ނެސްލޭގެ ދެވަނަ ފެކްޓްރީއެއް ލަންކާގައި އަޅަނީ

ނެސްލޭ ލަންކާގެ ދެވަނަ ފެކްޓްރީއެއް ސްރީލަންކާގައި އެޅުމަށް ނިންމައި، އެ ފެކްޓްރީގެ ބިންގާ އަޅައިިފިއެވެ.

ސްރީލަންކާގައި މިވަގުތު ހުންނަނީ ނެސްލޭ ލަންކާގެ އެންމެ ފެކްޓްރީއެކެވެ. އެ ފެކްޓްރީ ހުންނަނީ ކުރުނޭގަލަ އަވަށުގެ، މާކަންދުރަ ނަމަކަށް ކިޔާ ޓައުންގެ އިންޑަސްޓްރިއަލް ޒޯނުގައެވެ.

ނެސްލޭ ލަންކާގެ ދެވަނަ ފެކްޓްރީވެސް އަޅަން ހަމަޖެހިފައިވަނީ ކުރުނޭގަލަ އަވަށުގައެވެ. ނަމަވެސް މި ފެކްޓްރީ އަޅަނީ މާކަންދުރައާ ފަސް ވަރަކަށް ކިލޯމީޓަރު ދުރުން، އިރުމަތީގައި އޮންނަ ޕަންނާލަ ނަމަކަށް ކިޔާ ޓައުންގައެވެ.

ނެސްލޭ ލަންކާގެ ދެވަނަ ފެކްޓްރީގެ ބިންގާ އިއްޔެ ވަނީ އަޅައިފައެވެ. ބިންގާ އަޅުއްވައިދެއްވީ ސްރީލަންކާގެ ރައީސް މައިތުރިޕާލަ ސިރިސޭނާއެވެ. ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި، ސްރީލަންކާގެ ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

ނެސްލޭ ލަންކާއިން ބުނާ ގޮތުގައި، ލަންކާގައި އަޅާ ނެސްލޭގެ ދެވަނަ ފެކްޓްރީގައި މައިގަނޑު ގޮތެއްގައި ކުރާނެ މަސައްކަތަކީ، ޑެއިރީ ޕްރޮޑަކްޓްސް، އަދި ކާށި ބޭނުންކޮށްގެން އުފައްދާ ޕްރޮޑަކްޓްތަކުގެ ޕްރޮޑަކްޝަން ފުޅާކުރުމެވެ.

ސްރީލަންކާގައި ބޭނުންކުރާ ނެސްލޭގެ ޕްރޮޑަކްޓްތަކުގެ 90 ޕަސަންޓަކީ، ނެސްލޭ ލަންކާގެ ފެކްޓްރީގައި އުފައްދާ ތަކެއްޗެވެ. އަދި ނެސްލޭ ލަންކާ ފެކްޓްރީގައި އުފައްދާ ޕްރޮޑަކްޓްތައް ދުނިޔޭގެ 50 ގައުމަކަށް އެކްސްޕޯޓު ކުރެއެވެ. އޭގެ ތެރޭގައި ރާއްޖެ ވެސް ހިމެނެއެވެ.

ނެސްލޭ ލަންކާއިން އުފައްދާ ބައެއް ބްރޭންޑުތަކުގެ ތެރޭގައި ނެސްޕްރޭ، މިލްކްމެއިޑް، ކޮފީމޭޓް، ނެސްޓޮމޯލްޓް، މައިލޯ، ނެސްކެފޭ، މެގީ، ކިޓްކެޓް، ޕޯލޯ، ކޮކޯ ކްރަންޗް އަދި ނެސްލޭ ކޯންފްލޭކްސް ހިމެނެއެވެ.

comment ކޮމެންޓް