ލަންކާ މަސްވެރިން ސަލާމަތް ކުރުމުން ދިވެހިންނާ މެދު ބޭރުގެ އިތުބާރު ބޮޑުވޭ: އެމްއެންޑީއެފް

އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ހުރަވީ ކައިރީ ލަންކާ މަސްދޯނި ބާއްވާފައި --- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

ލަންކާ މަސްވެރިންތަކެއް ހާލުގައި ޖެހިފައި ވަނިކޮށް ފެނުމުން އެމީހުން ސަލާމަތް ކުރުމުން ދިވެހިންނާއި ދިވެހި ސިފައިންނާ މެދު ބޭރުގެ ގައުމުތަކުގެ މީހުންގެ އިތުބާރު ބޮޑުވެގެންދާނެ ކަމަށް އެމްއެންޑީއެފްގެ ކޯސްޓްގާޑުން ބުނެފި އެވެ.

ކޯސްޓްގާޑް ކޮމާންޑަރު ކާނަލް މުހައްމަދު އިބްރާހިމް އެފަދައިން ވިދާޅުވީ، ލަންކާ މަސްވެރިން ސަލާމަތްކުރުމުގައި ހަރަކާތްތެރިވި ކޯސްޓްގާޑް ޝިޕް ހުރަވީ އަށް މިއަދު ޑިފެންސް މިނިސްޓަރު ކުރެއްވި ދަތުރުފުޅަށްފަހު، ކޯސްޓްގާޑްގެ ފަރާތުން އެ އޮޕަރޭޝަންގެ މައުލޫމާތު ނޫސްވެރިންނަށް ހިއްސާކުރުމަށް ބޭއްވި ރަސްމިއްޔާތުގަ އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކޯސްޓްގާޑް ކޮމާންޑަރު ކާނަލް މުހައްމަދު އިބްރާހިމް ވިދާޅުވީ ލަންކާގެ މަސްވެރިން ހާލުގައި ޖެހިފައި ވަނިކޮށް އެމީހުން ހޯދަން ލަންކާއިން ރާއްޖޭގެ ކަމާބެހޭ ފަރާތްތަކާ ހަވާލުކުރީވެސް ރާއްޖޭގެ ކޯސްޓްގާޑް އަދި އެކަން ކުރަން ތިބި އެހެން ފަރާތްތަކާ މެދު އިތުބާރު އޮތުމުން ކަމަށެވެ.

ނަމަވެސް އެ އުޅަނދުތަކުން "ރާއްޖޭގެ މަސްވެރިންގެ އެހީތެރިކަމާ އެކު" ލަންކާގެ މަސްވެރިން ހޯދުމުން ދިވެހިންނާ މެދު ބޭރުގެ ފަރާތްތަކުގެ އިތުބާރު ބޮޑުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ވަރަށް އިތުބާރު އަޅުގަނޑުމެންނާ މެދު އޮވެގެން އެ ފަރާތްތަކުން އަޅުގަނޑުމެންގެ އެހީތެރިކަމަށް އެދެނީ. ހަމަ ގައިމުވެސް އަޅުގަނޑުމެންގެ ދިވެހި މަސްވެރިންގެ ފަރާތުން މި އުޅަނދު ހޯދުމުގައި ލިބުނު އެއްބާރުލުމަކީ ފާހަގަކޮށްލަންޖެހޭ ކަމެއް،" ކާނަލް މުހައްމަދު އިބްރާހިމް ވިދާޅުވި އެވެ.

އިތުރަށް ވާހަކަ ދައްކަވަމުން ކާނަލް މުހައްމަދު އިބްރާހިމް ވިދާޅުވީ، ލަންކާގެ މަސްވެރިން ހޯދުމުގައި ދިވެހި މަސްވެރިންގެ ފަރާތުން ލިބުނު އެއްބާރުލުން ޝުކުރުވެރިކަމާ އެކު ފާހަގަކޮށް މަސްވެރިންނަށް ޝުކުރު އަދާކުރާ ކަމަށެވެ.

"މިސާލަކަށް އެފަދަ އުޅަނދެއްގެ މައުލޫމާތު ލިބުނީމަ އަޅުގަނޑުމެން މި އެ އުޅަނދު ހޯދާ ލޮކޭޓް ކޮށްފަ އެންމެ ކައިރީ އޮތް މަސް ދޯންޏަކަށް އަންގަނީ އެމީހުންނަށް އަވަސް އެހީއެއް ފޯރުކޮށްދޭން. މިސާލަކަށް މާލެއިން އަޅުގަނޑުމެން ފުރައިގެން ދެވޭހާއިރަށްވުރެ ކައިރީ މަސްދޯންޏެއް އޮވެއްޖެއްޔާ އެ އުޅަނދަށް މި އަންގަނީ. މިގޮތުން މިފަހަރުވެސް މަސްވެރިންގެ ފަރާތުން އަޅުގަނޑުމެންނަށް ލިބުނީ ވަރަށް ފުރިހަމަ އެއްބާރުލުމެއް،" ކާނަލް މުހައްމަދު އިބްރާހިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުރިއަށް އޮތްތާގައި ވެސް އެފަދަ ކަމެއް ދިމާވެ، އެމްއެންޑީއެފުން މަސްވެރިންގެ އެހީތެރިކަމަށް އެދިއްޖެނަމަ މަސްވެރިންގެ އެހީތެރިކަން ލިބިގެންދާނެކަމުގެ ވަރަށްބޮޑު ޔަގީންކަމެއް އެބައޮތް ކަމަށެވެ.

"ދިވެހި މަސްވެރިންނާ ކޯސްޓްގާޑް ގުޅިގެން ކުރާ ކަންތައްތަކުގަ އަޅުގަނޑުމެން ދިވެހި ރައްޔިތުން ޕްރޮމޯޓްވެގެން މިދަނީ. އަޅުގަނޑުމެންގެ މަސްވެރިންނާ ކަނޑު ދަތުރުކުރާ ފަރާތްތަކުގެ ހުރި ހިތްހެޔޮކަމާ އޯގާތެރިކަން މި އިނގެނީ. މިކަމުން މި އިނގެނީ މުޅި ދިވެހި މުޖުތަމައުގައި ހުރި އިންސާނިއްޔަތުކަން،" ކާނަލް މުހައްމަދު އިބްރާހިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދިވެހިންނަށް ދިމާވާ އެފަދަ ކޮންމެ ކަމެއްގައި ވެސް ދިވެހިންނަށް އެހީ ފޯރުކޮށްދިނުމަށް ދިވެހި ކޯސްޓްގާޑް ތައްޔާރަށް އޮތް ކަމަށެވެ.

comment ކޮމެންޓް