ޕާކިސްތާނުގައި ނުވަ އަހަރު ހަނގުރާމަ ކުރަން އުޅުނު ކަމަށް ބުނެ ދިވެއްސެއްގެ މައްޗަށް ދައުވާ ކޮށްފި

ހަނގުރާމަ ކުރި ކަމަށް ބުނެ ދައުވާ އުފުލާފައިވާ، ރ. ކަނދޮޅުދޫ (މިހާރު ދުވާފަރު) ފީރޯޒްގެ، މުހައްމަދު އަބްދުއްރަހްމާން ކޯޓުން ނުކުންނަނީ ---

ކިޔަވަން ކަމަށް ބުނެ ޕާކިސްތާނަށް ގޮސް އެގައުމުގައި ނުވަ އަހަރު ހަނގުރާމަ ކުރުން އުޅުނު ކަމަށް ބުނެ ރ. ކަނދޮޅުދޫ (މިހާރު ދުވާފަރު) ފީރޯޒްގެ، މުހައްމަދު އަބްދުއްރަހްމާންގެ މައްޗަށް ދައުލަތުން ދައުވާކޮށްފި އެވެ.

އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން މިއަދު 14:00ގައި ވަނީ ކްރިމިނަލް ކޯޓުގައި ބާއްވާފަ އެވެ.

ދައުވާ އިއްވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ މުހައްމަދުގެ މައްޗަށް ދައުލަތުން ރާއްޖޭން ބޭރުގައި ކުރާ ހަނގުރާމައެއްގައި ބައިވެރިވި ކަމުގެ ދައުވާ އުފުލާފައި ވަނީ 2007 ވަނަ އަހަރު ޕާކިސްތާނަށް ކިޔަވަން ގޮސް އެ ގައުމުގެ "ވާނާ"ގައި ހަރަކާތްތެރިވަމުން ދިޔަ ހަނގުރާމަވެރިންގެ ބަޔަކާ ގުޅިގެން ހަނގުރާމަ ކުރަމުންގޮސްފައި ވާތީ ކަމަށެވެ.

ދައުލަތުން މުހައްމަދުގެ މައްޗަށް އުފުލާފައިވާ ދައުވާއަކީ ރާއްޖޭން ބޭރުގައި ކުރާ ހަނގުރާމައެއްގައި ބައިވެރިވި ކަމުގެ ދައުވާ، ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ 16 ވަނަ މާއްދާގެ (ހ)ގެ އެއްވަނަ ނަމްބަރާ ހަވާލާދީ އެމާއްދާގެ (ނ) ގެ ދަށުންނެވެ.

ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ 16 ވަނަ މާއްދާގެ (ހ)ގެ އެއްވަނަ ނަމްބަރުގައިވާ ގޮތުން ސަރުކާރުން ހުއްދަ ނުދެނީސް ރާއްޖޭން ބޭރުގައި ކުރާ ހަނގުރާމައެއްގައި ބައިވެރިވުމަކީ ކުށެކެވެ. އެ މާއްދާގެ (ނ)ގައި ބުނެފައި ވަނީ އެފަދަ ކުށެއް ކޮށްފި މީހަކު 17 އަހަރާއި 20 އަހަރާ ދެމެދުގެ މުއްދަތަށް ޖަލަށް ލެވޭނެ ކަމަށެވެ.

މުހައްމަދު ބުނީ ދައުވާއަށް ޖަވާބުދާރީވާން ބޭނުން ވަނީ ވަކީލަކާ އެކު ކަމަށެވެ. ގާޒީ އާދަމް އާރިފް ވަނީ ވަކީލަކު އައްޔަން ކުރަން މުހައްމަދަށް 10 ދުވަހުގެ މުއްދަތެއް ދީފަ އެވެ.

މައްސަލާގައި މުހައްމަދު ހައްޔަރުކޮށްފައި ވަނީ މިދިއަ އަހަރުތެރޭގަ އެވެ.

އޭނާގެ އިތުރުން ހަނގުރާމައަށް ދިޔަ ކަމުގެ ތުހުމަތުގައި މީގެ ކުރިން ވެސް ވަނީ ތިން މީހެއްގެ މައްޗަށް ދައުވާކޮށްފަ އެވެ.

comment ކޮމެންޓް