ސްރީލަންކަންއިން އޮމާންއާ ކޮލޮމްބޯއާ ދެމެދު ކޮންމެ ދުވަހަކު ދަތުރުކުރަނީ

އޮމާންގެ މަސްކަޓަށް ސްރީލަންކަން އެއާލައިންސްގެ ފުރަތަމަ ފްލައިޓު ޖެއްސުމުން އެ ފްލައިޓަށް ވޯޓާ ސެލިއުޓްގެ މަރުހަބާއެއް ކިޔަނީ -- ފޮޓޯ/ ސްރީލަންކަން

ސްރީލަންކަން އެއާލައިންސްއިން، ސްރީލަންކާގެ ކޮލޮމްބޯއާއި އޮމާންގެ މަސްކަޓްއާ ދެމެދު، ހަފްތާގެ ކޮންމެ ދުވަހަކުވެސް ދަތުރުކުރުމަށް ނިންމައިފިއެވެ.

މީގެ ކުރިން އޮމާންއާ ކޮލޮމްބޯއާ ދެމެދު ދަތުރުކުރި، ސްރީލަންކާގެ އެއާލައިނަކީ މިހިން ލަންކާއެވެ. އެހެން ނަމަވެސް މިހިން ލަންކާއާ ސްރީލަންކަން އެއާލައިންސް އެއްކޮށްލައި، 2016 އޮކްޓޫބަރުގައި މިހިންގެ މަންޒިލުތަކަށް ސްރީލަންކަންއިން ދަތުރުކުރަން ފެށި ފަހުން، މަސްކަޓަށް ދަތުރުކުރަނީ ސްރީލަންކަން އެއާލައިންސެވެ.

ސްރީލަންކަންއިން މިހާރު، އޮމާންއާ ކޮލޮމްބޯއާ ދެމެދު ދަތުރުކުރަނީ ހަފްތާގެ ފަސް ދުވަހުގައެވެ.

ސްރީލަންކަން އެއާލައިންސްގެ ޗީފް ކޮމާޝަލް އޮފިސަރ ސިވާ ރާމަޗަންދްރަން ވިދާޅުވި ގޮތުގައި، މިއަހަރުގެ މާޗު މަސް ނުވަތަ އޭޕްރިލް މަހުގެ ތެރޭގައި މި ދަތުރުތައް ފަށާނެއެވެ.

"ދަތުރުކުރާ މިންވަރު އިތުރުކޮށް، އަޅުގަނޑުމެން އޮމާނަށް ދައުވަތު މި ދެނީ ޗުއްޓީއަށް، ނުވަތަ ސްރީލަންކާގައި އިންވެސްޓުކުރުމަށް މިގައުމަށް އައުމަށް. އަދި މިއީ އޮމާނުން އިންޑިއާއަށް ނުވަތަ އިރުމަތީގެ ގައުމުތަކަށް ދަތުރުކުރުމަށްވެސް ފަސޭހަ ގޮތަކަށް ވާނެ،" އޭނާ ވިދާޅުވިއެވެ.

ސްރީލަންކާގެ ޓުއަރިޒަމްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި، އޮމާނުން 2016 ވަނަ އަހަރު 16،000 އަށް ވުރެ ގިނަ މީހުން ސްރީލަންކާއަށް ޒިޔާރަތް ކުރިއެވެ.

comment ކޮމެންޓް