ޗެލްސީ، އާސެނަލް އަދި ޓޮޓެންހަމްއަށް ފަސޭހަ މޮޅެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީއާއި ލެސްޓާ ބައްދަލުކުރި މެޗުގެ ތެރެއިން: އެމެޗުން ޗެލްސީ މޮޅުވީ 3-0 ލަނޑުން ---

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ، އާސެނަލް އަދި ޓޮޓެންހަމް ހޮޓްސްޕާ ކުޅުނު މެޗުތަކުން ފަސޭހަކަމާއެކު މޮޅުވެއްޖެއެވެ.

ރަށުން ބޭރުގައި ރޭ ކުޅުނު މެޗުގައި އެންމެ ފަހުގެ ލީގު ޗެމްޕިއަން ލެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުން ޗެލްސީ މޮޅުވީ 3-0 ލަނޑުންނެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީއާއި ލެސްޓާ ބައްދަލުކުރި މެޗުގެ ތެރެއިން: އެމެޗުން ޗެލްސީ މޮޅުވީ 3-0 ލަނޑުން ---

އެމެޗުގެ ހަވަނަ މިނެޓުގައި ޗެލްސީން ވަނީ ލަނޑެއްޖަހައި ލީޑު ހޯދައިފައެވެ. އެޑެން ހަޒާން ދިން ބޯޅައަކުން ޗެލްސީއަށް ލީޑު ހޯދައިދިނީ މާކޮސް އަލޮންސޯއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ލަނޑުން ޗެލްސީ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފެށިތާ ހަ މިނެޓް ފަހުން މާކޮސް އަލޮންސޯ ވަނީ ޗެލްސީއަށް އިތުރު ލަނޑެއް ކާމިޔާބުކޮށްދީ، އެޓީމަށް ލީޑު ފުޅާކޮށްދީފައެވެ. މެޗުގެ 71 ވަނަ މިނެޓުގައި ޗެލްސީގެ ތިންވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޕެޑްރޯ ރޮޑްރިގޭޒްއެވެ. އޭނާ އެލަނޑު ކާމިޔާބުކުރީ ބްރެޒިލް މިޑްފީލްޑަރު ވިލިއަން ދިން ރީތި ބޯޅައަކުންނެވެ.

ރަށުން ބޭރުގައި ސްވަންސީ ސިޓީއާ ދެކޮޅަށް ރޭ ކުޅުނު މެޗުން އާސެނަލް މޮޅުވެފައިވަނީ 4-0 ލަނޑުންނެވެ. އެމެޗުގައި އާސެނަލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ވެސް ތަނަވަސްކޮށްފައިވެއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލްއާއި ސްވަންސީ ބައްދަލުކުރި މެޗުގެ ތެރެއިން: އެމެޗުން އާސެނަލް މޮޅުވީ 4-0 ލަނޑުން ---

މެޗުގެ 37 ވަނަ މިނެޓުގައި އާސެނަލަށް ލީޑު ހޯދައިދިނީ އެޓީމުގެ ފްރާންސް ފޯވަޑް އޮލިވިއާ ޖިރޫއެވެ. މެޗުގެ 54 ވަނަ މިނެޓާއި 67 ވަނަ މިނެޓުގައި ފެނުނު ލަނޑުތަކަކީ ސްވަންސީގެ ދެ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަން ލަނޑުތަކެކެވެ. އެއީ ސްވަންސީގެ ޖެކް ކޯކްއާއި ކައިލް ނޯޓަން އަތުން ބައިކޮޅަށް ވަން ލަނޑުތަކެކެވެ. މެޗުގެ 73 ވަނަ މިނެޓުގައި އާސެނަލްގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ އެލެކްސިސް ސަންޗޭޒްއެވެ.

އަމިއްލަ ދަނޑުގައި ވެސްޓް ބްރޮމްވިޗް އަލްބިއޮންއާ ދެކޮޅަށް އިއްޔެ ހަވީރު ކުޅުނު މެޗުން ޓޮޓެންހަމް ހޮޓްސްޕާ ވެސް މޮޅުވެފައިވަނީ 4-0 ލަނޑުގެ ނަތީޖާއަކުންނެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ޓޮޓެންހަމްއާއި ވެސްޓް ބްރޮމް ބައްދަލުކުރި މެޗުގެ ތެރެއިން: އެމެޗުން ޓޮޓެންހަމް މޮޅުވީ 4-0 ލަނޑުން ---

އެމެޗުގައި ޓޮޓެންހަމްގެ އިނގިރޭސި ފޯވަޑް ހެރީ ކޭން ވަނީ ހެޓްރިކެއް ފުރިހަމަކޮށްފައެވެ. އޭނާ އެލަނޑުތައް ކާމިޔާބުކުރީ މެޗުގެ 12، 77 އަދި 82 ވަނަ މިނެޓުގައެވެ. ޓޮޓެންހަމްގެ އަނެއް ލަނޑަކީ މެޗުގެ 26 ވަނަ މިނެޓުގައި ވެސްޓް ބްރޮމްގެ ގެރެތު މެކްއޯލޭ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

ޕްރިމިއާ ލީގުގައި އިއްޔެ ކުޅުނު އެހެން މެޗުތަކަށް ބަލައިލާއިރު، ވެސްޓް ހާމް ވަނީ އަމިއްލަ ދަނޑުގައި 3-0 ލަނޑުން ކްރިސްޓަލް ޕެލަސް އަތުން މޮޅުވެފައެވެ. ސަންޑަލޭޑް އަތުން 3-1 ލަނޑުން ސްޓޯކް ސިޓީ މޮޅުވިއިރު، އޭއެފްސީ ބޯންމައުތު އަތުން ހަލް ސިޓީ މޮޅުވެފައިވަނީ ވެސް 3-1 ލަނޑުގެ ނަތީޖާއަކުންނެވެ. ވެޓްފޯޑްއާއި މިޑްލްސްބަރާ ބައްދަލުކުރި މެޗު ލަނޑެއްނުޖެހި އެއްވަރުވެގެން ނިމުނުއިރު، ސައުތުހެމްޓަން އަތުން ބާންލީ މޮޅުވީ 1-0 ލަނޑުންނެވެ.

ޕްރިމިއާ ލީގު ތާވަލަށް ބަލައިލާއިރު، ކުޅުނު 21 މެޗުން ލިބުނު 52 ޕޮއިންޓުން އަދިވެސް އެއްވަނައިގައި އޮތީ ޗެލްސީއެވެ. ކުޅުނު 21 މެޗުން ލިބުނު 45 ޕޮއިންޓާއެކު ޓޮޓެންހަމް ދެވަނައިގައި އޮތްއިރު، ކުޅުނު 21 މެޗުން ލިބުނު 44 ޕޮއިންޓާއެކު އާސެނަލް އޮތީ ތިންވަނައިގައެވެ. ފަސްވަނައިގައި އޮތް ލިވަޕޫލަށް ވެސް 44 ޕޮއިންޓް ލިބުނު ނަމަވެސް، އެޓީމަށް ފައިދާ އެއް މެޗު އެބައޮތެވެ.

comment ކޮމެންޓް