އެމެރިކާގެ އެމްބަސީ ގުދުސަށް ބަދަލުކުރުމުން ސުލްހައަށް ހުރަސްއެޅޭނެ: މަހުމޫދު އައްބާސް

ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް -- ފޮޓޯ: އޭއެފްޕީ

އަލް ގުދުސް (ޖެނުއަރީ 15): އިސްރާއީލްގައި ހުންނަ އެމެރިކާގެ އެމްބަސީ ތެލް އަވީވުން ގުދުސްއަށް ބަދަލުކޮށްފި ނަމަ ސުލްހައަށް ހުރަސް އެޅޭނެ ކަމަށް ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ އެމްބަސީ ގުދުސްއަށް ބަދަލު ކުރާނެ ކަމަށް އެގައުމުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ޑޮނަލްޑް ޓްރަމްޕް ވިދާޅުވުމާ ގުޅިގެން ރައީސް އައްބާސް ކަންބޮޑުވުން ފާޅުކުރައްވާފައި ވަނީ ވެޓިކަން ސިޓީގައި ފަލަސްތީނުގެ އެމްބަސީ އިފްތިތާހުކޮށްދެއްވުމަށް ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

"ގުދުސްއަށް އެމްބަސީ ބަދަލުކުރުމަކީ (މެދުއިރުމަތީގެ) ސުލްހައަށް ރަނގަޅު ކަމެއް ނޫން. އަދި އޭގެ ސަބަބުން މައްސަލަ ހައްލު ކުރުމުގައި އެމެރިކާއިން ދައުރެއް އަދާކުރުމުގެ ފުރުސަތު ގެއްލުމުގެ އިތުރުން ދެ ދައުލަތް ގާއިމު ކޮށްގެން ސުލްހަ ގެނައުމުގެ މަސައްކަތް ހުއްޓުމަކަށް އަންނާނެ،" އައްބާސް ވިދާޅުވި އެވެ.

މީގެ އިތުރުން ޓްރަމްޕް އެފަދަ ފިޔަވަޅެއް އަޅައިިފި ނަމަ އިސްރާއީލަކީ މިނިވަން ދައުލަތެއް ކަމަށް ބަލައިގަތުން ހުއްޓާލާނެ ކަމުގެ އިންޒާރުވެސް އައްބާސް ދެއްވި އެވެ.

މީގެ ދޮޅު އަހަރެއްހާ ދުވަސް ކުރިން ވެޓިކަން އިން ވަނީ ފަލަސްތީނަކީ މިނިވަން ދައުލަތެއް ކަމަށް ބަލައިގަނެފަ އެވެ.

ނަވާރަސަތޭކަ ސާޅީހުގެ އަހަރުތަކުގައި ފަލަސްތީނުގެ ބިމުގައި އިސްރާއީލު އުފެއްދި އިރު، ފަލަސްތީނަށް ދިނީ ހުޅަނގު އައްސޭރިއާއި ޣައްޒާ އެވެ. ޤުދުސް ނުވަތަ ޖެރޫސަލެމް ސިޓީ ދެބައިކޮށް، ދެގައުމަށް ވެސް އެ ސިޓީގެ ބައެއް ދެވުނެވެ. އިސްރާއީލަށް ހުޅަނގު ގުދުސް ލިބުނު އިރު، ފަލަސްތީނަށް ލިބުނީ އިރުމަތީ ގުދުސްއެވެ.

ނަވާރަސަތޭކަ ފަސްދޮޅަހުގެ އަހަރުތަކުގައި އަރަބި އިސްރާއީލީ ހަނގުރާމައިގެ ތެރެއިން، އިސްރާއީލުން ވަނީ ޤުދުސްގެ، ފަލަސްތީނުގެ ފަޅި (އިރުމަތީ ޤުދުސް) ހިފައިފަ އެވެ. އެއާ އެކު މަސްޖިދުލް އަގްސާ ވެސް ހިމެނޭ ގޮތަށް، ގުދުސްގެ ގަދީމީ ޝަހަރު (ބަލްދަ އަލް ޤަދީމާ) ދިޔައީ އިސްރާއީލުގެ ދަށަށެވެ. މީގެ އިތުރުން ފަލަސްތީނަށް ލިބުނު ބިމެއް ކަމުގައިވާ، ހުޅަނގު އައްސޭރި (ވެސްޓް ބޭންކް)ގެ ބޮޑު ބައެއްވެސް އިސްރާއީލުން ވަނީ ހިފައިފަ އެވެ.

އިސްރާއީލުން ފޭރިގެންފައިވާ ފަލަސްތީނުގެ ބިންތަކުގައި، ގާނޫނުތަކާއި ގަވައިދާ ޚިލާފަށް ފަސް ލައްކައެއްހާ އިސްރާއީލު ރައްޔިތުން ދަނީ ދިރިއުޅެމުންނެވެ. (ބީބީސީ)

comment ކޮމެންޓް