ވިލާތުން ލަންކާއަށް ޖީއެސްޕީ ޕްލަސް އަނެއްކާވެސް ދޭން ނިންމައިފި

ސްރީލަންކާގެ ރައީސް މައިތުރިޕާލަ ސިރިސޭނާ އަދި ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ --

ތަރައްގީވަމުން އަންނަ ގައުމުތަކަށް ވިލާތުގެ އިއްތިހާދުން ދޭ ޖެނެރަލައިޒްޑް ސްކީމް އޮފް ޕްރިފެރެންސެސް ޕްލަސް (ޖީއެސްޕީ ޕްލަސް)ގެ އިނާޔަތް ސްރީލަންކާއަށް އަނެއްކާވެސް ދިނުމަށް ނިންމައިފިއެވެ.

ޖީއެސްޕީއަކީ، ތަރައްގީވަމުން އަންނަ ގައުމުތަކުން ވިލާތުގެ ގައުމުތަކަށް އެކްސްޕޯޓުކުރާ މުދަލަށް ދައްކަންޖެހޭ ޑިއުޓީގެ މިންވަރު މަދުކޮށް، ނުވަތަ ޑިއުޓީ ކަނޑާލުމަށް ދެވޭ އިނާޔަތެކެވެ.

ޖީއެސްޕީ ޕްލަސްއަކީ، ޖީއެސްޕީގެ އިނާޔަތް ލިބޭ ގައުމުތަކުގެ ތެރެއިން، އިންސާނީ އަދި މަސައްކަތްތެރިންގެ ހައްގުތަކާއި، ދެމެހެއްޓެނެވި ތަރައްގީއާއި ހެޔޮ ވެރިކަމާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާތަކުގައި ސޮއިކޮށްފައިވާ ގައުމުތަކުން، އެ މުއާހަދާތަކަށް ފުރިހަމައަށް އަމަލުކުރާ ނަމަ ދޭ އިތުރު ލުއިކަމަކާއި އިނާޔަތުގެ ސްކީމެކެވެ. ޖީއެސްޕީ ޕްލަސްގެ ދަށުން، ވިލާތުން 6،000 ޓެރިފް ލައިނަކުން، އެކްޕޯޓުތަކަށް ޑިއުޓީ ދަށްކޮށްދެއެވެ.

ސްރީލަންކާއަށް މީގެ ކުރިންވެސް ޖީއެސްޕީ ޕްލަސް ވިލާތުން ދިން ނަމަވެސް، އެގައުމުގެ އިންސާނީ ހައްގުތަކުގެ ހާލަތު ދަށްވެއްޖެ ކަމަށް ބުނެ، ރައީސް މަހިންދަ ރާޖަޕަކްސަގެ ސަރުކާރުގައި، 2010 ވަނަ އަހަރު އެ އިނާޔަތްތައް އަނބުރާ ގެންދިޔައެވެ.

ވިލާތުން އަލުން ސްރީލަންކާއަށް ޖީއެސްޕީ ޕްލަސް ދިނުމަށް މިދިޔަ ހަފްތާގައި ނިންމުމާ ގުޅިގެން، އެގައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ވިދާޅުވީ، މިއީ މިދިޔަ އަހަރު އެގައުމުގެ ސަރުކާރުން ކުރި ބުރަ މަސައްކަތްތަކުގެ ކާމިޔާބީ ކަމަށެވެ.

ބޮޑުވަޒީރު ވިދާޅުވީ، ވިލާތުގެ މި ނިންމުމާ ގުޅިގެން، ސްރީލަންކާގައި ތަކެތި އުފައްދާ ފަރާތްތަކަށް ކުރިޔަށް ވުރެ މާ ފުޅާ މާކެޓަކަށް ސަޕްލައިކުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. އެގޮތުން، ލަންކާގައި ޓެކްސްޓައިލްސް އުފައްދާ ފަރާތްތަކަށް ލިބޭނެ ކުރިއެރުން ބޮޑުވަޒީރު ފާހަގަކުރެއްވިއެވެ.

އަދި މިކަމުގެ ސަބަބުން ލަންކާގައި ވަޒީފާގެ ފުރުސަތުތައް ވެސް އިތުރުވާނެ ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ.

ވިލާތުގެ އިއްތިހާދުން ނިންމާފައިވާ ނިންމުން މުރާޖާކޮށް، އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް ހަތަރު މަސް ދުވަސް ލިބޭ އިރު، ސްރީލަންކާއަށް ޖީއެސްޕީ ޕްލަސް ރަސްމީކޮށް ދޭނީ އޭގެ ފަހުންނެވެ.

ދިވެހިރާއްޖެއިންވެސް 2013 ވަނަަ އަހަރު ވިލާތުގެ އިއްތިހާދުން ޖީއެސްޕީ ޕްލަސް ހޯދުމަށް އެދި ހުށަހެޅިއެވެ. އެހެން ނަމަވެސް، އިންސާނީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ ގަރާރުގައިވާ، ދީނީ މިނިވަންކަމުގެ ހައްގު ރާއްޖޭގައި ނޯންނާތީ، ޖީއެސްޕީ ޕްލަސް ރާއްޖެއަށް ނުދޭނެކަމުގެ އިޝާރާތެއް ވިލާތުގެ އިއްތިހާދުން ކުރުމާ އެކު، އެ ހުށަހެޅުން ދިވެހި ސަރުކާރުން ވަނީ އަނބުރާ ގެނެސްފައެވެ.

comment ކޮމެންޓް