ޕީޕީއެމްގެ ޕްރައިމަރީ މިމަހު 27ގައި

ޕީޕީއެމްގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން --- ފައިލްފޮޓޯ: އަފްރާހް

ޕްރޮގްރިސްވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ފަރާތުން ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރަން ބޭނުންވާ އެޕާީޓީގެ މެމްބަރުންނަށް ފުރުސަތު ހުޅުވާލާފައިވާ އިރު ޕްރިއިމަރީ މިމަހުގެ 27 ގައި ބާއްވަން ނިންމައިފި އެވެ.

ޕްރައިމަރީއާ ގުޅޭ މައުލޫމާތު ދިނުމަށް މިއަދު ޕީޕީއެމްގެ ފަރާތުން އެޕާޓީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސެކެޓްރީ ޖެނަރަލް އަބްދުﷲ ހަލީލް ވިދާޅުވީ މިހާތަނަށް ޖުމްލަ 600 އަށް ވުރެ ގިނަ ފޯމް ހުށަހަޅާފައިވާ ކަމަށާއި ނަމަވެސް އޭގެ ތެރެއިން ސައްހަ ފޯމްގެ އަދަދަކީ ގާތްގަޑަކަށް 550 ކަމަށެވެ.

"މީގެ ތެރޭގައި ހިމެނޭ ސައްހަ ނޫން ވަރަށް ގިން ފޯމްތަކެއް. އެ ފޯމްތަށް ފުރިހަމަ ކުރުމުގެ މަސަތްކަތްތަށް އަޅުގަނޑުމެން ކުރިއަށް އެބެގެންދަން. އެއީ އަލަށް ގާނުނަށް ގެނައި ބަދަލާ ގުޅިގެން. މިސާލަކަށް އިގުރާރެއް އިތުރުވެއްޖެ. އެއެއްޗިހި އެއްކުރުމުގެ މަސަތްކަތް ވެސް ކުރިއަށް ދޭ،" ހަލީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފޯމްތައް ފުރިހަމަކުރަން ޖެހެނީ ފަހުން ގާނޫނަށް ގެނައި ބަދަލާ ގުޅިގެން ކަމަށެވެ. ކައުންސިލް އިންތިހާބަށް ޕީޕީއެމްގެ ފަރާތުން ނިކުންނަނީ ކޯލިސަންގެ ފަރާތުންކަން ފާހަގަކޮށް ހަލީލް ވިދާޅުވީ ކޯލިސަންގައި ހިމެނޭ މޯލްޑިވްސް ޑިމޮކްރިކްޓިވް އެލައަންސް(އެމްޑީއޭ) އާއި ދިވެހި ރައްޔިތުންގެ ޕާޓީ(ޑީއާރުޕީ) އަށް 50 އަށް ވުރެން ގިނަ ގޮޑި ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

"ސީދާ އަދަދު މިވަގުތު ދަންނަވާލަން ނޭނގުނު ނަމަވެެސް ފަންސާސްއާ ގާތް ކުރާ އަދަދަކަށް ނުވަތަ އެއައްވުރެން ވެސް ކުޑަ ތަންކޮޅެއް މައްޗަށް ޖެހުމަކީ އެކަށީގެންވާ ކަމަށް. މިސާލަކަށް ދަންނަވާ ކަމުގައި ވަނީ ނަމަ ދ. އަތޮޅާއި ނ. އަތޮޅުގެ މެޖޯރިޓީ މި ދޫކޮށްލަނީ އެމްޑީއޭއަށް،" ހަލީލް ވިދާޅުވި އެވެ.

ރާއްޖޭގެ ހުރިހާ ކައުންސިލްތަކަކަށް ވެސް ޕީޕީއެމް ކޯލިޝަންގެ ފަރާތުން ކުރިމަތިލުމަށް ތައްޔާރުވަމުން އަންނަ އިރު ހަލީލް ވިދާޅުވީ މެޖޯރިޓީ ކައުންސިލްތަކަށް ކުރިމަތިލާފައި ވަނީ ޕްރައިމަރީއެއް ބާއްވަން ނުޖެހޭ އަދަދަށް ކަމަށާއި 273 ދާއިރާގެ ތެރެއިން ޕްރައިމަރީ ބާއްވަނީ 64 ދާއިރާގައި ކަމަށެވެ.

އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަމުން އަލީ އާރިފް ވިދާޅުވީ ޕީޕީއެމް އާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްއާ ހިޔާލުތަފާތުވުންތަކެއް އުފެދުނު ނަމަވެސް އެކަމުގެ އަސަރު ކައުންސިލް އިންތިހާބަށް ނުކުރާނެ ކަމަށާއި މެމްބަރުންންގެ 99 ޕަސެންޓް ތިބީ ރައީސް އަބްދުﷲ ޔާމިންގެ ފަހަތްޕުޅުގައި ކަމަށެވެ.

ޕީޕީއެމްގެ ޕްރައިމަރީގައި ވޯޓް ލެވޭނީ މިދިޔަ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުގެ ކުރިން އެ ޕާޓީގެ މެމްބަރެއްގެ ގޮތުގައި ރަޖިސްޓްރީވެފައިވާ މެމްބަރުންނަށް އެކަނި ކަމަށް އެ ޕާޓީން ބުންޏެވެ.

comment ކޮމެންޓް