ތިނަދޫގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހަކަށް ފަރުވާ ދެނީ

ގދ. ތިނަދޫގައި މިރޭ ހިނގި އެކްސިޑެންޓުގައި، ސައިކަލެއް ވެއްޓިފައި -- ސަން ފޮޓޯ/ ކިޔުންތެރިއެއް

ގދ. ތިނަދޫގައި، ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލަކާ އެހެން ސައިކަލެއް ޖެހި، އެކްސިޑެންޓެއް މިރޭ ހިނގައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން" އަށް މިރޭ ވިދާޅުވީ، ގދ. ތިނަދޫ ގުލްޒާރު މަގުން ބާރު ސްޕީޑުގައި ދުއްވާފައި އައި ސައިކަލަކާއި ދޮށިމޭނާ މަގުން ދުއްވާފައި ދިޔަ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ.

އެ އެކްސިޑެންޓް ހިނގީ، ދެ މަގު ބައްދަލުވާ ހަތަރު އަނގޮޅީގައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ބާރަށް ދުއްވާފައި އައި ސައިކަލު ދުއްވަން އިން މީހާއަށް އެ އެކްސިޑެންޓުގައި އަނިޔާ ލިބިފައިވާ ކަމަށެވެ. އުމުރުން 26 އަހަރުގެ އެމީހާއަށް ޑރ. އަބްދުލްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުނެއެވެ.

އެހެން ނަމަވެސް، އެމީހާއަށް ލިބުނު އަނިޔާއާ ގުޅޭ ތަފްސީލެއް ލިބޭގޮތް ވަނީ ނުވެފައެވެ. ފުލުހުން ބުނީ އިތުރު މީހަކަށް އެ އެކްސިޑެންޓުގައި އަނިޔާ ނުވާ ކަމަށެވެ.

އެކްސިޑެންޓް ހިނގި މަންޒަރު ދުށް މީހަކު "ސަން" އަށް ބުނި ގޮތުގައި، އެކްސިޑެންޓުވި ދެ ސައިކަލުގެ ތެރެއިން އެއް ސައިކަލު ވަނީ، 45 ފޫޓު ދުރަށް ވިއްސައިގެން ގޮސްފައެވެ.

comment ކޮމެންޓް