ކްލަބުތަކަށް ކުޅެން ލިބުމުގެ ފުރުސަތު މިހާރު ބޮޑު. ރާއްޖޭގެ ޒުވާން ކުޅުންތެރިންނަކީ ވެސް ފެންވަރު ރަނގަޅު، ބުރަ މަސައްކަތުން ކުރިއަރަމުންދާ ކުޅުންތެރިންނަށް ވެއްޖެކަމަށްވަންޏާ، އެ ކުޅުންތެރިންނަށް ވެސް ބޮޑެތި ކްލަބުތަކަށް ކުޅުމުގެ ފުރުސަތު ލިބިގެންދާނެ،" އޭނާ ބުންޏެވެ.

ޔޯކް ބުނީ، ކުޑަ ގައުމަކަށް ނިސްބަތްވާ ކުޅުންތެރިއެކޭ ކިޔާފައި، ބޮޑެތި ކްލަބުތަކަށް ކުޅުމުގެ ފުރުސަތު ގެއްލިގެން ނުދާނެ ކަމަށާއި އޭނާއަކީ އޭގެ ރަނގަޅު ހެއްކެއް ކަމަށެވެ.

ޓްރިނިޑާޑް އެންޑް ޓޮބޭގޯ ގައުމީ ޓީމަށް 74 މެޗު ކުޅެދީފައީވާ ޔޯކް ވަނީ ޔުނައިޓެޑްގެ އިތުރުން އެސްޓަން ވިލާއާއި، ބްލެކްބާން ރޯވާޒްއާއި، ބާމިންހަމް ސިޓީއާއި ސަންޑަލޭންޑްގެ އިތުރުން އޮސްޓްރޭލިއާގެ ސިޑްނީ އެފްސީއަށް ވެސް ކުޅެފައެވެ.

comment ކޮމެންޓް