ޓީސީގެ ފަރިތަކުރުންތަށް މާދަމާ ފަށަނީ، އިތުރު ހަ ކުޅުންތެރިން އަދި ގުޅޭނެ

މިދިޔަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕްގެ ސެމީ ފައިނަލްގެ ދެވަނަ މެޗުގައި މާޒިޔާ އާއި ޓީސީ ބައްދަލުކުރި މެޗަށް ފަހު -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

އާ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ޓީސީ ސްޕޯޓްސް ކްލަބްގެ ފަރިތަކުރުންތައް މާދަމާ ފެށުމަށް އެ ކްލަބުން ތައްޔާރުވެއްޖެއެވެ.

ޓީސީގެ މެނޭޖަރު މުހައްމަދު އަބީރު 'ސަން' އަށް ވިދާޅުވީ މިވަގުތު މާލޭގައި ތިބި ކުޅުންތެރިންނާ އެކު މާދަމާ ފަތިހު 5:45 ގައި ޓާފް ދަނޑުގައި ފަރިތަކުރުންތައް ފަށާނެ ކަމަށާއި ކުރިއަށް އޮތް ހަފްތާގައި އިތުރު ހަ ކުޅުންތެރިން އަދި ޓީމާ ގުޅޭނެ ކަމަށެވެ.

"އަންނަ ހުކުރު ދުވަހުގެ ކުރިން އަދި ހަ ކުޅުންތެރިޔަކު ޓީމާއި ގުޅޭނެ. އޭގެ ތެރޭގައި ހިމެނެނީ ތިން ބިދޭސީ ކުޅުންނާއި ތިން ދިވެހި ކުޅުންތެރިން. އެ ހަ ކުޅުންތެރިންނާ އެކު މިހާރުމިވަނީ އެއްބަސްވުމަކަށް އާދެވިފެ،" އަބީރު ވިދާޅުވިއެވެ.

ވޭތުވެދިޔަ އަހަރުތަކުގައި ޓީސީ ފެނިގެން ގޮސްފައިވަނީ ޒުވާން ގިނަ ކުޅުންތެރިންތަކަކާ އެކު ރަނގަޅު ނަތީޖާތަކެއް ނެރޭ ޓީމެއްގެ ގޮތުގައެވެ. އަދި ސީޒަން ފެށުމުގެ ކުރިން ޓީސީއާ ގުޅެން ބޭނުންވާ ކުޅުންތެރިންނަށް ޓްރައިލްއެއް ވެސް ބާއްވައެވެ. އަބީރު ވިދާޅުވީ މިސީޒަނުގައި ސީނިއާ ޓީމަށް ކުޅުންތެރިން ނެގުމަށް ޓްރައިލްއެއް ނުބާއްވާނެ ކަމަށާއި ނަމަވެސް ޔޫތު ޗެމްޕިއަންޝިޕްގެ ކުރިން ޒުވާން ޓީމަށް ކުޅުންތެރިން ނެގުމަށް ޓްރައިލްއެއް ބާއްވާނެ ކަމަށެވެ.

ނިމިދިޔަ ސީޒަން އެއްވެސް ތައްޓަކާ ނުލާ ޓީސީ ނިންމާލި ނަމަވެސް އެޓީމުން ވަނީ ލީގްގެ ދެވަނަ ހޯދައި ޕްރެޒިޑެންޓް ކަޕާއި އެފްއޭ ކަޕުގެ އިތުރުން ޔޫތު ޗެމްޕިއަންޝިޕްގެ ފައިނަލްގައި ވެސް ކުޅެފައެވެ.

އާސީޒަނަށް ޓީސީ ނިކުންނައިރު ތަޖުރިބާކާރު ބައެއް ކުޅުންތެރިން ވަނީ ޓީމް ދޫކޮށްލާފައެވެ. މިދިޔަ ސީޒަނުގައި އެންމެ ގިނަ ގޯލު ކާމިޔާބުކޮށް ރަން ބޫޓް ހޯދި އަލީ ފާސިރު (ސެންޓެ) އާއި ޑިފެންޑަރު އަހުމަދު އަބްދުﷲ (ލިލީ)ގެ އިތުރުން ކީޕަރު މުހައްމަދު އިމްރާން ވެސް ވަނީ ޓީމް ދޫކޮށްލާފައެވެ.

އިމްރާންގެ ބަދަލުގައި ޓީސީން ވަނީ ސްރީ ލަންކާ ގައުމީ ޓީމުގެ އެއްވަނަ ކީޕަރު ކިރަން ޝެމްޝޮން އެޓީމަށް ގެނެސްފައެވެ. ދެން އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިޔަކީ މިދިޔަ ދެ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައިި ފޭދޫ ޓީމުން ވިދާލި އިބްރާހިމް މަހުދީ (އިއްބެ)އެވެ. އިއްބެގެ އިތުރުން މިދިޔަ ސީޒަނުގައި ނިއު ރޭޑިއަންޓަށް ކުޅުނު ދެ ކުޅުންތެރިން ކަމަށްވާ އަބްދުﷲ ހަނީފް (ބެންޖޯ) އާއި މުހައްމަދު ސާމިރު މި ސީޒަނުގައި ފެންނާނީ ޓީސީންނެވެ.

އަންނަ ސީޒަނުގައި ވެސް ޓީސީގެ ކޯޗަކަށް ހުންނާނީ ފާއިތުވި ތިން އަހަރު ވެސް އެ ޓީމުން ފެނުނު މުހައްމަދު ނިޒާމް (ނިޒާމްބެ) އެވެ.

comment ކޮމެންޓް