ދަރިވަރުންނަށް ކުރިމަތިވި މައްސަލަ ހައްލުކޮށްދޭން ބަންގާޅު ސަރުކާރުގައި ރަސްމީކޮށް އެދިއްޖެ

ބަންގްލަދޭޝްގެ ޔޫއެސްޓީސީގައި ކިޔަވާ ދަރިވަރުން މުޒާހަރާ ކުރަނީ -- ފޮޓޯ/ ޔޫއެސްޓީސީ ދަރިވަރުން

ބަންގްލަދޭޝްގެ ޗިޓަގޮންގްގައި ހުންނަ ޔުނިވާސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީ، ޗިޓަގޮންގް (ޔޫއެސްޓީސީ)ގައި މެޑިސިންގެ ރޮނގުން ތައުލީމު ހާސިލުކުރަމުންދާ 28 ދިވެހި ދަރިވަރަކަށް ދިމާވެފައިވާ ރެޖިސްޓްރޭޝަންގެ މައްސަލަ ހައްލުކޮށްދޭން ބަންގާޅު ސަރުކާރުގައި ރަސްމީކޮށް އެދިފައިވާ ކަމަށް ދިވެހި ސަރުކާރުން ބުނެފިއެވެ.

ބަންގްލަދޭޝްގައި މެޑިސިންގެ ދާއިރާއިން ކިޔަވާ ކޮންމެ ދަރިވަރަކުވެސް، އެގައުމުގެ މެޑިސިން އެންޑް ޑެންޓަލް ބޯޑު (ބީއެމްޑީސީ)ގައި ރެޖިސްޓަރ ކުރަންޖެހެއެވެ.

އާންމު އުސޫލުގެ ގޮތުން، ބަންގްލަދޭޝްގެ މެޑިކަލް ބޯޑުގައި ދަރިވަރުން ރެޖިސްޓްރީކުރަނީ ޔުނިވާސިޓީގެ ފަރާތުންނެވެ. އެހެން ނަމަވެސް، މި ދެ ބެޗުގެ ދަރިވަރުން، ޔުނިވާސިޓީގެ ފަރާތުން މެޑިކަލް ކައުންސިލުގައި ރެޖިސްޓަރ ކޮށްދީފައި ނުވާއިރު، އެކަން ދަރިވަރުންނަށް އަންގާފައި ވެސް ނުވެއެވެ.

މި މައްސަލަ، ރާއްޖޭގެ 28 ދަރިވަރުންގެ އިތުރުން، ބޫޓާން، ނޭޕާލް އަދި އިންޑިއާ ހިމެނޭ ގޮތަށް 1،000 އަށް ވުރެ ގިނަ ދަރިވަރުންނަށް ދިމާވެފައިވެއެވެ. އެ މައްސަލައިގައި ދަރިވަރުން ދަނީ ޔުނިވާސިޓީ ހުއްޓުމަކަށް ގެނެސް، ހަޅުތާލު ކުރަމުންނެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މި ކުރިމަތިވެފައިވާ މައްސަލަ ދިވެހި ސަރުކާރުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

މި މަހުގެ 23 ވަނަ ދުވަހު، ދަރިވަރުންގެ ފަހު އިމްތިހާނު ފަށާ އިރު، އެ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

އެގޮތުން، މި މައްސަލަ ހައްލުކޮށްދިނުމަށް ދިވެހި ސަރުކާރުން ބަންގްލަދޭޝް ސަރުކާރުގައި ރަސްމީކޮށް އެދިފައިވާ ކަމަށާއި، ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީން ވަނީ، މިމައްސަލަ އަވަހަށް ހައްލުކޮށްދިނުމަށް ޔުނިވާސިޓީގައި އެދިފައި ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

"ދިވެހި އެމްބަސީން މިކުދިންނާއި ވާހަކަ ދައްކައި މައްސަލަ ހައްލު ކުރެވޭތޯ ސަރުކާރުން މަސައްކަތް ކުރާނެކަމުގެ ފުރިހަމަ ޔަޤީންކަން ދީފައިވޭ،" ފޮރިން މިނިސްޓްރީން ބުންޏެވެ.

ބަންގްލަދޭޝްގެ މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް (ބީއެމްޑީސީ)އިން މި ދަރިވަރުން ރެޖިސްޓަރ ކޮށްދީފައި ނުވަނީ، ޔުނިވާސިޓީގައި މާ ގިނަ ދަރިވަރުން ތިބި ކަމާއި، އެހާ ގިނަ ދަރިވަރުން ރެޖިސްޓަރ ކޮށް ނުދެވޭނެ ކަމަށް ބުނެއެވެ. އެހެން ނަމަވެސް ބީއެމްޑީސީގައި ރެޖިސްޓަރ ނުކޮށް އިމްތިހާނު ހެދި ނަމަވެސް، އެ އިމްތިހާނުގައި ހައިސިއްޔަތެއް ނޯންނާނެއެވެ. މާނައަކީ، ދަރިވަރުން ހާސިލުކުރި ތައުލީމު، އެއްވެސް ތަނެއްގައި އެޕްލައިކުރުމުގެ ފުރުސަތެއް ނޯންނާނެއެވެ.

"ރެޖިސްޓަރ ނުވެ އިމްތިހާނު ހަދައިފިނަމަ އިމްތިހާނު ހެދުމުގެ މާނައެއް ނެތް. އެއްވެސް ތަނަކު މެޑިސިން ޕްރެކްޓިސް ނުކުރެވޭނެ. އިންޓާންޝިޕް ވެސް ނުހެދޭނެ،" ސަން އާ ވާހަކަދެއްކި ދިވެހި ދަރިވަރަކު ބުންޏެވެ.

ދަރިވަރުން މުޒާހަރާ ކުރަމުންދާ އިރު، ރެޖިސްޓްރޭޝަންގެ މައްސަލަ ޖެހުނު އިންޑިއާގެ ދަރިވަރުން އިންޑިއާ ސަރުކާރުގެ އެހީއަށް އެދުމުން، އެގައުމުގެ ސަރުކާރުން ދަނީ އެ މައްސަލަ ބަލަމުންނެވެ. އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސުވަރާޖް އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޔޫއެސްޓީސީގައި ހިނގަމުންދާ ކަންކަމުގެ މައުލޫމާތު، ބަންގްލަދޭޝްގައި ހުންނަވާ އިންޑިއާ ސަފީރު ދެއްވި ކަމަށާއި، ސަފީރު ގެންދަވަނީ ޔުނިވާސިޓީ އަދި ބީއެމްޑީސީއާ މަޝްވަރާ ކުރައްވަމުން ކަމަށެވެ.

comment ކޮމެންޓް