ސީރިޔާގެ ސުލްޙައިގެ ވާހަކަތަކުގައި ބައިވެރިވުމުގެ ދައުވަތު އެމެރިކާއަށް ދީފި

ތުރުކީގެ ޚާރިޖީ ވަޒީރު

އަންކަރާ (ޖަނަވަރީ 15) : ކަޒަޚިސްތާނުގެ ވެރިރަށް އާސްތާނާގައި ބޭއްވުމަށް ހަމަޖެހިފައިވާ ސޫރިޔާގެ ސުލްޙައިގެ ވާހަކަތަކުގައި ބައިވެރިވުމުގެ ދައުވަތު އެމެރިކާއަށް ދިނުމަށް ތުރުކީ އާއި ރަޝިޔާއިން ނިންމައިފިއެވެ.

މިކަން ހާމަކުރައްވަމުން ތުރުކީގެ ޚާރިޖީ ވަޒީރު މައުލޫދު ޗާވްޝް ވިދާޅުވީ ތުރުކީ އާއި ރަޝިޔާގެ ރިޢާޔަތުގެ ދަށުން (ސްޕޮންސަރ ގެ ދަށުން) އާސްތާނާގައި ބޭއްވުމަށް ސޫރިޔާގެ ސުލްޙައިގެ ވާހަކަތަކުގައި އެމެރިކާ ބައިވެރިކުރަންޖެހޭނެ ކަމަށް ފެންނާނީ އެކަމުގެ ދައުވަތު އެމެރިކާއަށް ފޮނުއްވާފައިވާނެ ކަމުގައެވެ. އެމެރިކާ ބައިވެރި ކުރުމަކީ ސޫރިޔާގެ ސުލްހައިގެ ވާހަކަތައް ކާމިޔާބު ކުރުމަށް އެޅޭ ވަރަށްބޮޑު ބާރަކަށް ވެގެންދާނެކަމަށްވެސް މައުލޫދު ޗާވްޝް ވިދާޅުވިއެވެ.

ސޫރިޔާގެ ސުލްހައިގެ ވާހަކަތަކުގައި ބައިވެރިވަނީ ސޫރިޔާ ސަރުކާރާއި ސޫރިޔާގެ ހަނގުރާމަވެރި ޖަމާއަތްތަކުގެ ތެރެއިން ތުރުކީގެ ބާރާއި ނުފޫޒު ހިނގާ ޖަމާއަތްތަކެވެ. ގަތަރާއި ސައޫދީ ގެ ތާއީދުލިބިފައިވާ ސޫރިޔާގެ އިދިކޮޅު ޖަމާއަތްތަކާއި ޓެރަރިސްޓް ޖަމާއަތްތަކުގެ ގޮތުގައި ސިފަކުރެވޭ އައިއެސް ޖަމާއަތާއި ކުރީގެ ޖަބްހަތުއްނުސްރާ (މިހާރުގެ ޖަބްހަތު ފަތްހުއްޝާމް) ޖަމާއަތް މިވާހަކަތަކުގައި ބައިވެރިއެއް ނުކުރެއެވެ. ސޫރިޔާގެ ސުލްހައިގެ ކަންކަމުގައި އެމެރިކާގެ ދައުރު ވަރަށްބޮޑަށް ކުޑަވެ އެމެރިކާ ފަހަތަށްޖެހިފައިވާއިރު މިކަމުގައި އިސްދައުރެއް އަދާކުރާތަން މިހާރު ފެންނަނީ ރަޝިޔާއާއި ތުރުކީއެވެ.

އެމެރިކާ ފަހަތަށްޖެހުނު ގޮތަށް ގަތަރާއި ސައޫދީ އަރަބިޔާވެސް ސޫރިޔާގެ އިދިކޮޅު ޖަމާއަތްތަކުގެ ކަންކަމުގައިވަނީ ބަސްނުވިކޭ ދެގައުމު ކަމަށްވެފައެވެ. ޚާއްސަކޮށް ހަލަބްގައި އިދިކޮޅު ޖަމާއަތްތައް ބަލިވެ އެޖަމާއަތްތައް ހަލަބުން ފައިބަންޖެހުމުން އެމެރިކާއެކޭ އެއްގޮތަށް ގަތަރާއި ސައޫދީ އަރަބިޔާގެ ދައުރު ވަނީ ވަރަށްބޮޑަށް ކުޑަވެފައެވެ. އާސްތާނާގައި ބޭއްވުމަށް ހަމަޖެހިފައިވާ ސޫރިޔާގެ ސުލްޙައިގެ ވާހަކަތަކުގައި ބައިވެރިވުމުގެ ދައުވަތު ރަޝިޔާއާއި ތުރުކީން ދީފައިވަނީ އެމެރިކާގެ ރައީސުލްމުންތަޚަބް ޑޮނަލްޑް ޓްރަމްޕް އަށާއި އޭނާގެ އިންތިގާލީ ޓީމަށްކަމަށްވެއެވެ.

އޮބާމާއާއި އޭނާގެ ސަރުކާރުގެ މުއްދަތު އެވާހަކަތަކުގެ ކުރިން ނިމޭނެތީ ރަޝިޔާއާއި ތުރުކީންވަނީ އެކަމުން އޮބާމާގެ ސަރުކާރު އެއްފަރާތްކޮށްފައެވެ. އާސްތާނާގެ ވާހަކަތަކުގައި ބައިވެރިވާނެކަން ސޫރިޔާ ސަރުކާރާއި އިދިކޮޅު ހަނގުރާމަވެރި ގިނަ ޖަމާއަތްތައްވަނީ ކަށަވަރުކޮށްދީފައެވެ. މިވާހަކަތަކުގެ ބޭނުމަކީ މިހާރު ތަންފީޒުކުރަމުންގެންދާ ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުން ދާއިމީ ގޮތަކަށް ދެމެހެއްޓުމާއި ސުލްހައިގެ ކަންތައްތައް ކުރިޔަށް ގެންދާނެގޮތުގެ މަގުޗާޓެއް އެކުލަވާލުން ކަމަށް ޚަބަރު ލިބެއެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް