ވެލާނާ އެއާޕޯޓުގައި ފްރެންޗައިޒްތައް ހިންގުމަށް ކުރިމަތިލާން ހުޅުވާލައިފި

ނެންޑޯސްގެ އައުޓްލެޓެއް: ވެލާނާ އެއާޕޯޓުގައި ކެޝުއަލް ޑައިނިންގް ކޮންސެޕްޓްގެ ދަށުން ނެންޑޯސް ނުވަތަ ހާޑް ރޮކް ކެފޭގެ އައުޓްލެޓެއް ހުޅުވޭނެ --

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބައިނަލްއަގުވަމީ ފުޑް ފްރެންޗައިޒްތަކުގެ އައުޓްލެޓްތައް ހިންގުމަށް ޝައުގުވެރިކަން ފާޅުކުރުމަށް ހުޅުވާލައިފިއެވެ.

ވެލާނާ އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ކުރި އިއުލާނެއްގައި ބުނެފައިވަނީ، އެއާޕޯޓުގައި ހިންގަން ބޭނުންވަނީ ތަފާތު ހަ ކޮންސެޕްޓެއްގެ ހަ ފްރެންޗައިޒް އައުޓްލެޓް ކަމަށެވެ. އޭގެ ތެރޭގައި، ކޮންމެ ކޮންސެޕްޓަކަށް ބޭނުންވާ ފްރެންޗައިޒް ބްރޭންޑުވެސް ބަޔާންކޮށްފައިވެއެވެ. އެމްއޭސީއެލްއިން ބަޔާން ކޮށްފައިވާ ބްރޭންޑުތައް ނޫން އެހެން ބްރޭންޑަކަށް މިކަމަށް ކުރިމައްޗެއް ނުލެވެއެވެ.

މި އައުޓްލެޓްތައް ހުޅުވަން ހަމަޖެހިފައިވަނީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑޮމެސްޓިކް ޓާމިނަލްގެ ކުރިމަތީގައި ހުންނަ ޖެޓީގައެވެ.

އެމްއޭސީއެލްގެ ބަޔާނުގައި ބުނާ ގޮތުގައި، ކޮފީ ކޮންސެޕްޓަށް ހިންގަން ޖެހެނީ ސްޓާބަކްސްއެވެ. ޑޯނަޓް ނުވަތަ ޕޭސްޓްރީ ކޮންސެޕްޓަށް ޑަންކިން ޑޯނަޓްސް ނުވަތަ ކްރިސްޕީ ކްރީމް ހިންގަން ޖެހޭ އިރު، ކެޝުއަލް ޑައިނިންގް ކޮންސެޕްޓަށް ހިންގަން ޖެހެނީ ނެންޑޯސް ނުވަތަ ހާޑް ރޮކް ކެފޭއެވެ.

މީގެ އިތުރުން ފާސްޓް ފުޑް ކޮންސެޕްޓަށް ކޭއެފްސީ ނުވަތަ މެކްޑޮނަލްޑްސް، ޕިއްޒާ ކޮންސެޕްޓަށް ޕިއްޒާ ހަޓް ނުވަތަ ޑޮމިނޯސް، އަދި އައިސް ކްރީމް ކޮންސެޕްޓަށް ހާގެން ޑާޒް ނުވަތަ ބާސްކިން ރޮބިންސް ހިންގަން ޖެހެއެވެ.

އެމްއޭސިއެލްއިން ބުނީ، ޝައުގުވެެރިވާ ފަރާތްތަކުން ޖެނުއަރީ 31 ގެ ކުރިން ލިޔުމަކުން ނުވަތަ އީމެއިލް މެދުވެރިކޮށް ރެޖިސްޓަރ ކުރަން ޖެހޭނެ ކަމަށެވެ. ރެޖިސްޓްރޭޝަނަށް ހުށަހަޅާ ލިޔުމަ އެކު ބައެއް ލިޔެކިޔުންތައް ވެސް ހުށަހަޅަން ޖެހެއެވެ. އެއާޕޯޓު ކުންފުނިން ބުނީ، އެއް ބްރޭންޑަށް ވުރެ ގިނަ ބްރޭންޑުތައް ހިންގުމަށް އެއް ފަރާތަކަށް ހުށަހެޅޭނެ ކަމަށެވެ.

ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތާއި، ބިޑު ޑޮކިއުމެންޓް ލިބޭނީ، ރެޖިސްޓްރޭޝަނަށް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، ޝަރުތު ފުރިހަމަވާ ފަރާތްތަކަށް އެކަނި ކަމަށް އެމްއޭސީއެލްއިން ބުނެއެވެ.

މި މަސައްކަތުގެ ވަގުތީ ޓައިމްލައިނެއް އެމްއޭސީއެލްއިން މިހާރު އެކުލަވާލާފައިވާ އިރު، ޕްރޮޕޯޒަލް ހުށަހެޅުމުގެ ކަންކަން ފެބްރުއަރީ މަހުގެ ފުރަތަމަ ހަފްތާގައި ކުރިޔަށް ދާނެއެވެ. އަދި ބިޑު ހުށަހެޅުމުގެ ކަންކަން މާޗު މަހުގެ މެދުތެރޭގައި ކުރޔަށް ދާ އިރު، އޭޕްރިލް މަސް ފެށުމުގެ ކުރިން، ބިޑުތައް އިވެލުއޭޓުކުރުން އޮންނާނެއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓުގައި މިހާރުވެސް ގިނަ ފްރެންޗައިޒް އައުޓްލެޓްތަކެއް ހިންގައެވެ. އޭގެ ތެރޭގައި ބާގަރ ކިންގް، ތައި އެކްސްޕްރެސް، ޑެއިރީ ކުއީން، ދަ ކޮފީ ކްލަބް އަދި ދާދި ފަހުން އެތަނުގައި ހުޅުވި ދަ ޕިއްޒާ ކޮމްޕެނީ ހިމެނެއެވެ.

comment ކޮމެންޓް