ގަންގާ ކޯރުގައި ބޯޓެއް ބަންޑުންވެ 23 މީހަކު މަރުވެއްޖެ

ގަންގާ ކޯރުގައި ބޯޓެއް ބަންޑުން ޖަހާލުމުގެ ސަބަބުން މަރުވި މީހުންގެ ތެރޭގައި ކުޑަކުދިންވެސް ހިމެނޭ -- ފޮޓޯ: ޕީޓީއައި

ޕަޓްނާ (ޖެނުއަރީ 15): ގިނަ އަދަދެއްގެ މީހުންނާއެކު އިންޑިއާގެ ގަންގާ ކޯރުން ދަތުރުކުރަމުންދިޔަ ބޯޓެއް ބަންޑުންޖަހާލުމުގެ ސަބަބުން 23 މީހަކު މަރުވެއްޖެ އެވެ.

ހިންދުސްތާން ޓައިމްސްގައިވާ ގޮތުން ބިހާރުގެ ވެރިރަށް ޕަޓްނާއިން ދަތުރުފެށި އެ ބޯޓުން ދަތުރުކުރުން ރައްކާތެރި މިންވަރަކީ 25 މީހުންނަށްވީ ނަމަވެސް ބޯޓު ބަންޑުން ޖަހާލި އިރު އޭގައި ގާތްގަނޑަކަށް 50 މީހުން ތިއްބެވެ.

އަދި ޕަޓްނާގައި ހުންނަ ބޯޓު ސްޓޭޝަނުން ދަތުރު ފެށިތާ މާގިނަ އިރުތަކެއް ނުވެ ބޯޓު އަޑިއަށް ދާން ފެށި ކަމަށް ފުލުހުން ބުންޏެވެ. އެހާދިސާގައި 12 މީހަކު ހޯދައި ނުފެނިފައިވާ އިރު ހަތް މީހަކު ކޯރުން ސަލާމަތްކޮށްފައިވާ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

ރިޕޯޓުތަކުގައިވާ ގޮތުން ބިހާރުގެ ޗީފް މިނިސްޓަރު ނިތިޝް ކުމާރު ވަނީ އެހާދިސާ ތަހުގީގު ކުރުމަށް އަމުރު ކުރައްވައި، އެހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ހަތަރު ލައްކަ ރުޕީސް ދެއްވާނެކަން އިއުލާން ކުރައްވާފައެވެ.

ބޯޓު ދަތުރު ކުރުމުގައި ސަލާމަތީ ގަވާއިދުތަކަށް އަމަލުނުކުރުމުގެ ސަބަބުން އިންޑިއާގައި ބޯޓު އެކްސިޑެންޓުތައް ހިނގުމަކީ އާއްމުކަމެކެވެ. (ހިންދުސްތާން ޓައިމްސް)

comment ކޮމެންޓް