ސިއްހީ ދާއިރާ އަލެއް ނޫން، މިނިސްޓަރަށް އެއްބާރުލުންދީ، ނަތީޖާ ނެރެދޭނަން: ދުންޔާ

ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ދުންޔާ މައުމޫން -- ސަން ފައިލް ފޮޓޯ

ސިއްހީ ދާއިރާއަކީ އާ ދާއިރާއެއް ނޫން ކަމަށާއި، އެ ދާއިރާގައި ކުރައްވާ މަސައްކަތްތަކުގެ ނަތީޖާތައް ވަރަށް އަވަހަށް ފެނިގެން ދާނެ ކަމަށް ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.

ފޮރިން މިނިސްޓަރުކަން މީގެ ކުރިން ކުރެއްވި ދުންޔާ އަމިއްލަފުޅަށް އެމަގާމުން އިސްތިއުފާ ދެއްވި ނަމަވެސް، އޭގެ ހަ މަސް ދުވަސް ފަހުން ވަނީ، ސްޓޭޓް މިނިސްޓަރ އޮފް ހެލްތުގެ މަގާމަށް ވަޑައިގެންފައެވެ.

ޕަބްލިކް ސާވިސް މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި، ދުންޔާ ވިދާޅުވީ، ސިއްހީ ދާއިރާއަކީ އެކަމަނާއަށް އާ ދާއިރާއެއް ނޫން ކަަމަށާއި، މީގެ ކުރިިން އަދާކުރެއްވި ވަޒީފާތަކުގައި، ރާއްޖޭގެ ސިއްހީ ދާއިރައާ ވަރަށް ގާތުން މަަސައްކަތް ކުރެއްވި ކަމަށެވެ.

ދުންޔާ ވަނީ 1998 ވަނަ އަހަރުން ފެށިގެން 2006 ވަނަ އަހަރު ނިމެންދެން، ރާއްޖޭގައި ހުންނަ ޔޫއެންއެފްޕީއޭގެ އޮފީހުގައި މަސައްކަތް ކުރައްވާފައެވެ.

"އަޅުގަނޑު މީގެ ކުރިން ރާއްޖޭގެ އދ އޮފީހުގައި މަސައްކަތް ކުރިން. އެތާގައި، އޭރުގެ ސަރުކާރުގެ ހެލްތު މިނިސްޓްރީއާ ގުޅިގެން ވަރަށް ބޮޑެތި މަސައްކަތް ކުރިން. އަތޮޅުތެރެއަށް ދަތުރުކޮށް، ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލުތަކަށް ޒިޔާރަތްކޮށް، އެތަންތަނުގެ ޚިދުމަތްތަކުގެ ފެންވަރު ބަލައި، ކަންކަން ރަނގަޅުކުރުމަށް ގިނަ މަަސައްކަތްތަކެއް ކުރެވުނު،" ދުންޔާ ވިދާޅުވިއެވެ.

މީގެ އިތުރުން، 2004 ވަނަ އަހަރު ސުނާމީ ކާރިސާ ކުރިމަތިވި އިރުވެސް ހުންނެވީ އދގެ އޮފީހުގައި ކަމަށާޢި، އޭރުވެސް ސަރުކާރާ ވަރަށް ގާތުން މަސައްކަތްކޮށް، ހާލުގަތި ޖެހިފައި ތިބި ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމަށާއި، ބޭރުން ރާއްޖެއަށް އެހީ ހޯދުމަށް މަސައްކަތް ކުރި ކަމަށް ދުންޔާ ވިދާޅުވިއެވެ.

ދުންޔާ ވިދާޅުވީ، އެ ތަޖުރިބާތަކާ އެކު، ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ ވަޒީފާއަށް ނުކުންނެވިތާ ހަފްތާއެއް ވެފައިވާ އިރު، އެކަމަނާ މިވަގުތު ގެންދަވަނީ އެކިއެކި ބޭފުޅުންނާ ބައްދަލުކުރައްވައި، ކަންކަން ހިނގާ ގޮތް އޮޅުން ފިލުއްވަމުން ކަމަށެވެ.

"މިހާރު ކަންކަން އޮތް ގޮތް ދަސްކުރަމުން މި ދަނީ. އިރާދަ ކުރެއްވިއްޔާ ވަރަށް އަވަޖަށް އަމަލީ ގޮތުން މަސައްކަތުގައި ނަތީޖާތައް ފެންނަމުން ދާނެ،" ދުންޔާ ވިދާޅުވިއެވެ.

މީގެ އިތުރުން ދުންޔާ ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި، މިދިޔަ ތިން އަހަރު ސިއްހީ ޚިދުމަތްތައް ފުޅާކޮށް، ހަރުދަނާކޮށް އެކަންކަމުގެ ފެންވަރު ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ ކަމަށާއި، އަދިވެސް މުހިންމު މަސައްކަތްތަކެއް ކުރަން އެބަހުރި ކަމަށެވެ.

"ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް އަރިހުގައި، އެބޭފުޅާއަށް ފުރިހަމަ ސަޕޯޓު ދޭން ގަސްތުކުރަން، އަޅުގަނޑުމެންގެ މަސައްކަތްތައް ހަލުއިކުރުމަށާއި، އަވަހަށް ޚިދުމަތްތައް ފުޅާކޮށް، ހަރުދަނާ ކުރުމަށް،" ދުންޔާ ވިދާޅުވިއެވެ.

comment ކޮމެންޓް