ހަލް އިންޝުއަރެންސް ދޭން އެލައިޑަށް ހަވާލުކުރީ ބިޑުކޮށްގެން: ޓްރާންސްޕޯޓް

ޓްރަންސްޕޯޓު އޮތޯރިޓީގެ ޗެއާމަން އަބްދުލްރަޝީދު ނާފިޒް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހަލް އިންޝުއަރެންސް ފޯރުކޮށްދިނުމަށް ޓްރާންސްޕޯޓު އޮތޯރިޓީއާއި އެލައިޑް އިންޝުއަރެންސް ކޮމްޕެނީއާ ދެމެދުވީ އެއްބަސްވެވުނީ، 30 ޕަސަންޓުގެ ޑިސްކައުންޓަކަކާ އެކު އެ އިންޝުއަރެންސް ފޯރުކޮށްދިނުމަށް ވި އެއްބަސްވުމެއް ކަމަށާއި، އެއީ އެއްވެސް ހާލަތެއްގައި އެ އިންޝުއަރެންސް ކަވަރޭޖު އެހެން ކުންފުންޏަކުން ދިނުމަށް ހުރަސް އެޅެން ޖެހޭނެ ކަމެއް ނޫން ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީއިން ބުނެފި އެވެ.

މިއަހަރުން ފެށިގެން، ރާއްޖޭގައި ދުއްވާ ހުރިހާ އޮޑިދޯނިފަހަރު ވެސް ހަލް އެންޑް މެޝިނަރީ އިންޝުއަރަންސް ކުރުމަށް ލާޒިމުކޮށްފައިވާ އިރު، ޓްރަންސްޕޯޓް އޮތޯރިޓީ އިން ވަނީ، އެ އިންޝުއަރެންސް ހެޔޮ އަގެއްގައި ފޯރުކޮށްދިނުމަށް އެލައިޑް އިންޝުއަރަންސް ކޮމްޕެނީއާ އެކު އެއްބަސްވުމެއް އެކުލަވާލައިފަ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރަންސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބްދުލްރަޝީދު ނާފިޒް ވިދާޅުވީ، އެއްވެސް ހާލަތެއްގައި، އެންމެ ކުންފުންޏަކުން ހަލް އިންޝުއަރަންސް ނެގުމަށް ޓްރާންސްޕޯޓު އޮތޯރިޓީ އިން މަޖުބޫރުކޮށްފައި ނުވާނެ ކަމަށާއި ރާއްޖޭގައި ރަޖިސްޓްރީކޮށް، ޓްރާންސްޕޯޓު އޮތޯރިޓީ އިން ގަބޫލުކުރާ ކޮންމެ އިންޝުއަރަންސް ކުންފުންޏަކުން ވެސް އިންޝުއަރަންސް ކަވަރޭޖު ހޯދޭނެ ކަމަށެވެ.

"ހަމައެކަނި އެލައިޑަށް އެކްސްކްލޫސިވްކޮށް ދީފައި އޮތް އިންޝުއަރަންސެއް ނޫން މިއީ. އެހެން ކުންފުންޏަކަށް ބައިވެރިނުވެވޭ ގޮތަށް ގަވައިދުގައި އޮތް އެއްޗެއް ވެސް ނޫން، ހަމައެކަނި ބުނެފައި އޮންނަނީ، ޓްރަންސްޕޯޓު އޮތޯރިޓީ އިން ގަބޫލުކުރާ އިންޝުއަރަންސް ކުންފުނިތަކުންނޭ ނެގޭނީ،"

ނާފިޒް ވިދާޅުވީ، ހަލް އިންޝުއަރަންސް ކުޑަ ޕްރިމިއަމެއްގައި ފޯރުކޮށްދިނުމަށް ޓަކައި އިންޝުއަރަންސް ކުންފުނިތަކާ އެކު މަޝްވަރާކޮށް، އެއްބަސްވުމަކަށް އާދެވުނު ކަމަށާއި ނަމަވެސް، އެއްބަސްވެވުނު އަގުގައި އިންޝުއަރަންސް ފޯރުކޮށް ނުދެވޭނެކަން، ދެ ތިން ދުވަސް ފަހުން ހުރިހާ އިންޝުއަރަންސް ކުންފުނިތަކުން ޓްރާންސްޕޯޓް އޮތޯރިޓީއަށް އެންގި ކަމަށެވެ.

މިކަމާ ގުޅިގެން އިންޝުއަރަންސް ކުންފުނިތަކުގެ ރެގިއުލޭޓަރު، އެމްއެމްއޭއަށް ގޮސް އެ އަގު ކުޑަކުރުމަށް މަސައްކަތެއް ކުރެވޭނެތޯ ސުވާލުކުރުމުން، ރާއްޖޭގައި އޮންނަނީ ފްރީ މާކެޓް އިކޮނޮމީއެއް ކަމަށާއި އެމްއެމްއޭ އިން ވިޔަފާރިތަކުގެ ކަންކަމަށް ވަދެ ނޫޅޭ ކަމަށް އެމްއެމްއޭ އިން ބުނި ކަމަށް ނާފިޒް ވިދާޅުވި އެވެ.

އެހެންކަމުން، ކުޑަ ޕްރިމިއަމެއްގައި އިންޝުއަރަންސް ދެވޭނެ ގޮތެއް ހޯދުމަށް ޓަކައި އަގު ހުށަހެޅުމަށް ފުރުސަތު ހުޅުވާލެވުނު ކަމަށް އޭނާ ވިދާޅުވި އެވެ.

"ބިޑަކަށް ހުޅުވާލާފައި ޕްރޮޕޯޒަލް ހުށަހަޅަން ހުޅުވާލި. އިންޝުއަރަންސް ފޯރުކުރުމަށް ރާއްޖެގައި ރެޖިސްޓާކޮށްފައިވާ ހުރިހާ ކުންފުންޏަކުން މައުލޫމަތު ސާފުކުރި. އެލައިޑުން އެކަނި ޕްރޮޕޯޒަލް ހުށަހެޅީ،"

ނާފިޒް ވިދާޅުވީ، ޕްރޮޕޯޒަލް ހުށަހެޅީ އެންމެ ކުންފުންޏަކުން ކަމުން، ދެވަނަ ފަހަރަށް ޕްރޮޕޯޒަލް ހުށަހެޅުމަށް ހުޅުވާލި ކަމަށާއި ދެވަނަ ފަހަރު ވެސް، ކަނޑައެޅި ވަގުތަށް ޕްރޮޕޯޒަލް ހުށަހެޅީ އެލައިޑުން އެކަނި ކަމަށެވެ.

"އެހެންކަމުން ރާއްޖޭގައި ހަލް އެންޑް މެޝިނަރީ އިންޝުއާ ކޮށްދޭން އަގުހެޔޮ ރޭޓެއްގައި މާކެޓުގައި މިހާރު ހުރި ރޭޓާއި އެލައިޑުން ވެސް އިންޝުއާ ކޮށްދޭ ރޭޓަށް ވުރެ 30 ޕަސަންޓު ހެޔޮކޮށް ކޮށްދޭން ސޮއިކުރީ،" ނާފިޒް ވިދާޅުވި އެވެ.

ޓްރަންސްޕޯޓު އޮތޯރިޓީގެ ޗެއާމަން އަބްދުލްރަޝީދު ނާފިޒް މީޑިއާއަށް މައުލޫމަތު ދެއްވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނާފިޒް ވިދާޅުވީ، މިކަމާ ގުޅޭ ގޮތުން އެމްއެމްއޭއިން ސުވާލުކުރި ކަމަށާއި، ޖަވާބުގައި، މިއީ އޯޕަން ބިޑަކުން ކުރި ކަމެއް ކަމަށާއި އެލައިޑް އިންޝުއަރަންސަށް ދިން ފުރުސަތު ދިވެހި ރާއްޖޭގެ އެހެނިހެން އިންޝުއަރަންސް ކުންފުނިތަކަށް ވެސް އޮންނާނެކަން ގަބޫލުކުރެވޭ ކަމަށް އެމްއެމްއޭއަށް ދަންނަވާފައިވާނެ ކަމަށެވެ.

"އެ ބިޑުގައި ބައިވެރިވެ، ބިޑު ކާމިޔާބުކުރާ ފަރާތަކަށް އެވޯޑުކުރުމުގެ ބާރު ޓްރާންސްޕޯޓު އޮތޯރިޓީއަށް ވެސް ލިބިގެންވޭ. އެދުވަހު ރާއްޖޭގައި ރަޖިސްޓަރކޮށްފައި ހުރި ހުރިހާ އިންޝުއަރަންސް ކުންފުންޏަކަށް ކުރިމަތިލުމަށް ފުރުސަތު ދެވުނު. ކުރިމަތި ލީ ފަރާތްތަކުގެ ތެރެއިން ބަޔަކު ހޮވޭނީ. އެންމެ ފަރާތަކުން ކުރިމަތިލީމާ ދެވަނަ ފަހަރަށް އިއުލާނުކޮށްގެން ހަވާލުކުރީ،" ނާފިޒް ވިދާޅުވި އެވެ.

ނާފިޒް ވިދާޅުވީ، ހެޔޮ އަގުގައި ހަލް އިންޝުއަރަންސް ފޯރުކޮށްދިނުމަށް އެލައިޑާ އެކު ޓްރަންސްޕޯޓުން ސޮއިކުރީ ފަސް އަހަރުގެ މުއްދަތަކަށް ކަމަށާއި ފަސް އަހަރު ހަމަވުމުން އަނެއްކާ ވެސް އަލުން އިއުލާނު ކުރާނެ ކަމަށެވެ.

މީގެ އިތުރުން ނާފިޒް ވިދާޅުވީ، އެންމެ ފުރަތަމަ އިއުލާނުކުރި އިރު އުފަން ނުވާ އިންޝުއަރަންސް ކުންފުނިތަކެއް މިއަދު އެބަހުރި ކަމަށާއި އެކުންފުނިތަކުން މިއަދު އެ ފުރުސަތު ނުލިބިގެން ކަންބޮޑުވުން ފާޅުކުރުމަކީ ހިތާމަހުރި ކަމެއް ކަމަށެވެ.

ހަލް އިންޝުއަރަންސް ދިނުމަށް ޓްރާންސްޕޯޓާއި އެލައިޑާ ދެމެދު ސޮއިކޮށް، އެ އިންޝުއަރަންސްގެ ޕްރިމިއަމްގެ އަގަށް ސީލިންގެއް ކަނޑައެޅުމުން، އެކަމުން މޮނޮޕޮލީއެއް އުފެދޭނެކަމަށް ބުނެ އިންޝުއަރަންސް ކުންފުނިތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

comment ކޮމެންޓް