ހާލުގައި ޖެހުނު ހަލަބުގެ ރައްޔިތުންނަށް އެހީވުމަށް ރާއްޖޭން ކެމްޕޭނެއް ފަށައިފި

އައިއޭސީއިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ސީރިއާގެ ސިފައިންނާއި ހަނގުރާމަވެރިންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގި އެ ގައުމުގެ ހަލަބުން ސަލާމަތްވި ފަސްލައްކައެއްހާ މީހުން ހާލުގައި ޖެހިފައި ވާތީ އެމީހުންނަށް އެހީތެރިވެދިނުމުގެ ގޮތުން އެހީ ޖަމިއްޔާގެ އިސްނެގުމުގެ މަތިން ބޮޑު ކެމްޕޭނެއް ފަށައިފިއެވެ.

އެހީ ޖަމިއްޔާއިން އެ ކެމްޕޭން ހިންގަނީ، ތުރުކީގެ އިންސާނީ ހައްގުތަކާ ބެހޭ ޖަމިއްޔާއެއް ކަމަށްވާ އިންސާނީ ޔަރްދިމް ވަކްފީ (އައިއެޗްއެޗް) ޖަމިއްޔާއާއެކު މިދިއަ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހު ވެފައިވާ އެއްބަސްވުމުގެ ދަށުންނެވެ. އެގޮތުން "އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)"ގެ ނަމުގައި ރާއްޖޭގައި ހިންގާ އެ ކެމްޕެއިނުގެ ދަށުން ހިންގާ ފުރަތަމަ ކެމްޕެއިނުގައި ލިބޭ ތަކެތި ހަދިޔާ ކުރުމަށް ހަމަޖެހިފައި ވަނީ، ހަނގުރާމައިގެ ސަބަބުން ސީރިއާގެ ހަލަބުން ނުކުންނަށް ޖެހުނު އެ ސަރަހައްދުގެ ރައްޔިތުންނަށެވެ.

"އަޅުގަނޑުމެންގެ ބޭނުމަކީ ކޮންމެވެސް ހާލެއްގަ މިއަހަރު ތެރޭގަ ދުނިޔޭގެ އެކި ހިސާބުތަކަށް [ދުނިޔެގެ އެކި ހިސާބުތަކުގައި ހާލުގައި ޖެހިފައިވާ މުސްލިމުންނަށް] އެހީ ފޯރުވައިދިނުން. އެގޮތުން އަޅުގަނޑުމެން ފުރަތަމަ ކަނޑައަޅާފަ މި އޮތީ ސީރިއާގެ ލޮބުވެތި އަޚުންނާއި އުޚުތުންނަށް އެހީތެރިކަން ފޯރުވައިދިނުން،" އައިއޭސީގެ މެމްބަރު، އާދަމް އަލީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ގައުމުގައި ހިނގަމުންދާ އަހުލީ ހަނގުރާމައިގެ ސަބަބުން 13 މިލިއަނެއްހާ މީހުން ގެދޮރު ނެތި ހާލުގައި ޖެހިފައިވާ ކަމަށެވެ. އޭގެ އިތުރުން ފަސް ލައްކައަށްވުރެ ގިނަ ކުށެއް ނެތް މުސްލިމުން ޝަހީދުކޮށްފައިވާ ކަމަށާއި، އެ ހަމަނުޖެހުންތަކުގެ ސަބަބުން ކައިރި ގައުމުތަކަށް ރެފިއުޖީންގެ ގޮތުގައި ފަސް މިލިއަނަށްވުރެ ގިނަ މީހުން ހިޖުރަ ކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ވަރަށް ފަހުން ހަލަބު ވަނީ ހިސާރު ކުރެވި އަތުލައިގަނެވިފަ. އަދި އެތަނުން ފަސްލައްކައެއް މީހުން ވަނީ ބޭރުކުރެވިފަ. ވަންނާނެ ގެދޮރާ، ކާނާ އާއި އަންނައުނަށް ވަނީ ވަރަށް ބޮޑަށް ބޭނުން ޖެހިފަ. ވީމާ އަޅުގަނޑުމެންގެ މަގުސަދަކީ ސީރިއާއަށް އެހީތެރިކަން ފޯރުވައި ދިނުމަށް. ޚާއްސަކޮށް ހަލަބުގެ ރައްޔިތުންނަށް،" އޭނާ ވިދާޅުވިއެވެ.

އައިއޭސީ ކެމްޕެއިންގައި ދިވެހި 10 ޖަމިއްޔާއަކުން ބައިވެރިވެ އެވެ. އޭގެ ތެރޭގައި އަސްރު ކެއާ، ހިޖްރާ، މޯލްޑިވްސް ފަލަސްތީން ބަރަދަހުޑް އެސޯސިއޭޝަން، ކޭކް ޑޯނާސް، ހެލްޕިން ހޭންޑް، ޕޯޓްރެއިޓް އަލްބަމްއާއި އަލް ބައްޔިނާގެ އިތުރުން ޕީއެސްއެމް ހިމެނެއެވެ.

އާދަމް ވިދާޅުވި ގޮތުގައި އެ ކެމްޕެއިން ފެބްރުއަރީގެ ނިޔަލަށް ކުރިއަށް ގެންދާނެ އެވެ. އަދި ކެމްޕެއިނުގައި އެހީގެ ގޮތުގައި ހޯދުމަށް ހަމަޖެހިފައި ވަނީ އަންނައުނާއި ކާތަކެއްޗެވެ. މި ކެމްޕެއިންގައި ޖުމްލަ ތިން ކޮންޓެއިނަރުގެ ތަކެތި ސީރިއާއަށް ފޮނުވަން ވަނީ ހަމަޖެހިފައެވެ.

  • އެއް ކޮންޓެއިނަރުގައި 1200 ކޭހުގެ ދަޅުމަސް ފޮނުވާނެ
  • ދެވަނަ ކޮންޓެއިނަރުގައި ގޮދަޑި ފޮނުވާނެ
  • ތިން ވަނަ ކޮންޓެއިނަރުގައި ފޮނުވާނީ އަންނައުނާއި ބްލޭންކެޓާއި ކުޑަކުދިންގެ ކާނާއާއި ބޫޓު އަދި ޕެޑް

އައިއޭސީން ބުނި ގޮތުގައި މި ކެމްޕެއިންގެ ތެރޭގައި ފައިސާގެ ގޮތުގައި އެހީ ނުދެވޭނެ އެވެ. ހަދިޔާ ކުރަން ޖެހޭނީ ތަކެއްޗެވެ.

އާދަމް ވިދާޅުވީ އަންނަ ހަފްތާގެ ތެރޭގައި ކޭކް ޑޯނާސް އިން ކޭކު ވިއްކުމުގެ ހަރަކާތެއް ފަށާނެ ކަމަށެވެ. އަދި އެ ހަރަކާތާ ގުޅޭ މައުލޫމާތުތަކާއި އެހެން ހަރަކާތްތަކުގެ މައުލޫމާތު ވެސް އެ ކެމްޕެއިންގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް އާންމުކުރާނެ ކަމަށެވެ.

comment ކޮމެންޓް