ސްޕައިސްޖެޓުން ބޮއިންގްގެ 205 މަތިންދާބޯޓު ގަންނަނީ

އިންޑިއާގެ ބަޖެޓް އެއާލައިން، ސްޕައިސްޖެޓުން 205 އާ މަތިންދާބޯޓު ގަތުމަށް ނިންމައި، އޭގެ ތެރެއިން ބައެއް ބޯޓު ގަތުމަށް، މަތިންދާބޯޓު އުފައްދާ އެންމެ ބޮޑު އެއް ކުންފުނި، ބޮއިންގްއަށް އޯޑަރު ދީފިއެވެ.

ަލަފާކުރެވޭ ގޮތުގައި މިއީ 22 ބިލިޔަން ޑޮލަރުގެ ބިޔަ މުއާމަލާތެކެވެ.

މި މުއާމަލާތުގައި ހިމެނޭ 205 ބޯޓުގެ ތެރެއިން 155 ބޯޓަކީ ބޮއިންގް 8-737 މެކްސް މަރުކާގެ ބޯޓެވެ. އަދި ބާކީ 50 ބޯޓުގެ ގޮތުގައި، ދިގު ދަތުރުތަކަށް ބޭނުންކުރާ ޑްރީމްލައިނާ ފަދަ ބޯޓުތައް ނެގުމުގެ ފުރުސަތު ސްޕައިސްޖެޓަށް ލިބެއެވެ.

ބޮއިންގްއިން ބުނީ، 737 މެކްސް މަރުކާގެ ބޯޓުތަކުގެ ފުރަތަމަ ބެޗު، 2018 ވަނަ އަހަރުގެ ޖޫން މަހު، ސްޕައިސްޖެޓަށް ޑެލިވާ ކޮށްދޭނެ ކަމަށާއި، 2024 ވަނަ އަހަރާ ހަމައަށް ހުރިހާ ބޯޓެއް ޑެލިވާ ކޮށްދޭނެ ކަމަށެވެ.

ސްޕައިސްޖެޓްގެ ޗެއާމަން އަޖޭ ސިންހް ވިދާޅުވި ގޮތުގައި، މިއީ ސްޕައިސްޖެޓުން މިހާތަނަށް ކުރާ އެންމެ ބޮޑު ވިޔަފާރި މުއާމަލާތެވެ. އަދި އިންޑިއާގެ އޭވިއޭޝަނާއި، ބޮއިންގްއިން އިންޑިއާގައި ކުރާ އެންމެ ބޮޑު އެއް މުއާމަލާތަށް ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިވަގުތު މިތިބީ އަޅުގަނޑުމެންގެ ނެޓްވޯކާއި އޮޕަރޭޝަންތައް، ޑޮމެސްޓިކް އަދި އިންޓަނޭޝަނަލް ރޫޓުތަކާއި މަންޒިލުތަކަށް ވެސް ފުޅާކުރުމަށް ވަރަށް ރަނގަޅު ދަނޑިވަޅެއްގައި،" އޭނާ ވިދާޅުވިއެވެ.

އިންޑިއާއަކީ، 2020 ވަނަ އަހަރު އަންނަން ވާއިރަށް، ދުނިޔޭގެ ތިންވަނައަށް އެންމެ ބޮޑު އޭވިއޭޝަން މާކެޓަށް ވާނެ ކަމަށް ލަފާކުރެވޭ އިރު، ދުނިޔޭގައި އެންމެ ފުޅާ ދާއިރާއެއްގައި އެއާކްރާފްޓު އުފައްދާ ބޮއިންގް އަދި އެއާބަސްއަށް ވެސް އިންޑިއާއަކީ މުހިންމު މާކެޓަކަށް ވާނެއެވެ.

comment ކޮމެންޓް