މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު މަހާތިރު އައު ޕާޓީއެއް އުފައްދަވައިފި

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު މަހާތީރު މުހައްމަދު ވަނީ އާ ޕާޓީއެއް އުފައްދަވާފަ -- ފޮޓޯ: މީޑިއާކޯޕް

ކުއާލަލަމްޕޫރު (ޖެނުއަރީ 15): މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު މަހާތީރު މުހައްމަދު، މެލޭޝިއަން ޔުނައިޓެޑް އިންޑިޖިނަސް ޕާޓީ (ޕީޕީބީއެމް)ގެ ނަމުގައި އާ ޕާޓީއެއް އުފައްދަވައިފި އެވެ.

ޝާހް އަލަމް ސިޓީގެ މަލަވަތީ ސްޓޭޑިއަމްގައި ޕާޓީ އިފްތިތާހުކޮށްދެއްވަމުން މަހާތިރު ވަނީ އަންނަ އާއްމު އިންތިހާބުގައި ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ ވެރިކަން ވައްޓާލުމަށް އިދިކޮޅު ފަރާތްތައް އެއްގަލަކަށް އަރުވާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ.

މެލޭޝިއާގެ ވެރިކަން ކުރާ ޔުނައިޓެޑް މެލޭސް ނެޝަނަލް އޯގަނައިޒޭޝަން (އަމްނޯ) އިން ވަކިވެވަޑައިގަތް މަހާތިރު ވަނީ އެ ޕާޓީގެ ލީޑަރު ވަނީ ޕާޓީ އަށް ބޭވަފާތެރިވެފައި ކަމަށް ވިދާޅުވެ، އަމްނޯގެ އެހެން މެމްބަރުން ވެސް ޕާޓީން ވަކިވުމަށް ގޮވާލައްވައިފަ އެވެ.

އަދި އަންނަ އަހަރު އޮތް އާއްމު އިންތިހާބު ކާމިޔާބުވެއްޖެ ނަމަ ޕާޓީން ކޮށްދޭނެ ބައެއް ކަންތައް މަހާތިރު ފާހަގަ ކުރެއްވި އެވެ. އޭގެ ތެރޭގައި މެލޭޝިއާގެ ގިނަ ރައްޔިތުންގެ މެދުގައި މަގުބޫލުކަން ކުޑަ ޖީއެސްޓީ އުވާލާނެ ކަމަށް މަހާތިރު ވިދާޅުވި އެވެ. ދެހާސް ފަނަރަ އިން ފެށިގެން ނަގަން ފެށި ޖީއެސްޓީގެ ސަބަބުން ދިރިއުޅުމުގެ ހަރަދު ބޮޑުވަމުންދާ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ.

އެހެންކަމުން މެލޭޝިއާގެ އިގުތިސާދީ ހާލަތު ރަނގަޅުކޮށް، ވެއްޓެމުންދާ މެލޭޝިއަން ރިންގިޓުގެ އަގު މަތި ކުރަން މަސައްކަތް ކުރައްވާނެ ކަމަށް މަހާތިރު ވިދާޅުވި އެވެ.

މީގެ އިތުރުން، އިދިކޮޅު ފަރާތްތަކުން އެކުލަވާލާ ސަރުކާރެއްގައި ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ ސަރުކާރުން ހަދާފައިވާ ބައެއް އެއްބަސްވުންތައް އަލުން މުރާޖައާ ކުރާނެ ކަމަށް ވެސް މަހާތިރު ވިދާޅުވި އެވެ. އޭގެ ތެރޭގައި، ވެރިރަށް ކުއާލަ ލަމްޕޫރާއި ސިންގަޕޫރާ ދެމެދު ހައި ސްޕީޑް ރެއިލްވޭއެއް ގާއިމު ކުރުމަށް ހަދާފައިވާ އެއްބަސްވުމާއި އިރުމަތީ އައްސޭރި ސަރަހައްދުގައި ގާއިމުކުރާ ރެއިލްވޭގެ އެއްބަސްވުން ހިމެނޭ ކަމަށް މަހީތިރު ވިދާޅުވި އެވެ.

މަހާތިރު ވަނީ ވަން އެމްޑީބީގެ މަނީ ލޯންޑުރިންގެ މައްސަލައިގެ ސަބަބުން މެލޭޝިއާގެ ނަން ހަޑިވެފައިވާ ކަމަށް ވިދާޅުވެފަ އެވެ. ވަންއެމްޑީބީން، ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ އެކައުންޓަށް 700 މިލިއަން ޑޮލަރާ ގާތްކުރާވަރުގެ ފައިސާ ޖަމާ ކުރި ކަމަށް ބުނާ މައްސަލައެއް ފެންމަތިވުމާ ގުޅިގެން ބޮޑުވަޒީރު ނަޖީބު ވަނީ އޭނާގެ މައްޗަށްކޮށްފައިވާ ކޮރަޕްޝަނުގެ ތުހުމަތުތައް ދޮގު ކުރައްވައިފަ އެވެ. (ސީއެންއޭ)

ގުޅޭ ޓެގު
comment ކޮމެންޓް